ދުނިޔެ

ނިއުޒީލޭންޑުގައި ބަޑީގެ ގާނޫނަށް ބަދަލު ގެނެސްފި

ނިއުޒީލޭންޑްގެ ޕާލަމަންޓުން އެ ގައުމުގައި ބަޑި ގެންގުޅުމުގެ ގާނޫނު ބަދަލު ކުރުމަށް ބޮޑު ތަރުހީބެއް ދީފި އެވެ.

ނިއުޒީލޭންޑްގެ ދެ މިސްކިތަކަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލައެއްގައި 50 މީހުން މަރުވުމާ ގުޅިގެން އެ ގައުމުގައި ބަޑި ގެންގުޅުމުގެ ގާނުނަށް ގެނައި ބަދަލު އެއް މަސް ދުވަހުގެ ތެރޭގައި ވަނީ ފާސްކޮށްފަ އެވެ. މި ގާނޫނު ފާސްކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހު 119 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިދިކޮޅަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ.

އެ ގައުމުގެ ބަޑީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ތެރެއިން މިލިޓަރީ ސެމީ އޮޓޮމެޓިކް ހަތިޔާރު ގެންގުޅުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ބޮޑުވަޒީރު ޖަސިންޑާ އާޑާން އެ ގައުމުގެ ތާރީހުގައި ކުރިމަތިވި އެންމެ ބަނަ ދުވަސްތައް ގޮތުގައި ޓެރަރިސްޓް ހަމަލާ ސިފަ ކުރައްވަމުން ވިދާޅުވަނީ މި ގާނޫން ފާސް ކުރުމުން ބަޑީގެ ހަމަލާގައި މަރާލި މީހުނަށް "އަޑެއް" އިއްވައި ދެވުނީ ކަމަށެވެ.

"މިއަދު އަހަރެމެން މިތާގަ މިތިބީ 50 މީހުންގެ ފުރާނަ ދިއުމުން، އަދި އެމީހުންގެ އަޑެއް ނެތުމުން. މިތާ މިތިބަ އެންމެންނަކީ މަރާލި މީހުންގެ އަޑު އަދި މިއަދު އަހަރެމެންނަށް އެ އަޑުގެ ބޭނުން ރަނގަޅު ގޮތެއްގައި ހިފިއްޖެ"، ޕާލަމަންޓުގައި އާޑާން ވިދާޅުވި އެވެ.

ގާނޫނު ފާސް ކުރުމާ ގުޅިގެން މަނާވި ބާވަތުގެ ބަޑި އެތަކެތީގެ ވެރިންގެ އަތުން އަނބުރާ ގަނެ ބަދަލު ދޭނެ އެވެ.

ކްރައިސްޗާޗްގެ ދެ މިސްކިތަކަށް ދިން ހަމަލާގައި އަޅުކަންކުރަން ތިބި 50 މީހުން މަރާލި އޮސްޓްރޭލިއާގެ ބްރެންޓަން ޓަރަންޓް ގެ މައްޗަށް 50 މީހުންގެ މަރުގެ ދައުވާގެ އިތުރުން 39 މީހުން މަރާލަން އުޅުނުކަމުގެ ދައުވާ މިހާރު ވަނީ އުފުލާފަ އެވެ.

ނަފްސާނީ ހާލަތު ބެލުމަށް ހަދާ އެސެސްމަންޓަކަށް ފަހު މިއަދު އޭނަ ކޯޓަށް ހާޒިރު ކުރެވޭނެ އެވެ.