އެސްޓީއޯ

ކާޑުގެ އެޖެންޓުން ހޯދަން އެސްޓީއޯއިން އަނެއްކާ އިއުލާންކޮށްފި

މާލޭއާ އެއްއަގެއްގައި ކާޑުގެ ބާވަތްތަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފައިވާ އަގުގައި ވިއްކައިދޭނެ އެޖެންޓުން ހަމަޖެހިފައިނުވާ 87 ރަށަކުން އެޖެންޓުން ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އިން އިއުލާންކޮށްފި އެވެ

އެސްޓީއޯއިން އިއްޔެގެ ވަގުތެއްގައި ކުރި އިއުލާނެއްގަ ބުނެފައިވަނީ، ކާޑުގެ ބާވަތްތަށް މާލޭއާ އެއްއަގެއްގައި އަތޮޅުތަކުގައި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 18 ވަނަ ދުވަހުގެ ކުރިން އެރަށެއްގެ އެސްޓިއޯ ފާމަސީ އަށް ވަޑައިގެން ރަޖިސްޓްރީ ވުމަށް އެދިފަ އެވެ. އެސްޓީއޯގެ ވެބް ސައިޓުގައި ކުރި އެއިއުލާނުގައި ވަނީ ކާޑު އެޖެންޓުން ބޭނުންވާ 87 ރަށުގެ މައުލޫމާތު ހިމަނާފަ އެވެ.

އެއިއުލާނުގައި އިތުރަށް ބުނެފަވަނީ ކާޑު އެޖެންޓަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލާން ކަރުދާސް އެރަށެއްގެ އެސްޓީއޯ ފާމަސީން ލިބެން ހުންނާނެ ކަމަށެވެ. ބީލަން ކަރުދާސް އެސްޓީއޯ ހެޑް އޮފީސް އާއި އެސްޓީއޯ ސްޓޭޓްޕްލަސް ފުޑްސް އިންނާއި އެސްޓީއޯގެ ވެބް ސައިޓުވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ބީލަން ކަރުދާސް ހުޅުވުން އޮންނަނީ މިމަހު 21 ވަނަ ދުވަހު އެރަށެއްގެ ފާމަސީއިން ކަމަށްވެސް އެސްޓީއޯގެ އިއުލާނުގައި އިތުރަށް ބުނެފައިވެ އެވެ.

އަތޮޅުތަކުގައި މާލޭއާ އެއް އަގެއްގައި ކާޑުގެ ބާވަތްތަށް ވިއްކުމަށް ކޮންމެ ރަށަކަށް އެޖެންޓް ކަނޑައަޅަން އެސްޓީއޯއިން އެންމެ ފުރަތަމަ ނިންމީ މިދިޔަ ފެބްރުއަރީ 10 ވަނަ ދުވަހު އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކާޑު އެޖެންޓުން ހޯދުމަށް އެސްޓީއޯއިން މީގެކުރިން ކުރި އިއުލާންތަކާއި ގުޅިގެން އެކަށީގެންނާ އަދަދަކަށް ބައެއް ރަށްރަށުން އެޖެންޓުން ޝައުގުވެރިކަން ފައުޅުކޮށްފައިނުވެ އެވެ. އަދި ޝައުގެވެރިކަން ފައުޅުކުރާ ބައެއް ފަރާތްތަކުގެ ޝަރުތު ހަމަނުވުމަކީވެސް އެޖެންޓް ހޯދުމަށް ދިމާވަމުންދާ ދަތިކަމެއް ކަމަށް އެސްޓީއޯއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.