ފޯނަކީ މިހާރު ގުޅައިގެ ވާހަކަ ދައްކާލަން އެކަނި ބޭނުން ކުރާ އެއްޗެއް ނޫނެވެ. ފޯނުގައި ހުންނަން ޖެހޭ ފަސޭހަތަކުގެ ލިސްޓު މިއަށްވުރެ މާ ދިގެވެ. މޮޅު ފޯނެއް ނަމަ ގިނަ ފީޗާތައް ހުންނަން މަޖުބޫރުވެ އެވެ. މިހާރު ފޯނެއް ބޭނުން ކުރުމުގެ އަލާ އިންސާނާގެ ހަށިގަނޑުން ކެނޑެނީ ލައްކަ ގިނަ ސިފަތައް ވެސް އޭގައި ހިމަނައިގެނެވެ. އެ އިންސާނާ ހައިރާން ކޮށްލައިގެންނެވެ.
އެހެންވެ ފޯނު އުފައްދާ ކުންފުނި ތަކުން ގިނަ ދިރާސާތަކަށް ފަހު އިންސާނާގެ މި ބޭނުންތައް ފުއްދޭނެ ގިނަ ފީޗާތަކެއް ހިމަނަ އެވެ. ޓެކްނޮލޮޖީގެ ދުނިޔޭގައި މިހާރު އެންމެ މަގުބޫލު އެއް މަރުކާ ކަމަށްވާ "ވާވޭ" އިން މި ވަނީ އިންސާނާގެ އަސްލު ބޭނުން ދެގެނަންނަން ވާވޭގައި ތިބި ވިސްނުން ތޫނު ގިނަ ސިކުނޑިތަކެއް ފެލައިގެން "ދިޔަ" ނެރެފަ އެވެ. ނަތީޖާއަކީ އެ ކުންފުނިން ދެން އެންމެ އަވަހަށް ނެރޭ ފޯނުގައި މި އަޖައިބުކުރަނިވި "ދިޔަ" ހިމަނާފައި ވުމެވެ.
ޓެކްނޮލޮޖީ ހަބަރުތައް ދިރާސާކޮށް ޖާސޫސީ މައުލޫމާތު އެއްކުރާ ސައިޓުތަކާ ހަވާލާދީ މާހިރުން ބުނަމުންދާ ގޮތުގައި ވާވޭ ކުންފުނިން މިމަހު ނެރޭ "ވާވޭ ޕީ30 ޕްރޯ" ފޯނު ވެގެން ދާނީ އިންސާނާގެ ބޭނުންތަކާ އެންމެ ކައިރި ކުރާނެ އެއް ގެޖެޓަށެވެ. ވާވޭ މޮބައިލްސް އިން މިހާރު ވަނީ މި ފޯނު ނެރޭ ރަސްމީ ތާރީހު ވެސް އިއުލާނުކޮށްފަ އެވެ. މިމަހުގެ 26 ވަނަ ދުވަހު ޕެރިހުގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތެއްގައި މި ފޯނު ދުނިޔެ އަށް ދޫކޮށްލާނެ އެވެ. މި ފޯނުގައި އިންސާނާ އަޖައިބު ކުރުވާ ހެއްވާލަން ހިމަނާފައިވަނީ ކޮން ޖާދޫއެއް ހެއްޔެވެ؟
ފުރަތަމަ 50 އެކްސް އޮޕްޓިކަލް ޒޫމް ލެންސް
"ޕީ 30 ޕްރޯ" އަކީ ވެސް އެންމެ ފަހުން ނެރު ޕީ30 އެކޭ އެއްގޮތަށް ފްރަންޓް ފިންގަ ޕްރިންޓް ސެންސާ ހިމެނޭ ފޯނެވެ. ފޯނު ހުޅުވަން ކޮންމެހެން ފޯނުގެ ނުފުށުގައި އިންނަ ވަކި ހާއްސަ ތަނެއްގެ މަތީގައި އިނގިލި ކާތާކަށް ނުޖެހެ އެވެ. ފޯނުގެ މޫނުމަތީ އިންނަ ފިންގަ ޕްރިންޓް ސެންސާއިން ފޯނު ހުޅުވާލެވެ އެވެ. ވާވޭގެ މި ފޯނުގައި މިއީ އަދި ކުޑަ މިންވަރެކެވެ.
މި ފޯނުގެ އެންމެ އާދަޔާ ހިލާފު ސިފައެއް ކަމަށްވަނީ ފޯނުގައިވާ ކެމެރާ ތަކެވެ. އާއްމުކޮށް އަހަރެމެން ބޭނުންކުރާ ނަން މަޝްހޫރު ގިނަ މޮޑެލް ތަކުގައި މި ހުންނަނީ އެންމެ ކެމެރާ އެކެވެ. ނަމަވެސް މި ފޯނުގައި ފޮޓޯއާއި ވީޑިއޯ ނަގަން ހާއްސަ ތިން ކެމެރާއެއް ހުރެ އެވެ. އަދި މި ކެމެރާތަކުން ވެސް ފްލެޝް ކުރެވެ އެވެ. އެހެންވެ ކުޑަކޮށް އަނދިރި ނަމަަވެސް ދުވާލުގެ އަލީގައި ފޮޓޯއެއް ނަގައިލުން ވާނީ ވަރަށް ފަސޭހަ ކަމަށެވެ. މިއީ ފޮޓޯ ނަގާ މީހުންނަށް އަދި މޮޅު ކެމެރާއެއް ހޯލެވިފައި ނެތް މީހުންނަށް ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ.
މި ފޯނުގައި ފޮޓޯ ނަގާ މީހުންގެ ހިތުން ޖާގަ ހޯދާފައިވާ އެއް ކެމެރާއަކީ ޑީއެސްއެލްއާރެވެ. ވާވޭގެ ޕީ30 ޕްރޯގެ ކެމެރާތަކުގައި ހުންނަ އެންމެ ހާއްސަ އެއް ސިފަ ޑީއެސްއެލްއާރުގެ ކެމެރާތަކުގައި ހުންނަ ޒޫމިން ފީޗާ އެވެ. މި ފޯނުގެ ލެންސުގައި 50 އެކްސް އޮޕްޓިކަލް ޒޫމް ހިމަނާފައިވެ އެވެ. މާނައަކީ ދުރުގައި އޮންނަ އެއްޗެއް ފޮޓޯ ނަގާލަން ޒޫމް ކޮށްލާއިރު ފޯނުގައި އިންނަ ލެންސް ޒޫމް "އިން އަދި އައުޓް" ވާތަން ފެނުމެވެ. ޒޫމިން މި ފީޗާގެ ސަބަބުން ފޮޓޯ ގަނޑު "ފަޅައިގެން ދިއުން" ފަދަ ކަންކަމުން ސަލާމަތްވާނެ އެވެ. ރީތި ފޮޓޯއެއް ނަގަން އެންމެ ހާއްސަ އެއް ސިފައަކީމި އެވެ.
ދެން އޮތީ ސެލްފީ މޯޑުގެ ވާހަކަ އެވެ. ގިނަ ފޯނުތަކުގައި ފޯނުގެ ސެލްފީ ކެމެރާއަށް މާ ބޮޑު ފަރުވާއެއް ބަހައްޓާފައެއް ނުހުރެ އެވެ. ނަމަވެސް މި ފޯނުގެ ފްރޮންޓް ކެމެރާގައި ތިރީސް މެގަޕިކްސެލް ހުންނާނެ ކަމަށްވެ އެވެ. މާނައަކީ މިހާރު އަހަރެމެން މި ގެންގުޅޭ އާއްމު ފޯނު ތަކަށްވުރެ ވާވޭ 30 ޕްރޯ އިން ނަގާ ސެލްފީއެއްގެ ތިން ގުނަ ރީތި ވާނެ އެވެ.
މި ވަރަކުން އަދި ނުނިމެ އެވެ. މި ފޯނު ހަމައެކަނި ހާއްސަ ވަނީ ފޮޓޯގްރަފަރުންނަށް އެކަންޏެއް ވެސް ނޫނެވެ. ވީޑިއޯ ގްރާފަރުންނާއި ވީޑިއޯ ބްލޮގަރުން ނަށް މިއީ މާވަހަރެކެވެ. މި ފޯނުގައި ވާވޭ އިން ހިމަނާފައިވާ އާދަޔާ ހިލާފު "ސިއްރު ސިފަ" އެއްގެ ސަބަބުން ފޯނުން ވައިޑްކޮށް ވީޑިއޯއެއް ނަގަމުންދާ ދަނޑިވަޅުގައި އެ މަންޒަރު އެއް ފަރާތުގައި ބަހައްޓާލާފައި އިތުރު މަންޒަރެއް ޒޫމް ކޮށްލެވިދާނެ އެވެ. އަޅެއް މޮޅެއް ނޫން ހެއްޔެވެ؟
ހަތަރު ދުވަހު ޗާޖް ހިފަހައްޓާ؟
ވާވޭ 30 ޕްރޯގެ އަނެއް ހާއްސަ ކަމަކީ މި ފޯނުގެ ބެެޓެރީ ލައިފެވެ. ނުވަތަ ޗާޖު ހިފަހައްޓާ މުއްދަތެވެ. މިފޯނު ހާއްސަ ކޮށްފައިވަނީ ބުރަކޮށް ގިނަ ވަގުތު އުޅޭ މީހުންނަށާއި ޓްރެވަލާސްގެ ގޮތުގައި ދަތުރުކުރާ ދަތުރުވެރިންނަށެވެ. މި ފޯނުގައި ހުރި މި ހުރިހާ މޮޅު ފީޗާތަކެއް ބޭނުން ކުރިނަމަވެސް ފޯނު ފުލް ޗާޖުކޮށްލައިގެން ހަތަރު ދުވަހު ޗާޖު ހިފަހައްޓާނެ ކަމަށްވެ އެވެ. އެހެންވެ، އިރު އިރުކޮޅާ ފޯނު ޗާޖު ކުރަން ދުވުމުގ ބޭނުން ކެނޑުނީ އެވެ.
ދެން އޮތީ މިހާރު ފޯނުން ކުޅޭ ގޭމުތަކަށް ހާއްސަ ފީޗާ އެވެ. މި ފޯނުގެ އެތެރޭގެ އިންޖީނު ހާއްސަކޮށްފަވަނީ ޒުވާނުންނަށެވެ. ގޭމިންއަށް ޝައުގުވެރިވާ ޒުވާނުން މި ފޯނުގެ މުހިންމުކަން ބޮޑެވެ. މިފޯނުގެ ވަރުގަަދަ "އޭފައިފައިވް" ޗިޕްސެޓުގެ ސަބަބުން ގޭމިން ފަސޭހަކޮށްދެ އެވެ. ދެން އޮތީ ބްލޫޓޫޕް ފީޗާ އެވެ. މި ފޯނު ވެގެންދާނީ އެންމެ ވަރުގަދަ ބްލޫޓޫޕް އިންނަ އެއް ފޯނަށް ކަމަށްވެ އެވެ.
ކޮންމެއަކަސް ގިނަ ސިފަތަކާއެކު ވާވޭގެ ޕީ30 ޕްރޯ ވެގެންދާނީ އެންމެ މަގުބޫލު އެއް ފޯނަށެވެ.
މި ފޯނު ދުނިޔޭގެ ބާޒާރަށް ނެރުމަށްފަހު އަހަރެމެން ދިވެހިންގެ އަތަށް އަންނާނެ ދުވަހަކަށް ބެލުމެވެ. އެކަންވެސް ގާތްގަނޑަށް އެއް ތާރީހެއްގައިވާނެ އެވެ. ދިވެހިންނަށްގެ މުށުތެރެއަށް ފޯނުތަކުގެ މި އަޖައިބު ލަހެއް ނުވެ އަރާނެ އެވެ.