ކުޅިވަރު

ރަފާ ބަލިކޮށް ގައުމީ ޗެމްޕިއަންކަން ދީމާ ހޯދައިފި

މިދިޔަ ދެ އަހަރު ޗެމްޕިއަން، އާއިޝަތު ރަފާ ނާޒިމް ފައިނަލުގައި ބަލިކޮށް، ގައުމީ ޓޭބަލްޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ، ހޯދައިފި އެވެ.

ޓީޓީ އެސޯސިއޭޝަނުން ފާހަގަ ކުރި ގޮތުގައި މިއީ ގައުމީ މުބާރާތުގެ 54 އަހަރުގެ ތާރީހްގައި މިހާ ޒުވާން ދެ ކުޅުންތެރިން ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދީމާގެ އުމުރަކީ 11 އަހަރެވެ. ދީމާގެ މި ކާމިޔާބާއެކު އޭނާ ވެފައި ވަނީ، ގައުމީ މުބާރާތް ކާމިޔާބު ކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ފައިނަލުގައި ވާދަ ކުރި ރަފާގެ އުމުރަކީ 15 އަހަރެވެ.

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފުރަތަމަ ރާފާ ހޯދީ، 2016 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 13 އަހަރެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލު މެޗު ދީމާ ކާމިޔާބު ކުރީ 4-1 ގޭމުންންނެވެ.

ފުރަތަމަ ގޭމް ފަށައިގެން ފުރަތަމަ ޕޮއިންޓް ސްކޯ ކުރީވެސް ދީމާ އެވެ. ރަފާއަށް ފުރަތަމަ ޕޮއިންޓް ހޯދުނީވެސް، ދީމާ ތިން ޕޮއިންޓް ހޯދި ފަހުންނެވެ. ގޭމް ޕޮއިންޓާ ހަމައަށް ދީމާއަށް ވަސީލު ވެވި، ގޭމް ނިންމާލަން އޭނާއަށް ފުރުސަތު ލިބުނެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ދެ ބޯޅަ ބޭރަށް ދިއުމުން ރަފާ އިތުރަށް ޕޮއިންޓް ހޯދި އެވެ. ދީމާ ގޭމް ކާމިޔާބު ކުރީ 11-5 ންނެވެ.

ދެ ވަނަ ގޭމް ޑޮމިނެޓް ކުރީ ރަފާ އެވެ. ދެ ވަނަ ގޭމްގައި އޭނާއަށް ހަ ޕޮއިންޓްގެ ލީޑެއް ލިބުނެވެ. ގޭމް ޕޮއިންޓަށް ވާސިލު ވި ފަހުން އޭނާ އަތުން ތިން ބޯޅަ މިސްވެ، ޕޮއިންޓް ގެއްލުނެވެ. ރަފާ ގޭމް ކާމިޔާބު ކުރީ 11-6 ންނެވެ.

ތިން ވަނަ ގޭމް ފަށައިގެންވެސް ލީޑްގައި ފެށީ ރަފާ އެވެ. އޭނާ އަށް ފުރަތަމަކޮޅު ހަތަރު ޕޮއިންޓްގެ ލީޑެއް ލިބުނެވެ. ފަހުން ދެ ޕޮއިންޓަށް ލީޑް ކުޑަ ވެފައި ވަނިކޮށް ރަފާ އަތުން ބޭރަށް ދިޔަ ދެ ބޯޅަ ދީމާ އަރައި 5-5 ށް ގޭމްގެ ޕޮއިންޓް އެއްވަރު ކުރި އެވެ. ޖެހިގެން އައި ޕޮއިންޓް ދީމާ ހޯދައި 6-5 ށް ބަދަލު ކޮށްލި ނަމަވެސް، ފަހުން ރަފާ ވަނީ ކުރީ ހޯދާފަ އެވެ. ގޭމް ޕޮއިންޓްގައި އޭނާ ވަނިކޮށް މެޗު ނިންމަން އޭނާ އަށް ހަތަރު ފަހަރަށް ފުރުސަތު ލިބުނެވެ. ގޭމް ޕޮއިންޓްގައި އޮވެ، އޭނާ އަތުން ބޯޅަ ބޭރުވެ ޕްރެޝަރު ކުރިމަތިވި ކަން ފާހަގަ ކުރެވުނެވެ.

ރަފާ ގޭމް ޕޮއިންޓްގައި އޮއްވައި ތިން ޕޮއިންޓް ފަހަތުގައި އޮތް ދީމާ ފަހަތުން އަރައި ޕޮއިންޓް ހަމަހަމަ ކުރި އެވެ. ފަހުން ދީމާ ލީޑް ނަގައި ގޭމް ޕޮއިންޓް ހޯދާފައި ވަނިކޮށް ރަފާ އަލުން ނަތީޖާ ހަމަހަމަ ކުރުމުން ވާދަވެރިކަން ބޮޑުވެގެން ދިޔަ އެވެ. އޭރު ނަތީޖާ އޮތީ 12-12 އިން ހަމަވެފަ އެވެ. ޖެހިގެން އައި ޕޮއިންޓް ދީމާ ހޯދައި މެޗުގެ ޑޮމިނެންސް އޭނާގެ ކޮޅަށް އަނބުރާލި އެވެ. އެ ގޭމް އޭނާ ކާމިޔާބު ކުރީ 13-12 އިންނެވެ.

ފަސް ވަނަ ސެޓް ފުރަތަމަ ޕޮއިންޓް ހޯދީ ރަފާ އެވެ. އެހެންނަމަވެސް ދީމާ ވަނީ ލީޑް ނަގައި ބޮޑު ލީޑެއް ދަމަހައްޓާފަ އެވެ. ގޭމް ޕޮއިންޓަށް އޭނާ ދިޔައީވެސް ފަސް ޕޮއިންޓުގެ ފަރަގަކުން ކުރީގައި އޮވެގެންނެވެ. އެ ގޭމް ހޯދަން އެންމެ ޕޮއިންޓަކަށް ބޭނުންވެފައި ވަނިކޮށް، ރާފާ ވަނީ އިތުރު ތިން ޕޮއިންޓް ހޯދާފަ އެވެ. ރަފާ އިތުރު ތިން ޕޮއިންޓް ހޯދުމުން. މެޗުގައި ދީމާއަށް އިރުޝާދު ދިން ޝިއުރީ ޓައިމްއައުޓެއް ނެގި އެވެ. ޓައިމްއައުޓްގެ ބޭނުން ހިފައި ކުޅުމުގެ ތެރެއަށް އެނބުރި އައިސް ދީމާ ވަނީ އެ ގޭމް 11-8 ން ކާމިޔާބު ކޮށް މުބާރާތުގެ ތަށި ޔަގީން ކޮށްފަ އެވެ.

ފިރިހެން ފައިނަލުގައި ވާދަ ކުރީ މިދިޔަ ދެ އަހަރުގެ ވެސް ޗެމްޕިއަން، މޫސާ މުންސިފް އަހްމަދާއި، ޝައްފާން އެވެ. މޫސަ މެޗު ކާމިޔާބު ކާމިޔާބު ކުރީ 4-1 ގޭމުންނެވެ.