ހަބަރު

އަލްހާންގެ އޯޕެން މައިކް ޑިނާ ނައިޓް ބާއްވައިފި

ދާއިރާގެ ރައްޔިތުންނަށް އަލްހާންގެ ފަރާތުން އޯޕެން މައިކް ޑިނާ ނައިޓެއް މިރޭ ބާއްވައިފި އެވެ.

އެ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ސީހައުސްގައި އެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތުގައި އެތަނަށް ދިޔަ ބައެއް ފަރާތްތަކަށް ވަނީ އަލްހާނާއި ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ވަރަށް ގިނަ ފަރާތްތަކަކުން ވަނީ ސުވާލު ކޮށްފަ އެވެ. އަދި އަލްހާން ވަނީ އެފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު އަރުވާފަ އެވެ.

ދާއިރާގެ ބައެއް ރައްޔިތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަލްހާން ވިދާޅުވީ، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށާއި އެފަދަ އަމަލަކަށް މަގުފަހިވާ އެއްވެސް ކަމެއް ކޮށްފައި ނުހުންނާނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

ސުވާލުތަކަށް ޖަވާބުދެއްވަމުން އަލްހާން ވިދާޅުވީ، ޕާޓީ ބަދަލު ކުރަންޖެހޭ ހާލަތުގައި ޕާޓީ ބަދަލު ކުރާނެ ކަމަށާއި ބަދަލު ނުކުރާނީ ދީނާއި އީމާންތެރި ކަމަށެވެ. އަދި ގައުމުގެ ކުރިއެރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކޮންމެ ޕާޓީއަކަށް ބަދަލުވާން ޖެހުނު ކަމުގައިވީ ނަމަވެސް އެކަން ކުރައްވާނެ ކަމަށެވެ.

އޯޕެން މައިކް ޑިނާ ނައިޓްގައި މިއުޒިކީ އައިޓަމްތަކެއްވެސް ހުށަހެޅިގެންދިޔަ އެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އޯޕެން މައިކް ޑިނާ ނައިޓެއް ބާއްވާފައިވާއިރު، އަލްހާން ވަނީ އަލްހާން ސްޓްރީޓް ސޮކާ ކަޕާއި ރާޒުވާ މުބާރާތެއްވެސް ބާއްވާފަ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލްހާން ވާދަކުރައްވަން ނިންމާފައިވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ. އޭނާ ކުރިމަތިލާފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.