ފޭސްބުކް ބޭނުންކުރާ 50 މިލިއަނަށްވުރެ ގިނަ މީހުންގެ މައުލޫމާތު ބަޔަކު ފޭރިގަތް މައްސަލައާ ގުޅިގެން ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ޕްރައިވެސީ ވޮޗްޑޯގް އިން، ފޭސްބުކް 1.62 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އެކަން ހިނގީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ފޭސްބުކް އެކައުންޓުތައް ހެކުކޮށްފައި ވަނީ އެކްސެސް ޓޯކެން ނުވަތަ ޑިޖިޓަލް ކީސްތަކެއް މެދުވެރިކޮށެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކުރި ގޮތުގައި ޔޫރަޕްގައި ފޭސްބުކްގެ ޕްރައިވެސީ ރެގިއުލޭޓުކުރާ އައިލެންޑްގެ ޑާޓާ ޕްރޮޑެކްޝަން ކޮމިޝަނުން ވަނީ، އެ މައްސަލާއި ގުޅޭ ހުރިހާ ތަފްސީލީ މައުލޫމާތެއް އެ އިދާރާއަށް ހުށަހެޅުމަށް ފޭސްބުކްއަށް އަންގާފައި އެވެ.
އެ މައްސަލައާއި ގުޅިގެން ފޭސްބުކްއިން އަދިވެސް ރަނގަޅަށް ޖަވާބުދާރީ ނުވާކަން އެ އިދާރާއިން ވަނީ ބުނެފައި އެވެ. ނަމަވެސް ފޭސްބުކްއިން މިއަދު ބުނީ އީޔޫގެ ވޮޗްޑޯގެ ސުވާލުތަކަށް ފުރިހަމައަށް އެ ކުންފުނިން ޖަވާބުދާރީ ވާނެ ކަމަށެވެ.
މީގެ ކުރިންވެސް އެކްސެސް ޓޯކެންސް ބޭނުންކޮށްގެން ވަނީ ފޭސްބުކް ބޭނުންކުރާ ގިނަ ބައެއް މައުލޫމާތުތައް ފޭރިގެންފައި އެވެ. ކޭމްބްރިޖު އެނަލިޓިކާ ސްކޭންޑަލްގެ ނަން ދެވުނު އެ މައްސަލައާއި ގުޅިގެން ފޭސްބުކްގެ ބާނީ، މާކް ޒަކަބާގް ވަނީ ޖަވާބުދާރީވުމަށް އެމެރިކާގެ ކޮންގްރެސްއަށްވެސް ހާޒިރުކޮށްފައި އެވެ.
އެފަހަރު 87 މިލިއަނަށްވުރެ ގިނަ ފޭސްބުކްގެ ބޭނުންކުރާ މީހުންގެ މައުލޫމާތުތައް ފޭރިގެންފައިވެ އެވެ. އެއީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ސެކިއުރިޓީ ޑާޓާ ބްރީޗް ކޭސް އެވެ.