ކުޅިވަރު

ސްޕޯޓްސް ކޮމިޝަނަރު ކަމުން އަލީ އުމަރު ވަކިކޮށްފި

ސްޕޯޓްސް ކޮމިޝަނަރުގެ މާގަމުގައި، ހުންނެވި އަލީ އުމަރު އެ މަގާމުން ވަކި ކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވިގެން ގޭގައި ބައިދަވާފައި ހުންނެވި، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަގާމުން އަލީ އުމަރު ވަކި ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރުގެ ޓްވީޓަށް އަލީ އުމަރު ވަނީ ޖަވާބު ދެއްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، ސަސްޕެންޑްކޮށްފައިވާ މިނިސްޓަރެއްގެ ޓްވީޓްގެ ބަދަލުގައި ރަސްމީކޮށް ސިޓީއަކުން އަންގާނެ ކަމަށް ހީކުރި ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނަރު ކަމަށް އަލީ އަމަރު އައްޔަން ކުރެއްވީ، މިދިޔަ އަހަރުގެ މާޗް 28 ގަ އެވެ. އެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އަލީ އުމަރު ވަނީ، އެފްއޭއެމް އެކްސްކޯ މެންބަރުކަން ކުރައްވާފަ އެވެ.

އެފްއޭއެމްގެ އެކްސްކޯއިން މަޖިލިހުގެ ތިން މެންބަރުން ކަމަށްވާ، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހްދީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް، އެކްސްކޯގެ މެންބަރު ކަމުން ވަކި ކުރުމަށް ފަހު އެކްސްކޯގެ މެންބަރު ކަމުގެ މަގާމަށް އަލީ އުމަރު ހަމަޖައްސާފައި ވަނީ، ޖުލައި 23، 2017 ގަ އެވެ.

އެކްސްކޯ މެންބަރު ކަމަށް، އަލީ އުމަރު ހަމަޖެއްސި ނަމަވެސް، ކޮންގްރެސްގައި އޭނާގެ ނަމަ ވޯޓަށް އަހާފައެއް ނުވެ އެވެ. މިދިޔަ އަހަރު މާޗް މަހު 23 ގައި ބޭއްވި ކޮންގްރެސްގައި އަލީ އުމަރުގެ ނަމަށް ވޯޓް އަހާފައި ނުވަނީ، ކުޅިވަރުގެ މަގާމަކާ އެނާ ހަވާލުވުމަށް ހަމަޖެހިފައި ވުމުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވެއެވެ.

އަލީ އުމަރު ވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް ގެ އެކްސްކޯގެ ނައިބު ރައީސްގެ މަގާމު އަދާ ކޮށްފަ އެވެ. ތޯރިގް އިންތިހާބުވިތާ ހަތަރު މަސް ވެސް ނުވަނީސް އޭނާގެ އެކްސްކޯގެ ބާރު ކަނޑުވާލުމަށް އެކްސްކޯއިން އިސްތިއުފާ ދެއްވި މެންބަރުންގެ ތެރޭގައި އަލީ ވެސް ހިމެނެ އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަކީ، 2016 ވަނަ އަހަރު ތަސްދީގް ކުރި ކުޅިވަރުގެ ގާނުން ބާރު ލިބިގެން އުފައްދާފައިވާ މަގާމެކެވެ. އެންމެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރަކީ، ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު 'ޑޭވް' އެވެ. އޭނާ އިސްތިއުފާ ދިނުމުން މަގާމަށް ހަމަޖެއްސީ އަލީ އުމަރެވެ.

އަލީ އުމަރަކީ، ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު ފާހަގަ ކުރެވޭ ކުޅުންތެރިޔެކެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެންޓަ ސްޓައިކަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ކުލަބު ވެލެންސިއާ އާއި ނިއު ރޭޑިއަންޓްގެ އިތުރުން ވީބީ އައްޑޫ އެފްސީއަށް އޭނާ ވަނީ ކާމިޔާބު ހޯދައިދީފަ އެވެ.

ސަރުކާރުން ވަނީ ސްޕޯޓްސް ކޮމިޝަނަރު ކަމަށް ގެނައުމަށް، ވިކްޓަރީގެ ނައިބު ރައީސް އަދި ވިކްޓަރީ އާއި އައިއެފްސީގެ ކުރީގެ ކޯޗް މައުރޫފް އަހްމަދު 'މާއްޓޭ' އާ ވާހަކަ ދައްކާފަ އެވެ.