ހަބަރު

ނޫސްވެރިކަމުގެ އެވޯޑްގެ އުސޫލަށް ބައެއް ބަދަލުގެނެސްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ބައެއް އުސޫލުތަކަށް ބަދަލުގެނެސްފި އެވެ.

އެވޯޑް ދޭން ހަމަޖައްސާފައި ވަނީ ކުރިން ވެސް އޮތް ނުވަ ދާއިރާއިންނެވެ. އެ ދާއިރާތަކަކީ، އިޖްތިމައީ ދާއިރާ އާއި ސިޔާސީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާ އާއި ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފީޗާ ލިޔުމާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އެވެ.

އަދި އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް މި އަހަރު ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

ނޫސްވެރިކަމުގެ އެވޯޑް އޮންނާނީ އަންނަ އޯގަސްޓްމަހުގެ ތެރޭގައި އެވެ. އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.

އެމްއެމްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކައުންސިލްގެ ނައިބު ރައީސް އަހްމަދް އާޒިފް ވިދާޅުވީ، ނޫސްވެރިކަމުގެ އުސޫލަށް މައިގަނޑު ތިން އިސްލާހު ގެނެސްފައިވާ ކަމަށާއި މީޑިއާގެ އިސް ފަރާތްތަކުގެ ހިޔާލާއެކު ފީޗާ ދައިރާ އާއި ފޮޓޯގްރަފީ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް މިހާރު ހުށަހަޅަންޖެހޭނީ ފަސް އުފެއްދުން ކަމަށެވެ.

"މީގެ ކުރިން ހުށަހަޅަން ޖެހޭނީ ތިން ހަބަރާއި ދެ ރިޕޯޓް، ނަމަވެސް މިހާރު ފަސް އުފެއްދުން ހިމަނަން ޖެހޭނީ، އެއީ ފަސް ހަބަރު ވިޔަސް ނުވަތަ ފަސް ރިޕޯޓް ވިޔަސް ރަނގަޅު ވާނެ،" އާޒިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފީޗާ ލިޔުމުގެ ދާއިރާއަށް ކުރިމަތިލާ ފަރާތްތަކަށް އެހެން ދާއިރާތަކަށް ކުރިމަތި ލެވޭނެ ކަމަށެވެ. މީގެ ކުރިން އެހެން ދާއިރާއަކަށް ވާދަ ކުރައްވާ ފަރާތަކަށް ފީޗާ ލިޔުމުގެ ދާއިރާއަށް ކުރިމަތިނުލެވޭ ގޮތަށެވެ.

"ކުރިންވެސް އޮންނަ ގޮތުން އެއް ދާއިރާއަށް ކުރިމަތިލާ ފަރާތްތަކަށް އަނެއް ދާއިރާއަށް ކުރިމަތި ނުލެވޭނެ، މިހާރު އެހެން ދާއިރާއަކަށް ކުރިމަތި ލި ނަމަވެސް ފީޗާއަށް ކުރިމަތި ލެވޭނެ. ފީޗާ ދާއިރާއަށް ކުރިމަތިލާއިރު އިތުރު ބަދަލެއްވެސް ވާނީ ގެނެސްފަ، އެއީ ތިން އުފެއްދުން ހުށަހަޅަންޖެހޭ ގޮތަށް، އަދި އެ ފީޗާއެދއް އުފެއްދުމަށް ކުރި މަސައްކަތް ބަޔާންކޮށް އެ ނޫސްވެރިޔާ ސޮއި ކޮށްފައިވާ ލިޔުމެއް ހުށަހަޅަންޖެހޭނެ،"

އާޒިފް ވިދާޅުވީ، އިނާމަށް ހުށަހަޅާ ކޮންމެ އުފެއްދުމެއްވެސް އުފެއްދި ތާރީހު ބަޔާންކޮށް ނޫސްވެރިޔާ މަަސައްކަތް ކުރާ އިދާރާގެ އެޑިޓޯރިއަލްގެ އިސްވެރިއަކު ސޮއި ކޮށްފައިވާ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށެވެ. އެބަދަަލު ގެނެސްފައިވަނީ އުފެއްދި ތާރީހު ދެނެގަތުމަށް އެކައުންސިލަށް ދަތިތަކާއި ކުރިމަތިވާތީ ކަމަށެވެ.

ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލާ ހުރިހާ ފަރާތްތަކާވެސް ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއުކުރާނެ ކަމަށެވެ. އަދި މާކްސް ދިނުމުގައި އިންޓަވިއުގެ ކަންކަމަށްވެސް ރިއާޔަތް ކުރެވޭނެ ކަމަށް އާޒިފް ވިދާޅުވި އެވެ. މީގެ ކުރިން އިންޓަވިއު ކުރަނީ ހަމައެކަނި އުންމީދީ ނޫސްވެރިޔާއަށް ކުރިމަތިލާ ފަރާތްތަކާ އެކަންޏެވެ. އެއިންޓަވިއު ކުރަނީ އެމްއެމްސީ ރައީސް ކަނޑައަޅާ ޕެނަލަކުންނެވެ.

އާޒިފް ވިދާޅުވީ، އެވޯޑަށް ކުރިމަތިލާ ފަރާތުގެ އައިޑީކާޑްގެ އިތުރުން ސީވީވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މާކްސް ދިނުމުގެ ބައެއް އުސޫލުތަކަށްވެސް ވަނީ ބަދަލު ގެނެސްފައި އެވެ. އޭގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި އަމަލީ ގޮތުން މަސައްކަތް ކޮށްފަައިވާ މިންވަރަށް ބެލިގެންދާނެ ކަމަށެވެ. އަދި ހުށަހަޅާ ހުށަހެޅުންތައް ތައްޔާރު ކުރުމަށް އެނޫސްވެރިއަކު ކޮށްފައިވާ މަސައްކަތަށް ފަނޑިޔާރުން ބަލާނެ ކަމަށްވެސް އާޒިފް ވިދާޅުވި އެވެ.

އެނާ އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ އެވޯޑް ހަފްލާ ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް އެޑްވައިޒަރީ ބޯޑެއް އިއްޔެ ކައުންސިލުން ފާސްކޮފައިވާ ކަމަށެވެ. އެބޯޑްގައި ފަސް ބޭފުޅުން ތިއްބަވާނެ އެވެ.