ރިޕޯޓް

މިފަހަރު "އިންސްޓަގްރާމް" އީދު ފާހަގަ ކުރާނީ ކޮން ބައެއް؟

މިދިޔަ އަހަރު ރޯދަ ނިމެން ދެ ތިން ދުވަހަށް ވެފައިވަނިކޮށް އާދައިގެ މަތިން، "އީދުގަ ކޮން ކަމެއް އޮތީ؟" ރަށްޓެއްސެއް ގާތު އަހާލީމެވެ. އޭނާ ދިން ޖަވާބު ރަގަޅަށް ފަހުމްވީ، ކުޑަކޮށް ސިކުނޑި ހިންގާލުމުންނެވެ.

"ކަލޯ މިފަހަރު އޮތީ އިންސްޓަގްރާމް އީދެއް."

ދެލޯ ހުޅުވިފައި ހުންނަ ގަޑީގައި، ސޯޝަލް މީޑިއާ އާއި ނުލާ މިހާރު ދިވެހިންނަށް ކެތް ކުރެވެނީ ކިހާއިރަކުތޯ އަޖުމަބަލާލަން ވެސް ގިނަ މީހުން ޖެހިލުންވާނެ އެވެ. ފޭސްބުކް ބަލާނުލެވިގެން "ފިޓު" ވެސް ޖެހިދާނެ އެވެ. އިންސްޓަގްރާމަށް ފޮޓޯ އެއް ނުލެވި ލަސްވެއްޖެ ނަމަ އަތް ތިލަ ކަހާ ހިސާބަށް މި ވަނީ ކަންތައް ގޯސްވެފަ އެވެ. ކުޑަ ކުއްޖެއް، ޒުވާނެއް، މުސްކުޅި އެއް ދޫ ނުކޮށް، ސޯޝަލް މީޑިއާ މަޅީގައި ދިވެހިން ވަނީ މިހާރު ރަގަޅަށް ޖެހިފަ އެވެ.

ފަހަކަށް އައިސް، ސޯޝަލް މީޑިއާ އިން ބްރޭކެއް ނެގުމަކީ ސިއްހަތަށް ވެސް މުހިންމު ކަމެއް ކަމުގައި ގިނަ މީހުން ދަނީ ބުނަމުންނެވެ. ރަށްޓެހިންނާއި، އާއިލާ މީހުންނާއި ރަގަޅަށް ނުވެސް ދަންނަ އެކި މީހުންގެ "ދިރިއުޅުމުން" ލޯ ނަށްޓުވާލާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުރުވެލުމަކީ، ސްޓްރެސް ވެސް ފިލާ ކަމަށް ބާރު ލިބޭ އެތަކެއް ދިރާސާތަކެއް ވެސް މިހާރު ވަނީ ހެދިފަ އެވެ. ހާއްސަކޮށް ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ނޫނީ ވީކެންޑުގައި ވިޔަސް، ސޯޝަލް މީޑިއާ އަށް ވެސް "ޗުއްޓީ" ދިނުމަށް ތަޖުރިބާކާރުން ލަފާދެ އެވެ.

ސިކުނޑިއަށް ކިތަންމެ ލުޔެއް ލިބޭނެއޭ ބުންޏަސް އަޑުއެހޭކަށް ނޯވެ އެވެ. އަޅުގަނޑުގެ ރަހުމަތްތެރިޔާ ބުނިހެން، ވަޒީފާއާއި، އާއިލާ އަދި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ގިނަ ވީކެންޑުތައް ހޭދަކުރަންޖެހޭނީ ހިއްކަން އަޅާފައި އޮންނަ ބެޑު ޝީޓެއް ހެން، ސޯފާމަތީގައި ބާ ޓީޝާޓުގަނޑެއް ލައިގެންނެވެ. ވޮލަޓު ނޫނީ ޕާސް "ތުނި" ކަމުން ގިނަ އީދު ބަންދުތައް ވެސް ހޭދަވާނީ އެހެން މީހެއްގެ ޗުއްޓީގައި ކުރާ ކަންކަމަށް ލޯދީގެން، އެކަމުން ހިތްހަމަޖެހުން ހޯދައިގެންނެވެ.

ރަށްޓެއްސަކު އީދަށް ރިސޯޓަކަށް ގޮސް ފޭސްބުކަށް ލާ މަންޒަރުތަކުގެ ހިތްގައިމުކަން އިހުސާސް ކުރެވޭ ކަހަލަ އެވެ. ފޯނުތަކުގައި ހުންނަ ކެމެރާތައް މިހާރު މޮޅުކަމުން، ކަޒިން އެއްގެ އިންސްޓަގްރާމް މެދުވެރިކޮށް ރަށެއްގެ ތުނޑީގައި އަމިއްލަ ފައިވެސް ބީހޭ ފަދަ އެވެ. ކުޅު ދިޔާވާ ބާބިކިއުތަކާއި ރަށްފުށުގެ ކޭންގަނޑު ގަނޑުގެ ރަހަ ކަރުބުޑުގާ ލާ ކަހަލަ އެވެ. ދުނިޔޭގެ ނަން މަޝްހޫރު ފަންނާނުންގެ ޝޯ ވަގުތުން އަޑުއަހާލެވެ އެވެ. މަސް ދަތުރެއް ގޮސް އުޅޭ ބޮޑުބޭބެގެ ކަންވާރުގެ ވާންކަން އަމިއްލަ އަތަށް ވެސް ކުރާ ފަދަ އެވެ.

މިއީ އަދި ރާއްޖެ ތާ އެވެ. ސޯޝަލް މީޑިއާ ނޫނީ "އިންސްޓަގްރާމް އީދު" ގެ ފައްކާ ކަމުގެ ކޮޅެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބުރު އަޅާ ލުމަށް ވެސް ހުރަހެއް ނެތެވެ. އެކައުންޓުގެ ބާކީ ވަކިލާރިކޮޅަށް ތިރިވިޔަސް، ދުނިޔެ ބަލާލުން މިހާރު ނުހުއްޓުވޭނެ އެވެ. ޕެރިހާއި، ސެންޓޮރީނީ އާއި ވެނިސް އިން ފެށިގެން ސްވިޓްޒަލެންޑުގެ ސްނޯ ފަރުބަދަ ތަކަށެވެ. ތިމާގެ މީހުންނާއި، އެކި ރަށްޓެހިންގެ ކުރާ ތަޖުރިބާތަކާއި، އެމީހުންގެ ލޯތަކަށް ފެންނަ ހިތްގައިމުކަމުގެ ކުޑަ މިންވަރެއް ވިޔަސް ސޯފާގައި ވެއްޓި ތިބި ނޫނީ އެނދުގަ ބޮޑު ރަޖާލައިގެން ތިބި މީހުންނަށް ވެސް އިހުސާސްކުރެވެ އެވެ. ޓެކްނޮލޮޖީގެ އަޖައިބޭ ސޯޝަލް މީޑިއާގެ ޖާދުލޭ ބުނެވިދާނެ އެވެ.

އެހެން ވީމާ، މި އީދުގައި ތަނަކަށް ނުގޮސް ގޭގައި ތިބޭ މީހުން ދެރަވެ މާޔޫސް ވާނެ ކަމެއް ނެތެވެ. ދެރަވާކަށް ވަގުތެއް ވެސް ނޯންނާ އެވެ. ދާން ހުރި ތަންތަން ހާދަ ގިނަ ވާނެ އެވެ. އީދަށް ލިބޭ ތިން ދުވަސް މަދުވެސް ވާނެ އެވެ. އަތުގައި އޮތް އެންމެ އަރާމު ޓީޝާޓު ރެޑީ ކުރަމާ ހެއްޔެވެ. ދޫ ސޯޓެއް ވިޔަސް ބާ ހަރުވާޅު ގަނޑެއް ވެސް އޮތިއްޔާ އަދި މާ ފައްކާވާނެ އެވެ. މިފަހަރު އަހަރެމެން އެއްކޮށް އިންސްޓަގްރާމް އީދެއް ފާހަގަކޮށްލާނީ އެވެ. އިންސްޓަގްރާމްގައި ނޫޅޭ ކުދިން ދެރަނުވާށެވެ. ފޭސްބުކް ނޫނީ ސްނެޕްޗެޓް އީދެއް ވިޔަސް ހަމަ އޯކޭ ވާނެ އެވެ.