ދުނިޔެ

މިސްކިތްތަކަށް ހަމަލާދިން މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ

ނިއުޒީލޭންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ބަޑީގެ ހަމަލާދިން މީހާގެ މައްޗައް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ބަޑީގެ ހަމަލާާދިން އޮސްޓްރޭލިއާގެ ބްރެންޓަން ޓަރަންޓްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމުގެ ކުށުގެ ދައުވާ އެވެ.

ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް މިއަހަރުގެ މާޗް 15 ވަނަ ދުވަހު ދިން އަނިޔާވެރި ހަމަލާގައި އަޅުކަންކުރަން ތިބި 51 މުސްލިމުން މަރާލާފައިވާ ޓަރަންޓްގެ މައްޗަށް 40 މީހުން މަރާލި ކަމުގެ ދައުވާ އުފުލަން ވެސް ވަނީ ނިންމާފަ އެވެ.

އެ ހަމަލާއަކީ ނިއުޒީލޭންޑްގެ ތާރީހުގައި ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާއަށް ވެފައިވާއިރު އެ ހާދިސާއާއި ގުޅިގެން އެ ގައުމުގެ ޕާލިމަންޓުން ބަޑި ގެންގުޅުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިލިޓަރީ އަދި ސެމި އޮޓޮމެޓިކް ބަޑި ނުގެންގުޅެވޭ ގޮތަށް ވަނީ މަނާކޮށްފަ އެވެ.

ޓަރަންޓްގެ ކުރިއަށް އޮތް ކޯޓް އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ ޖޫން މަހުގެ ދުވަހަކަށެވެ.