ހަބަރު

ކޮރަޕްޝަނާއި ދެކޮޅު މަސައްކަތަށް މަޖިލީހުން ހުރަސް އަޅާ: ރައީސް

ކޮރަޕްޝަނާއި ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހުރަސް އަޅަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޅ. ކުރެންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރެއްވީ ގިނަ ބައެއްގެ މަސައްކަތުންނާއި ތާއީދާއެކު ކަމަށެވެ. އެކަން ހަނދާން ނައްތާނުލާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީއާ ރައީސް މައުމޫނާއި އަޅުގަނޑުމެންގެ ޕާޓީ އެމްޑީޕީއާ އަދިވެސް އަމިއްލަ ގިނަ ފަރާތްތަކެއް ބުރަ މަސައްކަތް އޭގައި ހިމެނޭ، އަޅުގަނޑު މި މަގާމުގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެބޭފުޅުންގެ މަތިން ހަނދާން ބަހައްޓާނެ ދުވަހެއް، އަޅުގަނޑުގެ ހަނދާނަކުން އެކަމެއް ފޮހެވިގެންނުދާނެ، އަދި އަޅުގަނޑު މިއަދު މިކުރާ މަސައްކަތުން އެބޭފުޅުންނަށް ދެރަ އެއްވެސް ގޮތެއް ވިޔަކަ ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވީ ވައުދުތައް ފުއްދުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެވައުތަކައް ގަބޫލުނުކޮށް ތާއީދު ނުކުރާ ބަޔަކު އެބަތިބި ކަމަށެވެ. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް ކުރަމުންދާ މަސަައްކަތާއި އިދިކޮޅަށް މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މަރާލެވިފައިވާ މީހުން، ގެއްލުވާލެވިފައިވާ މީހުން ހޯދުމުގެ މީހުން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އާއިރުގައި ރައްޔިތުން މަޖިލީހުގެ ތެރެއިން އެކަމަށް ދަނީ ހުރަސް އަޅަމުން، ގޮންޖެހުންތައް އެބަހުރި، އެސަބަބުތަކަށްޓަކައި އަޅުގަނޑުމެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުން މިދެންނެވި ވައުދުތަކަށް ތާއީދުކުރާ ގަބޫލު ކުރާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރުމުގައި ހުރަސްތަކެއް އެބަހުރި ކަމަށާއި ވޭތުވެދިޔަ ސަރުކާރުގެ ސަބަބުން ވަރަށް ގިނަ ކަންކަން ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެއްވެސް ލަސްވުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރެވޭނީ ރަށްރަށުގެ މަގުތައް ހެދުމާއި ކުނި ނައްތާލުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން އެކަންކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

މަޖިލީހުގެ އެއްބާރުލުން ކުޑަ ވުމުގެ ސަބަބުން ވައުދުތައް ފުއްދުމުގައި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށާއި އަދި ވައުދުތައް ފުއްދުން ލަސްވަމުންދާ ކަމަށެވެ. އެހެންކަމުން މަޖިލިސް މެޖޯރިޓީ މުހިންމު ކަމަށެވެ. އަދި ސަރުކާރުން މިހާރު ކުރަމުންގެންދާ މަސައްކަތް ތަކުގެ ސަބަބުން މެޖޯރިޓީ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.