ރައްޔިތުން މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލެއް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ އާންމު ކޮމިޓީ އިން މިއަދު އުސޫލެއް ފާސް ކުރީ 2017 ވަނަ އަހަރު، ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަ ކުރުމަށް އޭރުގެ އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައާ ގުޅިގެން އެ ކޯޓުން ނެރުނު ހުކުމަކާ ގުޅިގެނެވެ.
މިއަދު ފާސް ކުރި އިސްލާހުގައި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބު ދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ހިމަނާފައި ވެއެވެ.
އެގޮތުން އިތުބާރު ނެތް މައްސަލާގެ ދިފާއުގައި ވާހަކަ ދައްކަވާ ވަޒީރަކަށް، ފަނޑިޔާރަކަށް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރަކަށް ގާނޫނީ ވަކީލުން ބޭނުންވެއްޖެ ނަމަ އެ ފުރުސަތު ދޭން ޖެހެ އެވެ. އެގޮތުން ބޭނުން ކުރެވޭނީ ގިނަ ވެގެން ދެ ވަކީލެއް ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
ކުރިން އޮންނަ ގޮތުން އިތުބާރު ނެތް މައްސަލަތަކުގައި ޖަވާބު ދާރީވުމަށް ދެވޭނެ ގަޑި ކަނޑައަޅަނީ ވަކި ކޮމިޓީ ބައްދަލުވުމަކުންނެވެ. ނަމަވެސް އާ އިސްލާހުގައިވާ ގޮތަކުން ކޮންމެ ފަރާތަކަށް ވެސް ޖަވާބު ދާރީވުމަށް ދެ ގަޑިއިރުގެ ވަގުތު ދޭން ޖެހެ އެވެ.
ގަވައިދުގައިވާ ގޮތުން މަޖިލީހުގެ އަގުލަބިއްޔަތުން އިތުބާތު ނެތް މައްސަލަ ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ ހިނދުން އެ ހިނދަށް ވަޒީރު ވަކިވާނެ އެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހެޅި ބަހުސް ކުރަމުން ދިޔަ އިރު ޕީޕީއެމް އާއި އެމްޑީޕީ މެންބަރުންގެ ބަހުސްތަކެއް ހިނގި އެވެ. ޕީޕީއެމްގެ މެންބަރުން ބޭނުންވީ އިސްލާހު ވަގުތުން ވަގުތަށް ފާސް ކުރާށެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އިސްލާހު ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި މިއަދުން މިއަދަށް މައްސަލަ ނުނިންމަން އެދޭ ކަމަށެވެ.
ނަމަވެސް ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީތަކުގެ މެންބަރުންގެ ގުޅިގެން ގަވައިދު ފާސް ކުރީ އެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ތިން މެންބަރުންނެވެ.
އިތުބާރު ނެތް މައްސަލަތަކާ ބެހޭ ގަވައިދެއް ހަދާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. އެ މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދަނީ އެ މައްސަލަ ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލެއް އެކުލަވައިލާފައި ނުވާތީ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.