ކާނާ

ސައި ކޮފީތަ؟ ނޫނީ މަސާލާ ޗާއިތަ؟

ކިތަންމެ ހޫނު ވިޔަސް ސައިތައްޓެއް ހަވީރު ގަޑީގައި ބޯ ނުލައި ނުހުރެވެއެވެ. ތީ ސައި މީހެއްތަ؟ ނޫނީ ކޮފީ މީހެއްތަ؟ ނޫނީ މަސާލާ ޗާއި މީހެއް ހެއްޔެވެ؟ އަހަރުމެންގެ ތެރޭގައި މި އޮތް ސައި ބުއިމުގެ ކަލްޗަރަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް ކަމެކެވެ.

އަވަށްޓެރި ގައުމުތަކުގެ ޓީވީ ޝޯ ތަކުގެ އިތުރުން އެ ގައުމުތަކުގެ ކާނާ އާއި ތަފާތު ބުއިން އަހަރުމެންގެ ދިރިއުޅުމާއި ގުޅި ލާމެހިގެން ގޮސްފައިވާ އިރު މަސާލާ ޗާއި އަކީ ވެސް މިގޮތަށް އަހަރުމެންގެ ތެރެއަށް އައިސް ފަހަކަށް އައިސް ޒުވާނުންގެ މެދުގައި ވެސް ވައިގެ ހިފައިގެން އުޅޭ ބުއިމެކެވެ.

މަސާލާ ޗާއި މިއީ މިހާރު ވަރަށް ގިނަ ދިވެހިންނަށް ވެސް ކަމުދާ ބުއިމަކަށް ވެއްޖެ އެވެ. އެކި އެކި ސްޕައިސަސް އަޅައިގެން ހަދާފައި ހުންނަ މި ސަޔަކީ އަވަށްޓެރި އިންޑިއާއިން އަހަރުމެންގެ ތެރެއަށް އައިސް މަގުބޫލުކަން ހޯދާފައިވާ އެއްޗެއްކެވެ. އިންޑިއާގައި އެންމެ މަޝްއޫރު ބުއިމަކީ ވެސް ސަޔެވެ. އެ ގައުމުގައި އަހަރަކު 837،000 ޓަނުގެ ސައި ބޭނުންކުރެ އެވެ. އިންޑިއާގެ މަގުތަކުގައި ވެސް މި ސައި ވިއްކާ މީހުން ވަރަށް އާއްމުކޮށް ފެނެ އެވެ.

މަސާލާ ޗާއި އަކީ ސައިފަތާއި ރޯ ކިރު އަދި އެކި އެކި ސްޕައިސަސް އަޅައިގެން އެއްކޮށް ކައްކާފައި ހުންނަ ސައެކެވެ. މި ސައި ގިރާ ތައްޓަށް އެޅުމުގައި އެއް ތަށިން އަނެއް ތައްޓަށް އޮއްސުމަކީ ވެސް ސައި ހެދުމުގައި ބައެއް މީހުން ގެންގުޅޭ ހުނަރުވެރި އުކުޅެކެވެ. މިގޮތަށް ހަދާލުމުން ހެޔޮވަރަކަށް ހިހޫވެ ފޮނުގަނޑެއް އަރަ އެވެ.

މަސާލާ ޗާއި ރެސިޕީއެއް

ރެސިޕީއަށް ބަލާއިރު މި ސައި ހެދުމުގައި އެކި މީހުން ބޭނުންކުރާ ސްޕައިސް މިކްސް ތަފާތު ވިޔަސް މި ސައިގެ މީރު ވަހުން ގޭތެރެ އެއްވަސްކޮށްލަ އެވެ. ބައެއް މީހުން މި ސައި ތައްޔާރު ކުރާއިރު އިނގުރު ހިމެނިއަސް، އަނެއް ބަޔަކު މި އަޅަނީ ކާފުރު ފޮނިތޮށި، ސްޓާ ސްޕައިސް އަދި ކަރަންފުލާއި އަސޭމިރުހެވެ. ދިވެހިންގެ ތެރޭގައި އާއްމުކޮށް މި ބޭނުން ކުރަނީ ގެރިކިރާއި ރާންބާފަތް ވެސް ލައި ދިވެހި ޓްވިސްޓެއް ވެސް ގެނެސް ގެނެވެ.

ސަޔަކީ ދުވަހަށް ދިރުން ގެނެސްދޭ އެއްޗަކަށް ވާއިރު ކެފޭތަކުގެ އިތުރުން ކަންމަތީ ފިހާރަތަކުން ވެސް ވަނީ މި ސައި ވިއްކަން ފަށާފަ އެވެ. ގެރިކިރުއަޅާ ހެޔޮވަރަށް ފޮނިރަހަލާ މި ބުއިމުން މީހާގެ ވަރުބަލިކަން ފިލައިގެން ދެއެވެ. މީގެ އިތުރުން ވެސް ވާރޭވެހޭ ދުވަހެއްގައި ހޫނު މަސްރޮއްޓަކާއެކު މަސާލާ ޗާއިއެއް ބޯލުމަކީ ސަޅި ކަމެކެވެ.

ހަފުތާބަންދަކީ ހާއްސަކޮށް ރައްޓެހިންނާއި އާއިލާއެކު ވަގުތު ހޭދަކުރާ ދުވަސް ކަމުގައި އޮންނަނީ ވެފައެވެ. އަދި މި ދުވަހުގެ ހަވީރު ސަޔަށް މަސާލާ ޗާއި އެއް ހަދާލާ ގުޅުން ބަދަހިކޮށްލަން ހަމަ ބަރާބަރެވެ. މަސާލާ ޗާއި އަދި އަޖުމަ ނުބަލަންޏާ މި ވީޑިއޯގައިވާ ރެސިޕީއަށް ސައި ހަދާލައިގެން ރައްޓިހިންނާއި މީގެ ސައިތައްޓެއް ހިއްސާކޮށްލާށެވެ. އަދި ތިއީ ސައި ނޫނީ ކޮފީ ނޫނީ މަސާލާ ޗާއި މީހެއްތޯ ނިންމާށެވެ.