ހަބަރު

ހައްގު ހޯދަން ރިސޯޓް މުއައްޒަފުން ކަނޑުމައްޗަށް

މުސާރައިގެ އެންމެ ދަށް މިންވަރު ކަނޑައަޅައިދިނުމަށާއި ރިސޯޓް މުއައްޒަފުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި ބ. އަތޮޅު ރިސޯޓްތަކުގެ މުއައްޒަފުން ކަނޑު މަތީގައި އިހްތިޖާޖެއް ކުރަން ނިންމައިފި އެވެ.

މުޒާހަރާ އިންތިހާމް ކޮށްފައިވަނީ ބ. އަތޮޅު ރިސޯޓް މުއައްޒަފުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގުޅިގެން ކުރިއަށް ގެންދާ އިހްތިޖާޖެކެވެ. އިހްތިޖާޖް އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ޓީމްގެ ޖެނެރަލް ސެކެރެޓަރީ މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، ރިސޯޓް މުއައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑުމަތީގައި ކަމަށެވެ.

މަޓޭ ވިދާޅުވީ، ބ. އަތޮޅަކީ މޫދުގައި ކަންކަން ޕްރޮމޯޓް ކުރުމުގައި ވަރަށްވެސް ހާއްސަ އަތޮޅެއް ކަމަށެވެ. އެގޮތުން މިހަރަކާތްވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ ކަނޑުމަތީގައި ކަމަށެވެ. މުޒާހަރާގެ ބައިވެރިން ތިބޭނީ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން ކަނޑުމަތީގައި ކަމަށްވެސް މަޓޭ ވިދާޅުވި އެވެ.