ސާފް ޗެމްޕިއަންޝިޕް

ފުރަތަމަ މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

ނޭޕާލްގައި މިހާރު ކުރިއަށްދާ، އަންހެން ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް "ބީ" ގެ ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެ އެވެ.

މޮޅާއެކު، އިންޑިއާއަށް ވަނީ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހި ވެފަ އެވެ.

ނޭޕާލްގެ ބިރާޓްނަގަރު ސިޓީގެ، ޝާހިދު ރޭންގްސާލާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޑިއާ ޓީމުގެ، ސަންޖޫ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ހަތަރު ލަނޑު ޖެހީ، ގްރޭސީ ޑޭންގްމީ، ސްވީޓީ ޑޭވީ، އިންދޫމާތީ ކަތީރީސަމް އަދި ރަތާން ބަލާ ދޭވީ އެވެ.

މުބާރާތުގައި، ދެން ރާއްޖެ ކުޅޭ މެޗު އޮންނާނީ ހުކުރު ދުވަހު އެވެ. އެދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ރާއްޖެއަށް ލިބޭނެ އެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން ހުކުރު ދުވަހު މެންދުރު ފަހު 2:15 ގަ އެވެ.

އިންޑީއާގައި 2016 ވަނަ އަހަރު ބޭއްވި މުބާރާތުގައިވެސް ރާއްޖެ ވަނީ ލަންކާ ބަލިކޮށްފަ އެވެ. މެޗު ރާއްޖެއިން ކާމިޔާބު ކުރީ 5-2 ންނެވެ. އެފަހަރު މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރު ކުރި އެވެ.

ހުކުރު ދުވަހު ރާއްޖެއިން ލަންކާ ބަލިކޮށް، އަންނަ އާދިއްތަ ދުވަހު، އިންޑިއާ އާއި ލަންކާ ކުޅޭ މެޗުން އިންޑިއާ މޮޅު ވެއްޖެނަމަ ސެމީގެ ޖާގަ ލިބޭނީ ރާއްޖެ އާއި އިންޑިއާ އަށެވެ.