ކުޅިވަރު

ސެވިއްޔާގެ ކޯޗް ކަމުން މަޗިން ވަކިކޮށްފި!

ޔޫރޮޕާ ލީގްގެ ކްއާޓާ ފައިނަލުން ސެވިއްޔާއަށް ފުރުސަތު ގެއްލުމުން، އެ ޓީމުގެ ކޯޗުގެ ކަމުގައި ހުރި ސްޕެއިންގެ ޕެބަލޯ މަޗިން މަގާމުން ވަކި ކޮށްފި އެވެ.

ސެވިއްޔާގެ ކޯޗްކަމަށް، މަޗިން ހަމަޖެއްސީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ސެވިއްޔާއިން އޭނާއަށް ޝައުގުވެރިވީ، މިދިޔަ ސީޒަންގައި މުޅިން އަލަށް ސްޕެނިޝް ލަލީގާގައި، ވާދަ ކުރި ޖިރޯނޯގެ ކޯޗް ކަމުގައި ހުރެގެން އޭނާ ކުރި މަސައްކަތުގެ ސަބަބުންނެވެ. ލަލީގާ ގައި މުޅިން އަލަށް ވާދަ ކުރި ނަމަވެސް، އެ ޓީމުން ވަނީ ގަދަ 10 ގައި ސީޒަން ނިންމާލާފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޗެކްރިޕަބްލިކްގެ ޕަރާހާ އަތުން 4-3 ން ބަލިވި މެޗަކީ، އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ސެވިއްޔާ ބަލިވި ހަތަރު ވަނަ މެޗެވެ. ސްޕެނިޝް ލީގްގެ ހަތަރު ވަނައިގައި ސެވިއްޔާއިން ދެމެހެއްޓި މަގާމު އެ ޓީމަށް ވަނީ ގެއްލިފަ އެވެ. ގެޓާފޭ އާއި އަލަވޭޒްއިން ކުރި ހޯދައި ސެވިއްޔާ މިހާރު ވަނީ ހަ ވަނަ މަގާމަށް ވެއްޓިފަ އެވެ.

ޔޫރޮޕާ ލީގްގެ އެންމެ ކާމިޔާބު ޓީމަށް، މިދިޔަ ސީޒަނުން ފެށިގެންވެސް ވަނީ މައްސަލަ ކުރިމަތި ވެފަ އެވެ. މިދިޔަ ސީޒަންގައި އެޓީމުން ވަނީ ދެ ފަހަރަށް ކޯޗުން ވަކި ކޮށްފަ އެވެ. މި ސީޒަން ނިމެންދެން، ސެވިއްޔާއަށް އިރުޝާދު ދޭނީ ކުލަބުގެ ސްޕޯޓިން ޑައިރެކްޓާ ހުއާކިން ކަޕަރޯސް އެވެ.