ޕުތްރަޖަޔާ - މެލޭޝިއާގެ އަމިއްލަ ހޮސްޕިޓަލުތަކުގައި ދެވޭ ކެންސަރުގެ ފަރުވާ އަގުހެޔޮ ކުރުމަށް ދިރާސާ ކުރަމުން ގެންދާކަމުގައި އެ ގައުމުގެ ހެލްތު މިނިސްޓަރު ޒުލްކިފްލީ އަހުމަދު ވިދާޅުވެއްޖެ އެވެ.
"ދިރާސާ މިކުރަނީ މިނިސްޓްރީ އޮފް ޑޮމެސްޓިކް ޓްރޭޑް އެންޑް ކޮނަސޫމާ އެފެއާޒް ގެ އިތުރުން އެހެން އެޖެންސީތަކާއި ގުޅިގެން ކެންސަރު ބައްޔަށް ދެވޭ ބޭހާއި ފަރުވާގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދުމަށް. އެކަމަކު ހެލްތު މިނިސްޓްރީގެ ފަރާތުން ދެވޭ ފަރުވާގައި އަގާއި ގުޅުންހުރި އެއްވެސް މައްސަލައެއް ނޯންނާނެ. މިނިސްޓްރީގެ ފަރާތުން ދެވޭ ބޭސް ފަރުވާގެ އަގު އޮންނާނީ ކޮންޓްރޯލް ކުރެވިފައި،" މިނިސްޓރީއަށް މި ދިރާސާ ކުރުމުގައި ވަގުތު ބޭނުންވާނެ ކަމުގައި ހާމަކުރަމުން ޒުލްކިފްލީ ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ދުވުމުގެ ޕްރޮގްރާމް ނެޝަނަލް ކެންސާ އިންސްޓިޓުއުޓް ގައި އިފްތިތާހު ކޮށްދެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުލްކިފްލީ ވަނީ ގައުމުގެ ހުރިހާ ރައްޔިތުން އެއީ އަދި ކޮންމެ އުމުރެއްގެ މީހެއްކަމުގައި ވީނަމަވެސް ކެންސަރަށް ޓެސްޓު ކުރުމަށް ބާރުއަޅާ އިރުޝާދު ދެއްވާފަ އެވެ. އޭނާ އިރުޝާދު ދެއްވާފައި ވަނީ ކުރީބައިގައި ކެންސަރަށް ޓެސްޓު ނުކުރެވުމުގެ ސަބަބަުން ފަހުން އެބައްޔަށް ބޭސް ކުރަން އުނދަގޫވެ އަގުވެސް ބޮޑުވާނެކަމުގަ އެވެ.
ޒުލްކިފްލީ ހާމަކުރާގޮތުގައި އެ ގައުމުގެ ސަރުކާރުން މިހާރުވެސް ގެންދަނީ ކެންސަރު ބައްޔަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކެމްޕޭންތައް ހިންގަމުން ނެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމާ ދުރުވުމަށް ބާރު އަޅާ ޕްރޮގްރާމް ތަކާއި ރަލާއި ދުރުވުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ހަކުރު މަދު ކުރާނެ ގޮތްތައް ކިޔާދެވެ އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) ގެ ދިރާސާތަކުން ދައްކާ ގޮތުގައިވެސް ރަނގަޅު ލައިފްސްޓައިލް އެއް ގެންގުޅޭނަަމަ 30 އަދި 50 ޕަސެންޓުގެ ކެންސަރު ކޭސްތަކުން ސަލާމަތް ވެވޭނެ އެވެ.