ދުނިޔެ

މިސްކިތް ހަމާދިން މީހާގެ ފިކުރު ނުފަތުރަން މީޑިއާތައް އެއް ގަލަކަށް

May 1, 2019
1

ކްރައިސްޓްޗާޗު (މެއި 1) - މިދިއަ މާޗު މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުރި ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި މީހާގެ ޝަރީއަތުގައި އޭނާގެ ހަރުކަށި ފިކުރު ހާމަކުރުމުގެ ފުރުސަތު ނުދިނުމަށް އެ ގައުމުގެ ބޮޑެތި މީޑިއާތަކުން އެއްބަސްވެއްޖެ އެވެ.

އެ ހަމަލާއާ ގުޅިގެން، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ފުރަތަމަ ދުވަހު ކޯޓަށް ހާޒިރު ކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ކުރިން ޖިމްއެއްގައި ޕާސަނަލް ޓްރޭނާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޓަރަންޓް ވަނީ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ވަދެ ބަޑިޖަހައި ހުކުރު ނަމާދަށް ތިބި މީހުން ގަޔަށް ބަޑި ޖަހައި މަރާލައިފަ އެވެ. އަދި އެ މަންޒަރު ވަނީ ފޭސްބުކް މެދުވެރިކޮށް ލައިވް ވެސް ކޮށްފަ އެވެ.

އެ ހަމަލާ ދިނުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، ޓަރަންޓް ވަނީ އޭނާގެ ހަރުކަށި ހިޔާލުތައް ހިމަނައި، 74 ސޮފްހާގެ "މެނިފެސްޓޯ" އެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އޭނާގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ، އިމިގްރޭޝަން އާ އެކި ނަސްލުގެ މީހުން "މަސްހުނި" ވެ ޔޫރަޕާއި ހުޅަނގުގައި ދިރިއުޅޭ "ހަގީގީ" ދޮން މީހުންނަށް ކުރިމަތިވާ "ނުރައްކާތަކާއި" ގުޅޭ ގޮތުންނެވެ.

އިއްޔެ އެ އެއްބަސްވުމުގައި ސޮއިކުރި ފަސް މީޑިއާއިން ބުނީ، ޖޫން 14 ގައި ޓަރަންޓް އަލުން ކޯޓަށް ހާޒިރުކުރާއިރު، އޭނާގެ ހަރުކަށި ހިޔާލުތަކާއި "ޓެރަރިސްޓު" ފިކުރު ފަތުރަން މަސައްކަތް ކޮށްފާނެ ކަމަށެވެ. އިތުރުކުރަންވެސް ކޯޓުން ވަނީ ހުއްދަދީފަ އެވެ.

އަދި އެއްބަސްވުމުގައި ޓަރަންޓްގެ މެނިފެސްޓޯގެ އިތުރުން ކޯޓުގައި އޭނާގެ ފިކުރު ފެތުރުމަށް ކުރާ އިޝާރާތެއް ނުވަތަ ދައްކާ ވާހަކައެއްވެސް ނުގެނެސްދޭން ވަނީ ނިންމައިފަ އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރި މީޑިއާތަކުގެ ތެރޭގައި، ނިއުޒީލެންޑުގެ މައި ދެ ޓީވީ ސްޓޭޝަންތަކުގެ އިތުރުން، ދެ ނޫހާއި ދައުލަތުގެ ރޭޑިއޯ ސްޓޭޝަން ހިމެނެ އެވެ.

ޓަރަންޓްގެ ހަރުކަށި ހިޔާލުތައް ކޯޓުގައި ހާމަކުރަން ޖާގަ ނުދޭން ކުރެވުން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް ނިއު ޒީލެންޑުގެ ބޮޑުވަޒީރު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.