ދުނިޔެ

ބޮއިންގް އިން 737 މަރުކާގެ ހުރިހާ ބޯޓެއް ގްރައުންޑުކޮށްފި

Mar 14, 2019

އިތިއޯޕިއަން ފްލައިޓު ވެއްޓުނު ސަރަހައްދުން ލިބިފައިވާ އާ ހެކިތަކެއްގެ އަލީގައިކަމަށް ބުނެ، އެ މަރުކާގެ ހުރިހާ މަތިންދާބޯޓެއް ބޮއިންގް އިން ގްރައުންޑުކޮށްފި އެވެ.

މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުނިން 737 މެކްސް 8 މަރުކާގެ 371 ބޯޓު އުދުހުން މަނާ ކޮށްފައިވާ ކަމަށެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ، ބޮއިންގްގެ އެ މަރުކާގެ ބޯޓުތައް ވަގުތީ ގޮތުން ގްރައުންޑުކުރަން ނިންމާފައިވަނީ ވެއްޓުނު އިތިއޯޕިއަން ފްލައިޓުން ހޯދުނު ހެކިތަކުގެ އިތުރުން ސެޓެލައިޓް މައުލޫމާތުތަކުގެ އަލީގައި ކަމަށެވެ.

ގިނަ ގައުމުތަކުން މެކްސް 8 ގެ ބޯޓުތައް އުދުހުން މަނާކުރި ނަމަވެސް، ފޭއޭއޭ އިން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

އާދީއްތަ ދުވަހު އިތިއޯޕިއާއިން ފުރައިގެން 157 ފަސަންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެވެ. ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުން ދަތުރުކުރި ހުރިހާ ފަސަންޖަރުން އެ ހާދިސާގައި މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މިއީ، ފާއިތުވި ފަސް މަހުގެ ތެރޭގައި އެ މަރުކާގެ ބޯޓެއް ވެއްޓުނު ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރު މަހު، އެ މަރުކާގެ ލަޔަން އެއާ ބޯޓެއް ވެއްޓި، 189 މީހުން ވަނީ މަރުވެފައި އެވެ.

"މި ކުންފުނިން ކުރީބައިގައި އިސް ނަގައިގެން މިފިޔަވަޅު އަޅަނީ އިތުރަށް ރައްކާތެރި ވުމުގެ ގޮތުން"، ކުންފުނީގެ ރައީސް، ސީއީއޯ އަދި ޗެއާމަންގެ ގޮތުގައި ހުންނެވި ޑެނިސް މުއިލެންބާގް އެކުންފުނީގެ ވެބް ސައިޓުގައި ދީފައިވާ ސްޓޭޓްމަންގައި ބުނެފައިވެ އެވެ.

"އަހަރެމެން މިދަނީ މި އެކްސިޑެންޓު ދިމާވި ސަބަބެއް ހޯދުމަށް ތަހުގީގު ކުރާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން، އަދި މިކަހަލަ އިތުރު ހާދިސާތަކުން ސަލާމަތްތެރިވެ، ތަކުރާރު ނުވާނޭ ގޮތެއް ހޯދުމަށް"، މުއިލެންބާގް ހާމަކުރި އެވެ.

ދެ ހާދިސާގެ ތަހުގީގުން ލިބިފައިވާ މައުލޫމާތުން ފެންނަ ގޮތުގައި ދެ ހާދިސާގައި ވެސް އެއްގޮތް ކަންތައްތަކެއް ހުރިކަމުގައި ފެންނާތީ އިތުރަށް ތަހުގީގުކުރުން މުހިންމުކަމުގައި އެފްއޭއޭ އިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

އަދި އެ މަރުކާގެ ބޯޓުތައް ގްރައުންޑްކުރާނީ ކިހާ މުއްދަތަކަށް ކަމެއް ބުނަން ދަތިކަމަށް، އެފްއޭއޭގެ އިސް ހިންގުތެރިއެއް ކަމުގައިވާ ޑޭން އެލްވެލް ނޫސްވެރިންނަށް ވިދާޅުވެފައިވެ އެވެ. ލަޔަން އެއާގެ ފްލައިޓު ވެއްޓުމަށް ފަހު ބޮއިންގުން މެކްސް 8 އަށް ތައްޔާރު ކުރަމުން އައި ސޮފްޓްވެއާ ރަނގަޅުކުރުމަށް އަދި މަސްތަކެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.


އެފަރާތުން އެގޮތަށް ނިންމާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މެކްސް 8 އަދި 9 މަރުކާގެ ހުރިހާ ބޯޓެއް އުދުހުން މަނާ ކުރުމަށް ނިންމެވުމާއި ގުޅިގެންނެވެ.

"އަހަރެން ބޭނުމެއް ނުވޭ އިތުރު ޗާންސެއް ނަގާކަށް، ބޭނުން ނަމަ މި ނިންމުން ލަސްވެސް ކުރެވުނީސް، އަދި މިގޮތަށް ނިންމާކަށް މަޖުބޫރެއްވެސް ނޫން، ނަމަވެސް އަހަރެންނަށް ވިސްނުނީ މިކަން ކުރުން ނަފްސާނީ ގޮތުންވެސް އެހެން ގޮތްގޮތުންވެސް މުހިންމުކަން، މިވަގުތު ވިސްނަންވާނީ އެމެރިކާ ރައްޔިތުންގެ، އަދި ހުރިހާ ގައުމެއްގެ ރައްޔިތުންގެ ސަލާމަތަށް"، ޓްރަމްޕް ވިދާޅުވެފައިވެ އެވެ.