(12 މާރިޗު 2019 އާ ގުޅޭ)
ހަތޯރުގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ސޭމެސް ވާހަކަދެއްކިއެވެ. އެ މީހުންގެ ވާހަކަ އަޑުއިވޭ ހިސާބުގައި ދާރިއުސް ހުއްޓެވެ.
ސޭމެސްގެ ވާހަކަތައް އަޑުއަހާފައި ހަތޯރު ބަހެއް ނުބުންޏެވެ. ރައުލް ދިޔަ ދިމާއަށް ބަލަން އޭނާ ހުރީއެވެ. ދާރިއުސް ވާހަކަދެއްކީ ދެނެވެ. އޭނާގެ މަދުރާއާ މެދު ވިސްނާކަން ދާރިއުސް ހާމަކުރިއެވެ. އޭނާގެ މަންމަ އެ މީހުންނާ ބައިވެރިވާން ދާރިއުސްގެ ހިތް އެދެއެވެ. އެހެންވިޔަސް ބޭރީތާ ދުރަށްދިއުމުގެ ޚިޔާލެއް މަދުރާގެ ނެތެވެ. އެ ދެމެދުގައި އޮންނަ ގުޅުމަށް ފާޑުކިޔުމުގެ އިޒުނައެއް ވެސް ދާރިއުސްއަކަށް ނެތެވެ. އޭނާ ވެސް ބޭނުންވަނީ އަމިއްލަ ނިންމުމުގެ މަތީ ސާބިތުވެ ހުންނާށެވެ. އެއީ ރައުލްއާއެކީއެވެ. ދިމާކަމެއް ދިމާވާނީ ފަހުންތާއޭ ދާރިއުސްގެ ހިތަށް އެރިއެވެ. އޭރުން ވެސް އެކަންކަމުން އަރައިގަންނާނޭ ގޮތެއް ރައުލް ވިސްނާނޭކަން އެނގޭތީ ދާރިއުސް އެކަން ދޫކޮށްލީ ރައުލްގެ އަތްމައްޗަށެވެ.
* * * * *
ދެ ދުވަސް ވޭތިވެ ދިޔައިރު ވެސް އީޝަލް ވީ ކޮންތާކުކަމެއް ޒިޔަޒެލް ހާމައެއްނުކުރިއެވެ. ރައުލް ގާތު ބުނަމުން އައީ މީކާޢިލް އޭނާގެ ދަރިފުޅު ގޮވައިގެން އެނބުރި އަންނާނޭ ކަމުގައެވެ. ނަމަވެސް ރައުލް ވަނީ އިންތިޒާރު ކުރެވޭ ހާލަތެއްގައެއް ނޫނެވެ. އީޝަލް އެނބުރި އައުމުން އޭނާގެ ޢާއިލާގެ މެންބަރުންގެ މެދުގައި ކައިވެންޏާ މެދު މަޝްވަރާ ކުރެވޭނެކަން ޒިޔަޒެލް ބުނި ބުނުން ރައުލްއަށް އުނދަގޫ ކުރަނީއެވެ. އެ މީހުން ޤަބޫލުނުވެއްޖެނަމަ އީޝަލްއާއި ރައުލްގެ ގުޅުމަށް ބޮޑު ހުރަހައެއް އެޅިގެންދާނޭ ހީވަނީއެވެ.
"އީޝަލް އަހަރެންނާ ރުހި އަނތްބެއްގެ ގޮތުގައި އަހަރެންނާ ގުޅެން އެއްބަސްވެއްޖެނަމަ އެ ހިސާބުން އޭނާ އަހަރެންގެ އަނތްބަކަށްވާނެ" ޚިޔާލަކަށް ގެއްލި އިނދެ ރައުލް ބުންޏެވެ. އޭނާގެ ވާހަކަތައް އިވުމުން ޒިޔަޒެލް ލުއި ގޮތަކަށް ހީނލިއެވެ. ލިބުނު ހައިރާންކަމުން ރައުލްގެ ނަޒަރު ޒިޔަޒެލްއާ އަމާޒުވިއެވެ.
"ތީ ވެސް އެއްގޮތް، އެކަމަކު ރައުލް އެދުނީ މީކާޢިލްގެ ގާތުން އޭނާގެ ދަރިފުޅު ހިބަކޮށް ދިނުމަށް، އަހަރެންނަށް އެނގޭ އެހެން ކަލޭ ބުނީ އީޝަލް ކަލޭގެ އަނތްބެއްގެ ގޮތުގައި ބައިންދަން ބޭނުންވަނީ އޭނާގެ ޢާއިލާގެ ރުހުން ވެސް ލިބިގެންކަން، އަހަރެން އަޖައިބުވޭ ބޭރީތުގެ ކަލޭ ފަދަ ވިސްނުމެއް ގެންގުޅޭ ދަރިއަކު ހުރީތީ... ކަލޭ ކުޑަކޮށް ވެސް ޖެހިލުމެއްނުވޭތަ އެ މީހުންކޮށްފާނޭ ކަމަކަށް" ޒިޔަޒެލް ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ.
"އަހަރެން ބޭނުންވަނީ އެ މީހުންނާ ދުރުގައި އަހަރެންގެ އަމިއްލަ ދިރިއުޅުމެއް އުޅެން، އީޝަލްގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒެއް އޮންނާކަށް އަހަރެން ބޭނުމެއްނޫން... އެ ހެޔޮ އޭނާގެ ޢާއިލާއަށް ވިޔަސް" ރައުލް ބަލާލުމުގައިވީ ސީރިއަސްކަން ޒިޔަޒެލްގެ ހިތުން އޭނާއާމެދު ޝައުގުވެރިކަން އިތުރުކުރުވިއެވެ.
"ކަލޭގެ ބާރާމެދު އަހަރެން ޝައްކެއްނުކުރަން، އަހަރެންގެ އީޝަލްއަކީ ނުކިޔަމަންތެރި ބާރުތައް ކިޔަމަންކުރަން އެނގޭ ކުއްޖެއް، ލުގަލް އެކޭ ކަލެއެކޭ ތަފާތެއްނެތް... ހެ ހެ ހޭ... އެ ސޮރު ކިޔަމަން ކުރިހެން އީޝަލްގެ ކޮންމެ އިޝާރާތަކަށް ކަލޭ ވެސް އެނބުރެމުން ތިދަނީ، އީޝަލްއަކީ ދަގައްފާނޭކަހަލަ ކުއްޖެއް، ޖިންނީންގެ ސަމާލުކަން އޭނާ ހޯދާގޮތެއް ވެސް ނޭނގޭނެ، އޭނާގެ ފަހަތުގައި އަހަރެމެން މިހާތަނަށް ދުށް ޖިންނީންގެ ތެރޭ ނުހިމެނޭ އެތައް ބާރެއް އެއްތަންވެ ތިބޭނޭ އަހަރެންގެ ހިތް ބުނޭ، ކަލެއަށް އެކަމެއް ނުހުއްޓުވޭނެ" ޒިޔަޒެލް ހީވަނީ ރައުލްއާ ދިމާކުރާހެންނެވެ. ރައުލް ގަޔާނުވެގެން އަނގައިން އަޑެއް ލައްވާލިއެވެ.
"އަހަރެންނާ އެ ހައިވާނާ އެއްވަރު ކުރަނީތަ؟" ރައުލް ބުނެލިއެވެ. ރައުލް އެއްބަސްވާން ބޭނުންނުވިޔަސް އޭނާ ލުގަލްބަންދާއާ ގަޔާނުވަނީ އީޝަލްއާ އެހާ ގާތުގައި އޭނާ އުޅޭތީއެވެ. ލުގަލްބަންދާ ވެސް އީޝަލްއާ މެދު ޝައުގުވެރިވާހެން އޭނާއަށް ހީވާތީއެވެ. އެއިން އެއްވެސް ކަމެއް ޒިޔަޒެލްގެ ކުރިމަތީ ފާޅުކުރާކަށް ރައުލް ބޭނުމެއްނޫނެވެ. އޭނާއަށް ވީގޮތް ފެނި މިފަހަރު ވެސް ޒިޔަޒެލް ޖަހާލީ ހިނިގަނޑެކެވެ.
* * * * *
ރީތި އަމާން ފަތިހަކަށް އިރުގެ ފުރަތަމަ ދޯދި ކަނޑުގެ ސަތަހައިން މައްޗަށް ފާޅުވެލިއިރު ރައުލް އޮތީ ފަޅުތެރޭގައެވެ. ލޮނުގަނޑުމަތީ އުއްޑުންނެވެ. އަލިވަމުން އައި ދިމާއަށް ބަލާށެވެ. އޭރު ދެންތިބި އެންމެން އަދިވަނީ ނިދީގެ ތެރޭގައެވެ. ރަށްމަތިން ދަތުރުކުރި އެއްޗެއް ލޮލަށް ނުފެނުނެއްކަމަކު ރައުލްއަށް ވަށައިގެން ހޯދާލެވުނެވެ. އޭނާއަށް ތަފާތު އިޙްސާސްއެއް ކުރެވުނީއެވެ. ހަލުވިކަމާއެކު މޫދުން އެއްގަމަށް އޭނާ އެރިއެވެ. ޒިޔަޒެލްގެ ގެއާ ދިމާއަށް އޭނާ އައީ ވަކި މަޤްޞަދެއްގައެއްނޫނެވެ. ދުރުން އޭނާއަށް ޒިޔަޒެލްގެ ގެ ވަށައިގެން ބިޔަ ދެ ޖިންނީން ހުއްޓި ތިއްބާ ރައުލްއަށް ފެނުނެވެ. ޒިޔަޒެލްގެ ގެއާ ކައިރިވާން ރައުލް ބޭނުންނުވީ އެހެންވެއެވެ. އަޅާފައި ތިބި ހެދުމުން އެ މީހުންނަކީ އަސްކަރީ ތަމްރީނުތައް ލިބިފައިވާ ސިފައިންކަން ރައުލް ދެނެގަތެވެ. ހަމައެއާއެކު އެތައް ސުވާލެއް ހިތުގައި ފުނިޖެހެމުންދިޔައެވެ. މި ނޫނީ އެފަދަ ޖިންނީން ރައުލް ނުދެކެއެވެ. ދެން އޭނާއަށް ފެނުނީ އަންހެނަކު ބެރެބެދިގަހުން ނުކުތްތަނެވެ. އޭނާގެ ފަހަތުން ޒުވާނަކު ނުކުމެ އެ އަންހެން މީހާގެ އަތުގައި ހިފައި އަލުން ގޭތެރެއަށް ވައްދައިފިއެވެ. ކުރިއަށް ރައުލް ޖެހިލަންވީއިރަށް އެތަނުގައި ތިބި ސިފައިންގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެއެވެ. އެހެންވެ އަވަސް އަވަހަށް އެ މީހުންނަށް ފެނުމުގެ ކުރީން އެތަނުން ރައުލް ދިޔައީއެވެ.
"އީޝަލްގެ ޢާއިލާ މީހުން އައީތަ؟" ތުނޑިއަށް ފައިބަމުން ރައުލްގެ ހިތަށް އެރިއެވެ.
* * * * *
"ކޮންއިރަކުން ބޭބެ އަންނަނީ، އަހަރެން ބޭނުން އޭނާއާ ބައްދަލުކުރަން... ބޭބެ އެ ހުންނަނީ އީޝަލް ނުގެންނަންތަ؟" ޒިޔަޒެލްގެ ފެންޑާގައި ވަނީ ބަލްޤިސްގެ އަޑު ގުގުމާލާފައެވެ. އޭނާގެ ގާތުގައި ޖޫދާ ހުރީ ހައިރާންވެފައެވެ. މިހާރު އޭނާއަށް ބަލްޤިސްގެ ފަރާތުން އެ ފެންނަ ހަރަކާތްތަކާއި ވާހަކަދެއްކުމުގެ ރާގަކީ ގަނޑުވަރުގެ ތެރޭ އުޅޭ ބަލްޤިސްގެ ފުށުން ފެންނަ ސިފަތަކެއް ނޫންވިއްޔާއެވެ.
"ބަލްޤިސް!.. ހަމަޖެހިބަލަ އިހަށް، އީޝަލް ތައްޔާރުނުވަނީސް މީކާޢިލް އޭނާ ގޮވައިން ނާންނާނެ، އަހަރެން އޭނާއަށް ޚަބަރު ފޮނުވައިފިން، އޭނާ އެންގީ އިހަށް މަޑުކުރުމަށް، އަހަރެމެން އީޝަލްގެ އުފަލަށް ހުރަސް އަޅާކަށް ނޫޅެމޭ" ޒިޔަޒެލް ބުންޏެވެ.
"ރައުލްއާ މެދު ބޭބެ ހިތްހަމަ ނުޖެހޭކަން އެނގޭ، އެކަމަކު އެހެންވެގެން ނުވާނެ... ބޭބެ ހަނދާންނެތުނީތަ މިޝަލްއާއި ބޭބެ ގުޅުނީ ކިހިނެއްކަން، އަހަރެންގެ އީޝަލްއާއެކު އަހަރެން މިހުރީ، ރައުލް ޚާއްޞަނޫންނަމަ އީޝަލްގެ ސަމާލުކަން އޭނާއަކަށް ނުހޯދޭނެ، އެ ދެމެދަށް އަހަރެމެން ވަދެގެންނުވާނެ" ބަލްޤިސް ބުންޏެވެ.
"ކަނޑު ޖިންނިއެކޭ އެއީ... އެ މީހުންނަށް އިތުބާރުކުރާކަށް ނުވާނެ، މިކަން ބައްޕައަށް ވެސް އެނގެންވާނެ، އީޝަލްއަކީ އަހަރެންގެ ދަރިއެއްނަމަ އަހަރެން ވެސް ޤަބޫލެއްނުވާނަން އެ މީހުންގެ ތެރެއަށް އެކުއްޖާ ދާކަށް، އެމީހުންގެ އަނިޔާވެރިކަން އަހަރެން ދުށީމޭ" ޖޫދާ ވާހަކަދެއްކިއެވެ. ގޭތެރޭގައި ވަރުގަދަ ބަހުސްއެއް ހިނގާ ކަހަލައެވެ. ބަލްޤިސްގެ ޚިޔާލާއި ޖޫދާގެ ޚިޔާލު އުޑާ ބިމާހާއި ތަފާތެވެ.
"ރައުލްގެ ފުށުން އެފަދަ ނުބައިކަމެއް ޒިޔަޒެލް ދުށިންތަ؟ އީޝަލް އޭނާއަށް އިތުބާރުކުރޭ، އޭނާއަކީ ކަލޭމެން އެންމެން ހީކުރާހާ ނުވިސްނޭ ކުއްޖެއްނޫން، އޭނާއަށް ރައުލްގެ ގޮތް އެނގޭތީ އޭނާއަށް އިތުބާރުކުރާނީ، އަހަރެން އީޝަލްގެ ނިންމުމަށް އިތުބާރުކުރަން، ރައުލްއާ ބައްދަލުކުރަން އަހަރެން ބޭނުންވަނީ" ޒިޔަޒެލްއާއި ޖޫދާއަށް ބަލަމުން ބަލްޤިސް ވާހަކަދެއްކިއެވެ. ޖޫދާ ހިތްހަމަޖެހޭ ކަމަކަށް އެކަން ނުވިއެވެ. ބަލްޤިސް އެދުނީ ޖޫދާގެ ގާތުން އެތަނުން އެނބުރި ދިއުމަށެވެ. ޒިޔަޒެލް އެ ދެ މީހުން ވެސް އެނބުރި ދިއުމަށް ބުންޏެވެ. މީކާޢިލް އެނބުރި އައުމުން ޚަބަރު ފޮނުވާނަން ކަމުގައި ޒިޔަޒެލް ބުންޏެވެ. އެހެންވެ މިވަގުތަށް އިހަށް ދިއުމަށް ޒިޔަޒެލް އެދުނެވެ. ބަލްޤިސް އެދުނީ މީކާޢިލް ހުރިތަނެއް ބުނުމަށެވެ. ޒިޔަޒެލް އެކަމަށް ބަހެއްނުބުންޏެވެ. އޭނާ ތަންކޮޅެއް ހަރުކަށިކޮށް ގޮވާލުމުން ބަލްޤިސް ހިމޭންވިއެވެ.
"މީކާޢިލް އެއްބަސްވެފައި އޮތީ ރައުލްގެ ޢާއިލާގެ ރުހުން ހިފައިގެން އަތުވެއްޖެނަމަ އޭނާއަށް އީޝަލް ހިބަކޮށް ދޭނަންކަން، މީކާޢިލްއަކީ އެކަހަލަ ސަމާސާ ކުރާނޭ މީހެއްނޫން، އޭނާ އީޝަލްއަށް ޓަކައި ފިޔަވަޅެއް އަޅާނީ ވަރަށް ވިސްނާފައި، އޭނާގެ ދަރިފުޅުގެ އުފަލާއި ހިތްހަމަޖެހުމާމެދު ވިސްނާވަރަށް އެހެންއެކަކަށް ވެސް ނުވިސްނޭނެ، އެހެންވީމަ އިހަށް އެނބުރި ދޭ... މީކާޢިލް އައުމުން އޭނާ ކަލޭމެން އެންމެންނަށް ޚަބަރު ދޭނެ" ޒިޔަޒެލް ބުންޏެވެ. އޭނާއާ ދެކޮޅު ހަދާކަށް ބަލްޤިސްއަކަށް ނުކެރުނެވެ. ޒިޔަޒެލްގެ ބަހަށް ކިޔަމަންވެހުރެ އެނބުރި ދިއުމަށް ނުކުތެވެ.
"އަދި ބުނަން، މިތާ އުޅޭ ޖިންނީން ބިރުގަންނުވަން ގަނޑުވަރުގެ ސިފައިން ގޮވައިގެން ނަޔަސް ފުދޭނެ، އެހެންޏާ ވެސް ބަލްޤިސްއާއި ބަހީރާ މިތަނަށް އަންނަނީނު، ގެއްލުމެއްވިތަ؟ އިތުރު މީހެއްގެ ކަންފަތާ ހަމައަށް މިއިން އެއްވެސްކަމެއްގެ އަޑު އިވިގެންނުވާނެ، ވަގުތު ޖެހުނީމާ އެނގެންޖެހޭ މީހުންނަށް އެނގޭނެ" ޒިޔަޒެލްގެ އަޑުގައި ހިސާބެއްގެ ހިތްހަމަނުޖެހުން އެކުލެވިފައިވިއެވެ.
"މި ޖޫދާ އެއްބަހެއްނުވި އެއްގޮތަކަށް ވެސް" ބަލްޤިސް ބުނެލިއެވެ.
"ދެން ދޭ... ބަހީރާއާއި އައިޒަންއަށް ސަލާމް ރައްދުކޮށްދޭތި" ޒިޔަޒެލް ބުންޏެވެ. ބަލްޤިސްއާއި ޖޫދާ އަރައިގެން ދަންދެން ޒިޔަޒެލް ގޭ ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓެވެ.
* * * * *
ރައުލް އެނބުރި އައިކަމުގެ ޚަބަރެއް އީޝަލްއަކަށް ނުލިބެއެވެ. ޒިޔަޒެލްގެ ޚާއްޞަ ސިޓީއެއް ހިފައިގެން އައި "ޣުރާބު" އެނބުރިދިޔަ ފަހުން ހަތަރު ދުވަސްވިއެވެ. އޭގައި އޮތް އެއްޗެއް އަހާލުމުން ވެސް މީކާޢިލް ސީދާ ޖަވާބެއް ނުދެއެވެ. އީޝަލްގެ އެންމެފަހުގެ ތަމްރީނުތައް ކުރިއަށް ދިޔައެވެ. ކުރިއަށްވުރެ ބުރަވެފައި ގިނަ ވަގުތު އެކަމުގައި އުޅެން ޖެހުނެވެ. ސިހުރުގެ ވައްތަރުތައް މިޒަރެންއާއި މީކާޢިލް ތިބެގެން އީޝަލްއަށް ދަސްކޮށްދިނެވެ. އިންސާނުންނާ ކުރިމަތިލާނޭ އުކުޅުތައް ވެސް މީކާޢިލް އޭނާގެ ދަރިފުޅަށް ދަސްކޮށްދިނެވެ. އިންސީންގެ މެދުގައާއި ޖިންނީންގެ މެދުގައި ހެދާ ސިހުރުތައް ކިޔައިދިނެވެ. އަދި ކޮންމެ ބާރަކާއެކު ބަލިކަށިމެއް ވާނޭކަން އީޝަލްއަށް ހަނދާންކޮށްދިނެވެ.
ދަރިފުޅުގެ ސަމާލުކަން އެހެން ދިމާއަކަށް މިވަގުތު ހިނގައިދާނޭތީ އެކަމާ މީކާޢިލް ވިސްނާފައި ރައުލް އައިސް ހުރިކަމުގެ ޚަބަރު ގަސްދުގައި އީޝަލްއަށް ނުދިނީއެވެ. އެކަން މީކާޢިލް ފިޔަވައި އިތުރު މީހަކަށް ނޭނގެއެވެ. ޖަހާފައި ހުރި ފޭލިގެ ތެރެއިން މީކާޢިލް ނުކުމެގެން އައީ އީޝަލްގެ ގާތަށެވެ. އޭނާގެ އަތުގައި ފޮތިގަނޑެއްގެ ތެރެއަށް ލާ އައްސާލައިފައި އޮތް އެއްޗެއް އޮތެވެ.
"އަޅުގަނޑަށްތަ؟" މީކާޢިލް ދިއްކޮށްލުމުން އީޝަލް އަހާލިއެވެ. މީކާޢިލް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"އެނބުރި ދާނީ މި އެއްޗެހީގައި" ފޮތިގަނޑު ހުޅުވާލިއިރު އޭގައި އޮތް ލިބާސް ފެނި އީޝަލް ބަލާލުމުން މީކާޢިލް ބުންޏެވެ.
"ކޮންއިރަކުން ދަނީ؟" އީޝަލް ހިނިތުންވެލީ އެނބުރިދާންވީ ވަގުތު ޖެހިއްޖެކަން އެނގުމުންނެވެ.
"ފަތިހުން..." މީކާޢިލް ބުންނެވެ.
"މާދަމާ އީޝަލްއަށް ވިހިއަހަރުވާނެ، ދަރިފުޅު ކަމަކަށް އެދެން ބޭނުންތަ ބައްޕަގެ ގާތުން" އިރުކޮޅަކު އީޝަލްގެ ހަރަކާތްތަކަށް ބަލަން އިނުމަށް މީކާޢިލް އަހާލިއެވެ.
"ބައްޕަ އަޅުގަނޑާ ދުރަށް ނުދައްޗޭ... އަޅުގަނޑުދެކެ ނުރުހުންވެފައި ނުހުންނައްޗޭ" އީޝަލް ބުންޏެވެ.
"ހުރި ހަމައެކަނި ދަރިފުޅުދެކެ ރުޅި އަންނާނީ ކިހިނެއް؟" މީކާޢިލް ވެސް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ބައްޕަ އުންމީދުކުރިވަރަށްވުރެ އަވަހަށް އަޅުގަނޑު ބޮޑުވީމަ... ރައުލްކަހަލަ ޒުވާނަކު އަޅުގަނޑު ޚިޔާރުކުރީމަ... އަޅުގަނޑު ތަމްރީނުކޮށްދިނުމަށް ބައްޕައަށް މަޖުބޫރުކުރެވުނީމަ" އީޝަލް ދެރަވެފައި ބުންޏެވެ.
"ދަރިފުޅުގެ އެއްވެސް އުފަލަކަށް ބައްޕަ ހުރަސް އަޅައިފިނަމަ ދަރިފުޅުގެ މަންމައާ ކުރިމަތިލާނީ ކިހިނެއް... ދެން ދޭ ތި އެއްޗެހި ފޭލިގެ ތެރެއަށް ލާފައި އަންނަން، ސަކަރާތުގައި ނީނދެ އަވަހަށް ނިދަން ވަންނާތި، ބައްޕަ އެބަ އަންނަން ރަށުތެރެ ބަލާލާފައި" މީކާޢިލް ބުންޏެވެ. އަދި އީޝަލްއާއެކު ތެދުވިއެވެ. ފޭލިގެތެރެއަށް އީޝަލް ގޮސް ވަނުމުން ލުގަލްބަންދާއާއި މިޒަރެން ގާތު އީޝަލްއަށް ބެލުމަށް ބުނެފައި މީކާޢިލް މައްޗަށް އެރިއެވެ.
"ބައްޕަ ދިޔައީތަ؟" އީޝަލް އެނބުރި އައިސް ލުގަލްބަންދާގެ ގާތުގައި އިށީނެވެ.
"އީޝަލް ހަޤީޤަތުގައި ވެސް ރައުލްދެކެ ލޯބިވޭތަ؟" ލުގަލްބަންދާގެ އަޑު އީޝަލްއަށް އިވުނެވެ. މަޢުނަވީ ގޮތަކަށް އީޝަލް ބަލާލަމުން ބޯޖަހާލިއެވެ.
"އެނބުރިދާންވީ ވަގުތު ޖެހިއްޖެ... އޭނާ އަންނާނޭ އަހަރެންގެ ހިތް ބުނޭ، އަހަރެމެންނަށް ދުރެއްނުވެވޭނެ، އަހަރެން އޭނާ ޚިޔާރުކުރީ، އެމީހުންގެ ތެރޭގައި ހުންނައިރު ވެސް އޭނާ މާދުރަށް ފާހަގަކުރެވޭ، ލުގަލްއަށް އެހެން ހީނުވޭތަ؟ ރައުލް އެ އެންމެންނާ ތަފާތު، ލުގަލް... ރައުލްއަށް ނަފުރަތުނުކުރައްޗޭ، އޭނާއަކީ އަހަރެމެންގެ ދުޝްމިނެއްނޫން، ތީ އަހަރެންގެ ކުޑައިރުއްސުރެ ރަޙުމަތްތެރިޔާ، ކަލޭ އަހަރެންގެ ހޮވުމާމެދު ނުރުހޭނަމަ އެކަމާ އަހަރެން ވަރަށް ދެރަވާނޭކަން ދަންނާތި" އީޝަލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.
"އަހަރެން ވެސް ލޯބިވާން ބޭނުން... އެކަމަކު އެ ލޯބި އަހަރެންނަށް ލިބުމެއްނުވޭ" ލުގަލްބަންދާ ބުންޏެވެ.
"ނޫން... ވަގުތު ނުޖެހެނީކަމަށް ހީކޮށްލާ، ވަގުތު ޖެހުމުން ލުގަލް ބޭނުންވާ ފަދަ ލޯތްބެއް ލިބޭނެކަން ޔަގީން، އާން! ލުގަލް ރުހޭ ހުރިހާ ސިފައެއް އެ ލޯބިން ސިފަވާނޭކަން ޔަގީން، މީ އަހަރެންގެ ވަގުތު... ލުގަލްއަށް ވެސް މިވަގުތު އަދި އަންނާނެ، ތި ހިތުގައި އެހެން ލޯބިވެރިންގެ މައްޗަށް ހަސަދައެއްނުލައްޗޭ... ތި ހިތުގެ ސާފުކަން ކިލަނބުވިޔަ ނުދޭތި، އެ ވަގުތު އަންނަންދެން އިންތިޒާރުކުރޭ... އަހަރެންނަށް ޔަގީން، އަހަރެން އެންމެ ލޯބިވާ އެކުވެރިޔާގެ ބައިވެރިއަކަށްވާނީ އޭނާ ފަދަ ޚާއްޞަ މަޚްލޫޤެއްކަން" ލުގަލްބަންދާގެ ބޮލުގައި ފިރުމާލަމުން އީޝަލް ހިނިތުންވެލިއެވެ. އެ ދެ ލޮލުގެ ކަޅި ދިއްލިފައިވާއިރު އެ ވިދުމުގެ ތެރެއިން ލުގަލްބަންދާއަށް އުންމީދުގެ އަސަރު ފާޅުވާތީ ފެނުނެވެ. އެކަން އޭނާގެ ހިތަށް ފިނިކަން ގެނެސްދިނެވެ.
"އީޝަލް ކަހަލަ ކުއްޖަކު ބޭނުމީ" ލުގަލްބަންދާގެ ބޮލުން އީޝަލް ކޮއްޕާލަމުން ބުންޏެވެ. އެއާއެކު އީޝަލް ތަންކޮޅެއް ބާރަށް ހީނގަތެވެ. ދުރުގައި އެ މީހުންނަށް ބަލަން އިން މިޒަރެންނަށް އެ ދެމެދުގައި ދެކެވޭ އެއްވެސް ވާހަކައެއް އަޑެއްނީވެއެވެ. އެހެންނަމަވެސް އެ ދެ މީހުން ކުރާ ސަމާސާތައް މިޒަރެން ދުށްޓެވެ. އޭނާ ވެސް އިނީ ހިނިތުންވެލައިގެންނެވެ.
(ނުނިމޭ)