ދުނިޔެ

ވިހަ ދުމުގެ އަސަރުކޮށްގެން މެލޭޝިއާގެ 111 ސްކޫލެއް ބަންދުކޮށްފި

Mar 14, 2019

ކުއަލަ ލަމްޕޫރު (މާޗް 14) - ވިހަ މާއްދާތަކެއް ކޯރަކަށް އުކާލުމުގެ ސަބަބުން، ފެތުރުނު ވިހަ ދުމުގެ އަސަރުކޮށްގެން އެތަކެއް ސަތޭކަ މީހުންނަށް ފަރުވާދެމުންދާއިރު، މެލޭޝިއާ ސަރުކާރުން ސަތޭކައަށް ވުރެ ގިނަ ސްކޫލް ބަންދުކޮށްފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވިހާ މާއްދާތަކެއް ހިފައިގެން ދަތުރުކުރި ލޮރީއެއް ވަނީ، ދުކުނު ޖޯހޯރު ސަރަހައްދުގައި އޮންނަ ކޯރަކަށް އެތަކެތި އުކާލައިފަ އެވެ. އެ ތަކެތިން އުފެދުނު ދުންގަނޑު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފަ އެވެ. އެ ދުމުގެ އަސަރު ކުރި މީހުން ވަނީ ވިހައިގެ އަސަރުކޮށްގެން ހޮޑުލައި ބޯއެނބުރުމުގެ އަލާމަތްތަކާއެކު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފަ އެވެ.

އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެ ވިހަ ދުމުގެ އަސަރު 500 އަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކިޔަވާ ކުދިން ކަމަށެވެ. އަދި ވިހަވި މީހުންގެ ތެރެއިން 160 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

އެ ވިހަ މާއްދާތައް ކޯރަށް އުކައިލި މައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.