އަންކާރާ (މާޗް 16) - ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ އެކި ހަމަލާތައް "ބަލަން ތިބޭ" ކަމުގެ ތުހުމަތު ހުޅަނގުގެ ގައުމުތަކަށް ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ކުރައްވައިފި އެވެ.
ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން، މުސްލިމުންނާއި އިސްލާމު ދީނާއި ދެކޮޅަށް ފެތުރެމުންދާ ނަފުރަތުގެ ރޫހުތައް ހުއްޓުވަންޖެހޭކަމަށް އުރުދުގާނު ވިދާޅުވި އެވެ.
"މި ހަމަލާއެކު، ހުޅަނގުގެ ގައުމުތަކުން އަޅާނުލައި، ހިތްވަރު ދެމުންދިޔަ ފުރައްސާރަ ކުރުން މިވަނީ އެތައް މުސްލިމުންތަކެއް މަރާލި ހަމަލާއަކަށް ބަދަލުވެފައި،" އުރުދުގާނު ވިދާޅުވި އެވެ.
"މިހާރުން މިހާރަށް ފިޔަވަޅުތައް ނޭޅިއްޖެނަމަ، އަނެއްކާވެސް މިކަހަލަ ހަމަލާއެއްގެ ހަބަރު ފެންނާނެ، އަޅުގަނޑު މި ގޮވާލަނީ މުޅި ދުނިޔެއަށް، ހާއްސަކޮށް ހުޅަނގުގެ ގައުމުތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް،" އެމަނިކުފާނު ގޮވާލެއްވި އެވެ.
އެ ހަމަލާ ދިނުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، 28 އަހަރުގެ ބްރެންޓަން ޓަރަންޓް ސޯޝަލް މީޑިއާގައި އާންމުކުރި 74 ސޮފްހާގެ "މެނިފެސްޓޯގައި" ޓްރަމްޕް ސިފަކޮށްފައިވަނީ ދޮން މީހުންގެ އާރާސްތުވެފައިވާ އައިޑެންޓިޓީގެ ރަމްޒެއްގެ ގޮތުގަ އެވެ.
ނަފުރަތާއި ބަދަލުހިފުމުގެ ރޫހުގައި ތައްޔާރުކޮށްފައިވާ ކަރުދާހުގައި، ބްރެންޓަންގެ ތައުރީފު އޭނާގެ ކަނާތުފިޔައިގެ ފިކުރުގެ އެހެން މީހަކަށް ވެސް ރައްދުކުރި އެވެ. ނޯވޭގައި، 2011 ވަނަ އަހަރު 77 މީހުން މަރާލި އެންޑާސް ބްރެއިވިކް އާ ބައްދަލުވެ، އޭނާގެ ކިބައިން "ހިތްވަރު" ލިބުނުކަމަށް ބްރެންޓަން ވަނީ ހާމަކޮށްފަ އެވެ.
ބްރެންޓަންގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ، އިމިގްރޭޝަން އާ އެކި ނަސްލުގެ މީހުން "މަސްހުނި" ވެ ޔޫރަޕާއި ހުޅަނގުގައި ދިރިއުޅޭ "ހަގީގީ" ދޮން މީހުންނަށް ކުރިމަތިވާ "ނުރައްކާތަކާއި" ގުޅޭ ގޮތުންނެވެ.
ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 49 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ. އެ ރަހުމްކުޑަ ހަމަލާގައި، އިތުރު 39 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 11 މީހަކު އޮތީ ސީރިއަސް ހާލުގަ އެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހިމެނެ އެވެ.
އެ ހަމަލާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި، ސައުދީ އަރަބިއްޔާ، ތުރުކީ، ޖޯޑަން، ބަންގްލަދޭޝް، އިންޑޮނީޝިއާ އަދި މެލޭޝިއާއަށް ނިސްބަތްވާ މުސްލިމުން ހިމެނެ އެވެ.