ދުނިޔެ

ޓިއުނީޝިއާ: 11 ކުޑަކުދިން މަރުވުމުން، މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ތޫނިސް (މާޗް 11) - ޓިއުނީޝިއާގެ ވެރިރަށުގައި ހުންނަ ދައުލަތުގެ މެޓާނިޓީ ހޮސްޕިޓަލެއްގައި އަލަށް ވިހޭ ތުއްތު ކުދިންތަކެއް މަރުވެ އެކަމުގެ ތަހުގީގުތަކެއް ކުރަން ފެށުމާއި ގުޅިގެން އެ ގައުމުގެ ހެލްތު މިނިސްޓަރު އަބްދުލް ރައޫފް އަލްޝަރީފް އިސްތިއުފާ ދެއްވައިފި އެވެ.

ޓިއުނީޝިއާގެ ނޫހެއް ކަމުގައިވާ ތޫނިސް އަފްރީކް ޕްރެސް (ޓެޕް) އިން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ހެލްތު މިނިސްޓްރީން ހިންގާ ރަބްތާ ހޮސްޕިޓަލުގައި އަލަށް ވިހެއި 11 ކުއްޖަކު މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ތެރޭގައި މަރުވެފައި ވެއެވެ.

އެކަމާއި ގުޅިގެން، ހެލްތު މިނިސްޓަރުގެ އިސްތިއުފާ، ބޮޑު ވަޒީރު ޕްރައިމް މިނިސްޓަރު ޔޫސުފް ޝާހިދު ވަނީ ގަބޫލު ކުރައްވައިފަ އެވެ. އަދި މިމައްސަލަ ތަހުގީގު ކުރުމަށް އަމުރު ކުރައްވައި މި މައްސަލާގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ބޮޑު ވަޒީރު ދެއްވާފައި ވެއެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ކުދިން މަރުވެފައި ވަނީ ލޭގައި އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ލިބުނު ސެޕްޓިކް ޝޮކެއްގަ އެވެ.

މި މައްސަލައިގެ ޖުޑިޝަލް ތަހުގީގެއް ކުރުމަށް އެ ގައުމުގެ ޕީޖީ އޮފީހުން ވެސް ވަނީ އަމުރެއް ނެރެފަ އެވެ.

ފައިސާގެ ދަތިކަމާއި އިދާރީ ހިންގުން ދޯހަޅިވުމުގެ ސަބަބުން ޓިއުނީޝިއާގެ ސިއްހީ ނިޒާމު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ޒައިނުލް އަބްދީން ބިން އަލީގެ ވެރިކަން 2011 ގައި ވެއްޓިގެން ދިއުމަށްފަހު ވެރިކަމުގެ ނިޒާމު ޑިމޮކްރެޓިކް ވެރިކަމަކަށް ބަދަލުވެގެން ދިޔައިރު އެ ގައުމަށްވަނީ އިގުތިސޯދީ ވަޅުގަނޑަކަށް ވެއްޓިފައި އެވެ.