ޓޭބަލް ޓެނިސް މުބާރާތުގެ ގައުމީ ފައިނަލުގެ ސިންގަލްސްގައި، މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އާއިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ކުޅޭ ފޯރިގަދަ ފައިނަލު މެޗު އޮންނާނެ އެވެ.
ރާފާ އާއި ދީމާ އަކީ، ރާއްޖޭގެ ޓީޓީގައި މިހާރު އެންމެ ވިދަމުން އަންނަ ދެ ކުޅުންތެރިންނެވެ.
ގައުމީ މުބާރާތުގެ ފައިނަލަށް ރަފާ ދަތުރު ކުރީ، ޑަބަލްސް ކެޓަގަރީގައި އޭނާ އާއެކު މެޗުތައް ކުޅޭ ޕެއާ ލައިސާ ފަތުހުﷲ ސެމީ ފައިނަލުގައި ބަލި ކުރުމަށް ފަހު އެވެ. ދީމާ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ޑަބަލްސް ކެޓަގަރީގައި އޭނާ އެކު މެޗުތައް ކުޅޭ ފާތިމަތު ޖުމާނާ ނިމާލް ބަލި ކުރުމަށް ފަހު އެވެ.
މެޗަށް ނިކުންނަ އިރު، ރާފާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޑަބަލްސް ކެޓަގަރީގައި ދީމާ އާއި ޖޫމާނާގެ ޕެއާގެ މައްޗަށް، އޭނާ އާއި ލައިސާ ކުޅުނު ފައިނަލު މެޗު ކާމިޔާބު ކުރެވިފައި ވުމެވެ.
އެޑްވާންޓޭޖަށް ބަލާއިރު، ޑޮމިނެންސް ބޮޑަށް ބުރަވަނީ ދީމާ ކޮޅަށެވެ. އެއީ މިއަހަރު ކުރީކޮޅުގައި ލަންކާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ވީކުސްއިން ފެށިގެން ސިންގަލްސް އިވެންޓްގައި އެއްވެސް މެޗަކުން ދީމާ ބަލިވެފައެއް ނުވެ އެވެ. ޓީމު އިވެންޓްގެ ސިންގަލްސް ކެޓަގަރީގައިވެސް ރާފާ އާއި ދެކޮޅަށް ކުޅުނު މެޗުވެސް ދީމާ ވަނީ ކާމިޔާބު ކޮށްފަ އެވެ. ރާއްޛޭގެ ޓީޓީ ރޭންކިންގެ އެއް ވަނަ އަކީވެސް މިހާރު ދީމާ އެވެ.
ފިރިހެން ސިންގަލްސް ފައިނަލުވެސް މިއަދު ހަވީރު އޮންނާނެ އެވެ. ފިރިެހެން ފައިނަލުގައި ވާދަ ކުރާނީ، އެންމެ ފަހުގެ ޗެމްޕިއަން، މޫސާ މުންސިފް އަހްމަދު އާއި މުހައްމަދު ޝައްފާން އިސްމާއީލް އެވެ.
މުންސިފް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި، އިބްރާހިމް ލަތީފު ބަލި ކުރުމަށް ފަހު އެވެ. ޝައްފާން ފައިނަލަށް ދަތުރު ކުރީ، ހުސައިން ޝިފްނާން ބަލި ކުރުމަށް ފަހު އެވެ.
އަންހެން ސިންގަލްސް ފައިނަލު ފަށާނީ މިއަދު ހަވީރު 4:00 ގަ އެވެ. ފިރިހެން ފައިނަލު ފަށާނީ 4:30 ގަ އެވެ. މުބާރާތުގެ ކުޅުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގަ އެވެ.