ދުނިޔެ

ހަމަލާދިން މީހާއަށްވެސް މިސްކިތުންކީ "މަރުހަބާ"!

Mar 16, 2019
2

ކްރައިސްޓްޗާޗު (މާޗް 16) - ނިއު ޒީލަންޑުގެ ކްރައިސްޓްޗާޗު ގައި ހުންނަ ދެ މިސްކިތަކަށް ހުކުރު ދުވަހު ދިން ހަމަލާގައި އެންމެ ފުރަތަމަ މަރާލި އެކަކު، ހަމަލާދިން މީހާ މިސްކިތަށް ވަތް ވަގުތު ކީ މަރުހަބާކަން ހާމަވެއްޖެ އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 49 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް އަލް ނޫރު މިސްކިތަށް ނަމާދަށް ގޮސްތިބި އެތައް ބަޔަކު މަރާލި މަންޒަރުތައް އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ސްޓްރީމްކޮށްފައި އެވެ. އަލް ނޫރު މިސްކިތަށް ބްރެންޓަން ވަތް ވަގުތު، މިސްކިތުގައި ހުރި މީހަކު "ހަލޯ ބްރަދާ" އޭ ބުނާ އަޑު ވަނީ ވީޑިއޯއަށް އަރައިފަ އެވެ. ނަމަވެސް، ހަމަ އެވަގުތު ބްރެންޓަންގެ ހަމަލާގެ ޝިކާރައަކަށް މަރުހަބާ ކީ މީހާވެސް ވަނީ ވެފައި އެވެ.

އެ 17 މިނެއްޓުގެ ތެރޭގައި ބްރެންޓަން 41 މީހުން މަރާލި އެވެ. އަންހެނުންނާއި ކުޑަކުދިންނަށް ވެސް ބެލުމެއް ނެތި އެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން އިތުރު މިސްކިތެއްގައި ދެވަނަ ހަމަލާއެއް ދީ އެތަކެއް ބަޔަކު މަރާލި އެވެ. ނަމަވެސް، އެ ދެ ހަމަލާ ދިނީ ބްރެންޓަންކަމެއް އަދި ސާފުވާގޮތްވަނީ ނުވެފަ އެވެ.

އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން، އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް، އެ މީހުންގެ ބައިވެރުވުން އޮތް މިންވަރެއް ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ހައްޔަރުކުރި އެއްވެސް މީހެއްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޮސްޓްރޭލިއާ ވެސް ހިމެނޭގޮތަށް، އެއިން އެއްވެސް މީހަކީ ދެގައުމުގެ އެއްވެސް ވޮޗު ލިސްޓެއްގައި ހިމެނިފައިނުވާ މީހުން ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

އެ ހަމަލާ ދިނުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، ބްރެންޓަން ވަނީ 74 ސޮފްހާގެ "މެނިފެސްޓޯ" އެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ޔޫރަޕު މީހުންނާއި ދެކޮޅަށް މުސްލިމުން ދީފައިވާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ނުރައްކާތެރި ރޫހެވެ.

ސުލްހައަށް އަބަދުވެސް ލޯބި ކުރާ ނިއު ޒީލެންޑުގައި މިހާރު އޮތީ ނާމާންކަމާއި ބިރުވެރިކަމެވެ. ހާއްސަކޮށް ހަނގުރާމައާއި ހަމަނުޖެހުން ބޮޑު މުސްލިމު ގައުމުތަކުން ހިޖުރަކުރާ ރެފިއުޖީންނަށް އަބަދުވެސް މަރުހަބާ ކިޔާ ގައުމުގައި، މުސްލިމުން މިސްކިތްތަކަށް ނުދިއުމަށް މިހާރު ވަނީ އަންގައިފަ އެވެ.