ހަބަރު

ފުޓްބޯޅަ މުބާރާތް ބާއްވައިގެން އަލްހާން އޭސީސީއަށް ހާޒިރުކުރަނީ

Mar 14, 2019
5

އަލްހާން ސްޓްރީޓް ސޮކާ ކަޕް ބޭއްވި މައްސަލާގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ތަހުގީގު ކުރަން ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ޖޭޕީގެ ކެންޑިޑޭޓް އަލްހާން ފަހުމީ އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.

އަލްހާންގެ މައްޗަށް ތުހުމަތުކޮށް އޭސީސީއަށް މިއަދު ހާޒިރުވުމަށް އަންގާ މިއަދު ފޮނުވި ޗިޓްގައި ބުނެފައި ވަނީ، އަލްހާން އޭސީސީއަށް ހާޒިރު ކުރަނީ މަޖިލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓަކަށްވެ ހުންނަވައިގެން އަލްހާން ފަހުމީ ގާނޫނާ ހިލާފަށް މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމުތައް ދޭ ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ.

އޭނާ އޭސީސީއަށް ހާޒިރު ކުރަނީ މިއަދު ހަވީރު 3:00 އަށެވެ.

އަލްހާން ވިދާޅުވީ ފުޓްބޯޅަ މުބާރާތް ބާއްވާ އިޖުތިމާއީ ހަރާކާތް ހިނގާ ހެދުމަކީ ވަކި މީހަކަށް އޮން ކަމެއް ކަން އެނގިވަޑައިގެންފައި ނޯންނަ ކަމަށާއި އަދި އަމުދުން އެއީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެއް ގޮތަކަށް ވެސް އެނގި ވަޑައިގެންފައި ވެސް ނެތް ކަމަށެވެ.

"ދެން އެހެން ނަމަވެސް ވެދާނެ ބަޔަކު މައްސަލައެއް ހުށަހެޅުމުން އެކަމެއް ބަލައިލަން އޭސީސީން އުޅުއްވަނީ ކަމަށްވެސް. އޭގެ ކުރިން އަޅުގަނޑު ދަންވަން އޮތީ މި މުބާރާރަކީ ވެސް ވަކި ބަޔަކަށް ހުޅުވާލި މުބާރާތެއްވެސް ނޫނޭ ބޭނުން ކޮންމެ ބަޔަކަށް ބައިބެރިވެވޭ ގޮތަށް ހުޅުވާލި މުބާރާތެކޭ މިއީ،"

މާލޭގެ އެކި ސަރަހައްދުތަކުން 33 ޓީމް ބައިވެރިވެގެން އަލްހާން ސްޓްރީޓް ސޮކާ ކަޕް ބޭއްވީ މިދިޔަ ފެބުރުއަރީ 29 ގަ އެވެ. ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުކޮށްގެން ބޭއްވި އެ މުބާރާތުގައި އެއްވަނަ ޓީމަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަށް 25،000 ރުފިޔާ ވަނީ ދީފަ އެވެ.

އަލްހާންގެ އިތުރުން ވެސް އެކި ދާއިރާތަކަށް ވާދަ ކުރާ އެހެން ގިނަ ކެންޑިޑޭޓުން ގެންދަނީ ފުޓްސެލް މުބާރާތްތައް ބާއްވަމުން އެވެ.