ވިޔަފާރި

ޓޫރިޒަމްއާ ގުޅުންހުރި ގަވާއިދުތައް ބަންޑާރަ ނައިބުގެ ލަފަޔަށް

ރާއްޖޭގެ ޓޫރިޒަމްއާ ގުޅުން ހުރި ގިނަ ގަވާއިދުތަކެއް އިސްލާހުކޮށް، ލަފާ ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފި އެވެ.

ޓޫރިޒަމް ގަވާއިދުތަކަށް އިސްލާހު ގެނައުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ގިނަ ގަވާއިދު ތަކެއް ސިނާއަތުގެ ހިޔާލު ހޯދާފަ އެވެ. މިގޮތުން އިސްލާހު ގެންނަ ގަވާއިދުތަކުގެ ތެރޭގައި ފަޔާ ރެގިއުލޭޝަންސް އާއި ސޭފްޓީ ރެގިއުލޭޝަންސް އަދި ރިސޯޓާއި ގެސްޓްހައުސް ރެގިއުލޭޝަންސް އަދި ޓްރެވަލް އެޖެންސީ ރެގިއުލޭޝަންސް ހިމެނޭ ކަމަށެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލިފާނުގެ ހާދިސާ ތަކުން ރައްކާތެރިވުމަށް ރިސޯޓުތަކުގައި އަޅަން ޖެހޭ ފިޔަވަޅުތަކާއި ޓޫރިޒަމްގެ ތަފާސް ހިސާބުގެ ގަވާއިދާއި ޓޫރިސްޓު ގެސްޓްހައުސްތަކުގެ ގަވާއިދުގެ ދެވަނަ އިސްލާހު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

"މި ގަވާއިދުތައް ބަންޑާރަ ނައިބް އޮފީހުގެ ލަފަޔަށް ފަހު ގެޒެޓް ކުރެވިގެން ދާނެ. މިގޮތުން އެންމެ އަވަހަށް ނިންމޭނެ ކަމަށް ބެލެވެނީ ޓޫރިސްޓު ސޭފްޓީއާ ބެހޭ ގަވާއިދާއި ގެސްޓްހައުސްގެ ގަވާއިދު އަދި ހޮޓެލް ސޭފްޓީ ގަވާއިދުގެ އިތުރުން ފިއުލް ގަވާއިދު،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނުތަކުގެ އިސްލާހު ޕޭޕަރެއް ކެބިނެޓަށް

މިނިސްޓަރު އަލީ ވިދާޅުވީ މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިއަކީ ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބައެއް ބަދަލުތައް ގެންނަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"ރާއްޖޭގައި ވިޔަފާރި ކުރަން ފްރެޝް އެންވަޔަރުމަންޓެއް އޮތުން މުހިންމުކަމަށް ސަރުކާރުން ދެކެން. އެހެންވެ، ރައީސްގެ އިސްނެންގުމެއްގެ މަތިން ކެބްނެޓް ޕޭޕަރެއް މިދަނީ ތައްޔާރު ކުރަމުން. މިހާރު ގިނަ ގާނޫނުތައް މިހުރީ ވަރަށް ކުރީގެ. ޖޫރިމަނާތަކަށް ބެލިއަސް މިހުރީ ވަރަށް ބޮޑެތި އަދަދުތަކުން. ގިނަ ގާނޫނުތަކަކީ ޓެކްސް ނިޒާމުގެ ކުރީގެ އެއްޗިހި. އެހެންވެ ޓެކްސް ނިޒާމާ ބައްދަލުވާނެ ގޮތަކަށް އިސްލާހު ކުރަމުން މިދަނީ،" އަލީ ވިދާޅުވި އެވެ.

މޫދުގެ ހާދިސާތައް މަދުކުރަން ޕްރޮގްރާމެއް ފަށަނީ

މިނިސްޓަރު އަލީ އިތުރަށް ވިދާޅުވީ ރާއްޖޭގައި މޫދުގައި ދިމާވާ ހާދިސާތައް މަދުކުރަން ބޭރު ގައުމުތަކުގެ ލަފަޔާއެކު ޕޭޕަރެއް ތައްޔާރު ކުރަމުންދާ ކަމަށެވެ.

"މިހާރު ވަނީ ޕޭޕަރެއް ތައްޔާރު ކުރެވިފައި. އޮސްޓްރޭލިއާ ނިއުޒިލޭންޑު ފަދަ ޖަޒީރާ ގައުމުތަކުގައި މޫދާ ގުޅުންހުރި ތަންތަނުގައި ސޭފްޓީ ސްޓޭންޑަސްޓްތަކާ ފެތުމުގައި ދިމާވާ ކަންތައް މަދުކުރަން. އެކަމަށްޓަކައި މިމަހުގެ 27 ގައި ޕްރޮގްރާމެއް ލޯންޗް ކުރާނަން. މީގެ ބޭނުމަކީ ހިނގައިދާ ހާދިސާތައް މަދު ކުރުން. އެކަން ހުއްޓުވަން ހުރިހާ ފަރާތްތައް ޒިންމާ ދާރު ވެގެން،" އަލީ ވިދާޅުވި އެވެ.