ހަބަރު

ގާސިމްގެ ނިންމެވުމަކީ މުސްތަގިއްލުކަން ކަށަވަރުކުރަން ސަރުކާރައް އަރުވާ ހަދިޔާއެއް: އަމީން

އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއާއި ގުޅިގެން ވާދަ ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަރުވާ ހަދިޔާއެއް ކަމަށް ކުރީގެ ވަޒީރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާޙިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީޕާޓީގެ ތެރޭގައި ގާސިމްގެ އެ ނިންމެވުމާއި ގުޅިގެން ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ހާއްސަކޮށް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން ގާސިމްގެ އެ ނިންމެވުމާއި ދެކޮޅެވެ. އެކަމާއި ގުޅިގެން އަމީން ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ އިންތިހާބާއި ގުޅިގެން ގާސިމް ނިންމެވި ނިންމެވުމާއި، ދެކޮޅަށް ޖޭޕީގެ ބައެއްް މެމްބަރުން އެކި ފޯރަމްތަކުގައި ލީޑަރާއި، ޕާޓީގެ އަގު ވެއްޓޭ ގޮތަށް ފާޑު ވިދާޅުވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ޖޭޕީން ހިތާއި ދެކޮޅަށް ކޯލިޝަނުން ބޭރު ބައެއްގެ އެހީ ހޯދަން ޖެހެނީ ކޯލިޝަން އެއްބަސްވުމެއް ނެތް ކަމަށްބުނެ، މަޖިލިހުގެ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ނިކުމެ، 2009 ގައި ހެދިގޮތަށް މުޅި މަޖިލިސް ނަގަން އުޅުމުން ކަަމަށާއި، އެދުވަހުވެސް ބަޔަކު ފާޑުކީ ކަމަށާއި، ސުވާލަކީ އެހާލަތުގައި ޖޭޕީއިން ހަދަންވީ ކިހިނެތްތޯ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ، އެ ހަގީގަތް ނޭނގޭ ކަމަށް ހެދިޔަސް ޖޭޕީގެ މެމްބަރުންނަށް އެކަން އޮޅިގެން ނުވާނެ ކަމަށާއި، އެއީ އަނިޔާ އާއި ކޮރަޕްޝަނަށް އާނއެކޭ ބުނުމެއް ނޫން ކަމަށެވެ.

އަދި އެއީ އިންސާފާއި ދެކޮޅުވުމެއް ވެސް ނޫން ކަމަށާއި، ގާސިމްގެ ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަރުވާ ހަދިޔާއެއް ކަމަށެވެ. އަދި އެކަން ފަހުން ގަބޫލު ކުރެވޭނެ ކަމަށްވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.