ދުނިޔެ

މިސްކިތަށް ހަމަލާދިން މީހާގެ "މެނިފެސްޓޯ" ގައި ޓްރަމްޕަށް ތައުރީފު

Mar 16, 2019

ކްރައިސްޓްޗާޗު (މާޗް 16) - ނިއު ޒީލަންޑުގެ ކްރައިސްޓްޗާޗު ގައި ހުންނަ ދެ މިސްކިތަކަށް ހުކުރު ދުވަހު ދިން ހަމަލާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ "މެނިފެސްޓޯގައި" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުރީފުކޮށްފައިވެ އެވެ.

އެ ހަމަލާ ދިނުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، 28 އަހަރުގެ ބްރެންޓަން ޓަރަންޓް ސޯޝަލް މީޑިއާގައި އާންމުކުރި 74 ސޮފްހާގެ "މެނިފެސްޓޯގައި" ޓްރަމްޕް ސިފަކޮށްފައިވަނީ ދޮން މީހުންގެ އާރާސްތުވެފައިވާ އައިޑެންޓިޓީގެ ރަމްޒެއްގެ ގޮތުގަ އެވެ.

ނަފުރަތާއި ބަދަލުހިފުމުގެ ރޫހުގައި ތައްޔާރުކޮށްފައިވާ ކަރުދާހުގައި، ބްރެންޓަންގެ ތައުރީފު އޭނާގެ ކަނާތުފިޔައިގެ ފިކުރުގެ އެހެން މީހަކަށް ވެސް ރައްދުކުރި އެވެ. ނޯވޭގައި، 2011 ވަނަ އަހަރު 77 މީހުން މަރާލި އެންޑާސް ބްރެއިވިކް އާ ބައްދަލުވެ، އޭނާގެ ކިބައިން "ހިތްވަރު" ލިބުނުކަމަށް ބްރެންޓަން ވަނީ ހާމަކޮށްފަ އެވެ.

ބްރެންޓަންގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ، އިމިގްރޭޝަން އާ އެކި ނަސްލުގެ މީހުން "މަސްހުނި" ވެ ޔޫރަޕާއި ހުޅަނގުގައި ދިރިއުޅޭ "ހަގީގީ" ދޮން މީހުންނަށް ކުރިމަތިވާ "ނުރައްކާތަކާއި" ގުޅޭ ގޮތުންނެވެ.

އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން، އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް، އެ މީހުންގެ ބައިވެރުވުން އޮތް މިންވަރެއް ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ހައްޔަރުކުރި އެއްވެސް މީހެއްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޮސްޓްރޭލިއާ ވެސް ހިމެނޭގޮތަށް، އެއިން އެއްވެސް މީހަކީ ދެގައުމުގެ އެއްވެސް ވޮޗު ލިސްޓެއްގައި ހިމެނިފައިނުވާ މީހުން ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

މުސްލިމުންގެ އިތުރުން، ރެފިއުޖީންގެ މައްސަލާގައި ކަނާތިފިޔައިގެ ފިކުރަށް ބާރުލިބޭ ގޮތަށް އަބަދުވެސް ވާހަކަފުޅު ދައްކަވާ ޓްރަމްޕް ވަނީ ނިއު ޒީލެންޑުގެ ހަމަލާ ކުށްވެރިކުރައްވައިފަ އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 49 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ. އެ ރަހުމްކުޑަ ހަމަލާގައި، އިތުރު 39 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 11 މީހަކު އޮތީ ސީރިއަސް ހާލުގަ އެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހިމެނެ އެވެ.

އެ ހަމަލާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި، ސައުދީ އަރަބިއްޔާ، ތުރުކީ، ޖޯޑަން، ބަންގްލަދޭޝް، އިންޑޮނީޝިއާ އަދި މެލޭޝިއާއަށް ނިސްބަތްވާ މުސްލިމުން ހިމެނެ އެވެ.