ދުނިޔެ

ރުޅިވެރިކަމުގެ އަލިފާންގަނޑު ނިވާލަން ވެއްޖެ: ގްޓޭރެޒް

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް ނިއުޒީލޭންޑްގެ ކްރައިސްޓްޗާޗަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ގުޓޭރެޒް މިއަދު ނިއުޒީލޭންޑަށް ކުރެއްވި ދަތުރުފުޅުގައި މާޗް މަހު ދިން ބަޑީގެ ޓެރަރިސްޓް ހަމަލާގައި ނަމާދު ކުރަން ތިބި 50 މުސްލިމުން މަރާލާފައިވާ ކްރައިސްޓްޗާޗްގެ އަލް-ނޫރް އަދި ލިންވުޑް މިސްކިތަށް ޒިޔާރާތް ކުރެއްވި އެވެ.

"އަޅުގަނޑަށް ވިސްނޭ އަޅުގަނޑަށް ބުނެވޭ ބަހަކުން ތިޔަ ބޭފުޅުންގެ ހިތްތަކުގައިވާ ހިތާމައަށް ކުޑަވެސް ލުޔެއް ނުލިބޭނެކަން. އެކަމަކު ވެސް އަޅުގަނޑު ބޭނުންވީ މިތަނަށް އައިސް ތިޔަ ބޭފުޅުންނަށްޓަކައި އަޅުގަނޑުމެންގެ ހިތުގައިވާ ލޯތްބާއި ގަދަރާއި އަޅުގަނޑުމެންގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަން ޔަގީން ކޮށްދޭން"، އެ މަނިކުފާނު ކަރައިސްޓްޗާޗްގެ މުސްލިމުންނާއި ބައްދަލު ކުރައްވާ ވިދާޅުވި އެވެ.

ނިއުޒީލޭންޑްގެ ހާދިސާއަށް ފަހު ވަލެއްގައި ރޯވަމުންދާ އަލިފާންގަނޑެއް ފަދައިން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ރުޅިވެރިކަމާއި އަނިޔާވެރިކަމުގެ ޝުއޫރުތައް ނައްތާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ސޯޝަލް މީޑިއާ ބޭނުންކުރަނީ ފިތުނައާއި އަމިއްލަ ހައްދުފަހަނަ އަޅާފައިވާ ދޯދިޔާ ވިސްނުން ޕްރޮމޯޓްކުރާ މީހުން. އެމީހުންގެ ރުޅިވެރިކަމާއި އިދިކޮޅަށް އަޅުގަނޑުމެން އަތްގުޅާލަން ޖެހޭ! ރުޅިވެރިކަމުގެ ޝުއޫރުތައް އަލިފާން ފަދައިން ދަނީ ފެތުރެމުން. އެ އަލިފާންގަނޑު ނިވާލަން ޖެހޭ!"، ގްޓެރެޒް ވިދާޅުވި އެވެ.

އެ މަނިކުފާނު ލިންވުޑް މިސްކިތަށް ޒިޔާރަތް ކުރައްވާ، އެ މިސްކިތައް ހަމަލާދެމުން ދިޔަ ވަގުތު އެ ހަމަލާ ދިން މީހާ ހުއްޓުވަން މަސައްކަތްކުރި އަދި އެ ހަމަލާގައި ސަލާމަތްވި އަބްދުލް އަޒީޒާ ބައްދަލު ކުރެއްވި އެވެ.

ނިއުޒީލޭންޑުގެ ތާރީހުގައި އެ ގައުމުން ދުށް އެންމެ އަނިޔާވެރި ބަޑީގެ ހަމަލާ ދިން އޮސްޓްރޭލިއާގެ ބްރެންޓަން ޓަރަންޓްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ.