ދުނިޔެ

މިސްކިތް ހަމަލާގެ ވީޑިއޯ ބެހި މީހާއަށް ޖަލު ހުކުމް

ނިއުޒީލޭންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ހަމަލާދީ އަޅުކަންކުރަން ތިބި މުސްލިމުންގެ ގަޔަށް ބަޑި ޖެހި މަންޒަރު ލައިވްސްޓްރީމް ކޮށްފައިވާ ވީޑިއޯ އެހެން ބަޔަކާ ހިއްސާކުރި ނިއުޒީލޭންޑްގެ ވިޔަފާރިވެރިއަކު ދެ އަހަރާއި ގާތްކުރާ މުއްދަތަކަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ކްރައިސްޓްޗާޗްގެ ކޯޓެއްގައި މިއަދު ކުރިއަށްދިޔަ ކޯޓު އަޑުއެހުމުގައި 44 އަހަރުގެ ފިލިޕް އާޕްސް އަށް ހުކުމް އިއްވާފައި ވަނީ މަސްލަހަތާއި ނުގުޅޭ އަދި މަސްލަހަތު ގެއްލޭފަދަ މަނާ އެއްޗެއް ބަހާފައިވާތީ އެވެ.

ކްރައިސްޓްޗާޗްގެ ދެ މިސްކިތަށް ދިން އަނިޔާވެރި ހަމަލާގެ ވީޑިއޯ އެއްވެސް ހާލަތެއްގައި އެހެން ފަރާތަކަށް ދެއްކުން ނުވަތަ އޭގެ ކޮޕީއެއް އެހެން މީހަކަށް ދިނުންފަދަ ކަމެއް ކުރުން ވަނީ ނިއުޒީލޭންޑްގެ ސަރުކާރުން މަނާކޮށްފަ އެވެ.

ކޯޓުގައި ހާމަވެފައިވާ ގޮތުގައި އާޕްސް 30 މީހަކަށް އެ ވީޑިއޯ ހިއްސާކުރުމުގެ އިތުރުން ބަޑިއެއްގެ އަމާޒު ފެންނަ ގޮތަށް މަރަމުންދާ މީހުންގެ އަދަދު އަރަމުންދާ ގޮތަށް އެޑިޓް ކޮށްފައިވާ ވީޑިއޯ ކްލިޕެއް ވެސް ހަދާފައި ވެއެވެ.

ހުކުމް އިއްވަމުން ޑިސްޓްރިކްޓް ކޯޓުގެ ގާޒީ ސްޓެފަން އޯ ޑްރިސްކޮލް ވިދާޅުވީ އާޕްސްގެ އަމަލުގެ ސަބަބުން ނަސްލީ އަދި ދީނީ ރުޅިވެރިކަމުގެ ތެރެއިން ކޮށްފައިވާ އެ ނުބައި އަނިޔާވެރި އަމަލު އިތުރު ބައެއްގެ ކުރިމަތީ މޮޅު ކަމަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.

ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިދިޔަ މާޗް މަހު ޓަރަންޓް ހަމަލާދިން ކްރައިސްޓްޗާޗްގެ އަލްނޫރު މިސްކިތުގެ ޙަރަމަށް 2016 ވަނަ އަހަރު ބުރިކޮށްފާއިވާ ލެއިން ތަތްތެޅިފައި އޮތް އޫރެއްގެ ބޯ ވެއްދި މައްސަލާގައި އާޕްސް ވަނީ 800 ނިއުޒީލޭންޑް ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.

މިސްކިތްތަކަށް ހަމަލާދިން އޮސްޓްރޭލިއާގެ ޓަރަންޓް ބުނެފައިވަނީ އޭނާގެ މައްޗަށް ކުރާ ދައުވާގައި އޭނާ ކުށްވެރި ނުވާ ކަމަށެވެ. އޭނާގެ ޝަރީއަތް މެއި މަހު ފެށޭނެކަމަށް ރިޕޯޓުތަށް ބުނެއެވެ.