ހަބަރު

"ހިޔާނާތާ ގުޅުން އޮތް ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރަން"

Mar 14, 2019
1

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅުން އޮތް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފެލިދޫ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މަބްރޫކްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ތާއީދު އޮންނާނީ މަބްރޫކް ފަދަ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އެފަދަ ކެންޑިޑޭޓުންނަށް ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު ތާއީދެއް ނުކުރާނަން އެމްއެމްޕީއާރްސީގެ [ހިޔާނާތާ ގުޅޭ] ކެންޑިޑޭޓުންނަކަށް، އެއްވެސް ކެންޑިޑޭޓަކަށް، މަބްރޫކް އެ އިންނެވީ ސަރުކާރުގެ އަދި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ނުކުމެ، ފުރިހަމަ ތާއީދު އޮންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ނަން ހިމެނުނު ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަސްއޫލިއްޔަތުން އެއް ފަރާތް ކޮށްފަ އެވެ.

ފެލިދޫގައި ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ބޭނުން ވަނީ ޒުވާނުން އާ ފިކުރުތަކެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެއް ފަރާތްވެލާން އެމަނިކުފާނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ނިންމެވީ އެ ސަބަބަކަށްޓަކައި ކަމަށެވެ.

"އަޅުގަނޑުމެން ފަހަތަށް ޖެހިލާފައި މިއަދު ޒުވާނުންނަށް ރައްޔިތުންގެ މަޖިލީހުން ޖާގަ ދޭން ނިންމީ މަޖިލީހަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ، މަޖިލީހަށް އެބަ ބޭނުންވާ ޒުވާން ލޭގެ ޖޯޝާއެކީ އާ ފިކުރުތަކާއި ޒަމާނީ ބަދަލުތަކެއް،" 25 އަހަރު މަޖިލީހުގައި އިންނެވި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހަށް ހޮވާ މެންބަރުންނަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްވީ ވައުދުތަކަށް ފުރިހަމައަށް ތާއިދު ކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. އިސްކަން ދޭންވީ އެފަދަ މެންބަރުން އިންތިހާބު ކުރުމަށް ކަމަށެވެ.