ހަބަރު

އިންޑިއާގެ ފޮރިން މިނިސްޓަރު އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

Mar 14, 2019
2

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް "އަވަސް" އަށް މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރުހުރި މަސްދަރަކުން "އަވަސް" އަށް މައުލޫމާތު ދިން ގޮތުގައި، ސުޝްމާ ސްވަރާޖް ރާއްޖެ ވަޑައިގެން ރަސްމިއްޔާތެއް ވެސް ބޭވުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ވެސް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި އެވެ.

އެކަމާއި ގުޅިގެން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީން ބުނީ އެފަދަ ދަތުރުފުޅެއްގައި ވަޑައިގަންނަވަނީ ނަމަ ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން އެކަން އިއުލާނުކުރާނެ ކަމަށެވެ. ނަމަވެސް، ސްވަރާޖް ވަޑައިނުގަންނަވާނެ ކަމަށް އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅެއްނުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަން ބަދަހިވެފަ އެވެ. ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި ރައީސް ސޯލިހުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެސް ކުރައްވާފައިވަނީ އިންޑިއާ އަށެވެ.

އެ ދަތުރުފުޅުގައި އިންޑިއާއިން ވަނީ ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއަކާ އެކު 1.5 ބިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިޓީއެއް ދޫކުރުމަށް ނިންމައިފަ އެވެ.

މީގެ އިތުރުން ވެސް ތައުލީމީ އަދި ސިއްހީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެއްގައި ރާއްޖެ އިންޑިއާ ވަނީ ސޮއިކޮށްފަ އެވެ.