ހަބަރު

އަންހެނުންގެ ބައިވެރިވުން ނެތި ސިޔާސަތުތައް ނުހެދޭނެ: ޝިދާތާ

އަންހެނުންގެ ބައިވެރިވުން ނެތި އާބާދީއަށް ބޭނުންވާ ސިޔާސަތުތައް ނުހެދޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އދ. ގެ މައި އިދާރާގައި ކުރިއަށް ދާ "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން" ގެ ސެޝަންގައި އެކަމަނާ ދެއްވި ސްޓޭޓްމަންޓްގަ އެވެ. އެކަމަނާ ވަނީ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަ ކުރައްވާފަ އެވެ.

އެ ކަމަނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުން ކަމަށާއި އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކާއި އަމިއްލައަށް ކަންކަން އިހުތިޔާރުކުރުމުގެ ފުރުސަތު ލިބެންދެން ރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.