ދުނިޔެ

ނިއު ޒީލެންޑް މިސްކިތްތަކަށް ހަމަލާދިން މީހާގެ މޫނުމަތިން ހިނިތުންވުން!

ކްރައިސްޓްޗާޗު (މާޗް 16) - ނިއު ޒީލަންޑުގެ ކްރައިސްޓްޗާޗު ގައި ހުންނަ ދެ މިސްކިތަކަށް ހުކުރު ދުވަހު ދިން ހަމަލާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާ، ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރި ވަގުތު އޭނާގެ މޫނިމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ކްރައިސްޓްޗާޗުގެ ޑިސްޓްރިކްޓް ކޯޓަށް ހާޒިރުކޮށް އޭނާއަށް ވަނީ ގަސްދުގައި މިހަކު މަރާލުމުގެ ދައުވާކޮށްފަ އެވެ. ބިޑިއަޅުވައި، ހުސްފައިގައި، ހުދުކުލައިގެ ޖަލު ހެދުމެއްގައި ހުރި ބްރެންޓަން ކޯޓުގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ކޯޓުން އޭނާއަށް އައްޔަނު ކޮށްދިން ވަކީލު ވެސް އޭނާގެ ދިފާއުގައި އެއްވެސް ވާހަކަ އެއް ދައްކާފައެއް ނުވެ އެވެ. އަދި ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް ވެސް އެދިފައެއް ނުވެ އެވެ.

ބްރެންޓަން ކޯޓަށް ވަތް ވަގުތު، އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދިނީ އެތަނުގައި ތިބި ނޫސްވެރިންނަށެވެ. އޭނާގެ ފޮޓޯ ނަގަން ނޫސްވެރިންނަށް ހުއްދަ ދިން ނަމަވެސް، އެ ފޮޓޯތަކުގައި ކާކުކަން ނޭނގޭ ގޮތަށް އޭނާގެ މޫނު ފުސް ކުރުމަށް ފަނޑިޔާރު އެންގި އެވެ. މިނިވަން އިންސާފުވެރި ޝަރީއަތެއް ކަށަވަރުކުރުމުގެ މަގުސަދުގައި އެވެ.

އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން، އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް، އެ މީހުންގެ ބައިވެރުވުން އޮތް މިންވަރެއް ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ހައްޔަރުކުރި އެއްވެސް މީހެއްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޮސްޓްރޭލިއާ ވެސް ހިމެނޭގޮތަށް، އެއިން އެއްވެސް މީހަކީ ދެގައުމުގެ އެއްވެސް ވޮޗު ލިސްޓެއްގައި ހިމެނިފައިނުވާ މީހުން ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 49 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ. އެ ރަހުމްކުޑަ ހަމަލާގައި، އިތުރު 39 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 11 މީހަކު އޮތީ ސީރިއަސް ހާލުގަ އެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހިމެނެ އެވެ.

އެ ހަމަލާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި، ސައުދީ އަރަބިއްޔާ، ތުރުކީ، ޖޯޑަން، ބަންގްލަދޭޝް، އިންޑޮނީޝިއާ އަދި މެލޭޝިއާއަށް ނިސްބަތްވާ މުސްލިމުން ހިމެނެ އެވެ. އަންހެނުންނާއި ކުޑަކުދިން ވެސްމެ އެވެ.

ދުރާލާއި ރާވައިގެން ހިންގި ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި، ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޔަސިންޑާ އާޑެން ވަނީ ސިފަކުރައްވައިފަ އެވެ. ހަތިޔާރު ގެންގުޅުމުގެ ލައިސެންސްވެސް އޮންނަ ބްރެންޓަން ވަނީ އެ ހަމަލާދިނުމަށްޓަކައި އޭނާ ގެންގުޅޭ ބަޑި މޮޑިފައިކޮށްފައި ކަމަށް އާޑެން ހާމަކުރެއްވި އެވެ.

"އަހަރެމެން އެއް ވައުދު މިހާރުވެސް ވާނަން، އާންމުންނަށް ބަޑި ގެންގުޅެވޭ ގާނޫނު ބަދަލުވެގެންދާނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

މުސްލިމުންނާއި ދެކޮޅު "މެނިފެސްޓޯ"

އެ ހަމަލާ ދިނުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، ބްރެންޓަން ވަނީ 74 ސޮފްހާގެ "މެނިފެސްޓޯ" އެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ޔޫރަޕު މީހުންނާއި ދެކޮޅަށް މުސްލިމުން ދީފައިވާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ނުރައްކާތެރި ރޫހެވެ.

އަލް ނޫރު މިސްކިތަށް ނަމާދަށް ގޮސްތިބި އެތައް ބަޔަކު މަރާލި މަންޒަރުތައް ބްރެންޓަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ސްޓްރީމްކޮށްފައި އެވެ. އެ 17 މިނެއްޓުގެ ތެރޭގައި އޭނާ 41 މީހުން މަރާލި އެވެ. އަންހެނުންނާއި ކުޑަކުދިންނަށް ވެސް ބެލުމެއް ނެތި އެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން އިތުރު މިސްކިތެއްގައި ދެވަނަ ހަމަލާއެއް ދީ އެތަކެއް ބަޔަކު މަރާލި އެވެ. ނަމަވެސް، އެ ދެ ހަމަލާ ދިނީ ބްރެންޓަންކަމެއް އަދި ސާފުވާގޮތްވަނީ ނުވެފަ އެވެ.

ސުލްހައަށް އަބަދުވެސް ލޯބި ކުރާ ނިއު ޒީލެންޑުގައި މިހާރު އޮތީ ނާމާންކަމާއި ބިރުވެރިކަމެވެ. ހާއްސަކޮށް ހަނގުރާމައާއި ހަމަނުޖެހުން ބޮޑު މުސްލިމު ގައުމުތަކުން ހިޖުރަކުރާ ރެފިއުޖީންނަށް އަބަދުވެސް މަރުހަބާ ކިޔާ ގައުމުގައި، މުސްލިމުން މިސްކިތްތަކަށް ނުދިއުމަށް މިހާރު ވަނީ އަންގައިފަ އެވެ.