ސިއްހަތު

ދިވެހިން ނިދުމެއް ނޯވޭ، އޭގެ ގެއްލުން އޮވޭ!

ރޭގަނޑު ދަންވަންދެން ހޭލާ އުޅުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އަދި ސިޔާސީ ކަންކަމާ ގުޅިގެން ވަރަށް ބޮޑަށް ގޯހުން ގޯހަށް ބަދަލުވަމުން ދާ ވެސް އާދައެކެވެ. ސައި ހޮޓާތަކާއި ރެސްޓޯރެންޓް / ކެފޭ ތަކުގައި މެންދަމުން އަލިވަންދެން ކޮފީއެއްގަ އެވެ. ސިޔާސީ އޮލަ ވާހަކާގައި އިނދެފައި ދެވުނު އިރަކުން ގޮސް ގެއަށް ވަދެވުމުން ވެސް ނިދަން އޮށޯތުމުގެ ބަދަލުގައި ނޫނީ އޮށޯވެ އޮވެގެން ވެސް ނަގަނީ ފޯނެވެ. ނިދުމުގެ ކުރިން ފޭސްބުކް ހާވާލައި ޓްވިޓާގައި ހުރި ސިޔާސީ ރައްދުތައް ބަލައިލާށެވެ. ރައްދެއްވެސް ދޭށެވެ. ލައިކެއްވެސް ދޭށެވެ!

އެހެން އޮއްވާ ޔޫޓިއުބުން ކޮންމެވެސް ޝައުގުވެރި ވީޑިއޯއެއް ފެނިދާނެ އެވެ. އެ ވީޑިއޯ ނިމުމާއެކު އެހެން ކޮންމެވެސް މަޖާ ވީޑިއޯއެއް ފެނިގެން ޕްލޭ ކޮށްލެވެ އެވެ. ނިދުމުގެ ކުރިން ކުޑަކުޑަކޮށް ބަލައިލަން ހުޅުވި ފޭސްބުކްގެ ތެރޭގައި އޮތް ޝައުގުވެރި އެތައް ކަމެއްގެ ތެރެއަށް ހުސްވެ ދެން ވަގުތުދާ ގޮތްވެސް ނޭނގެ އެވެ. އެހެން އޮންލައިންވެފައި އިންދާ ކޮންމެވެސް ރަހުމަތްތެރިޔަކު ނޫނީ ނުވެސް ދަންނަ މީހަކު "ހާއި" ޖަހާލާފައި "މިއޮށް ދަންވަރު ކީއްތޯ ކުރަނީ؟" އަހާފާނެ އެވެ. ޖަވާބުގައި ބުނެވޭނީ "މި އުޅެނީ ނުނިދިގެނޭ" އެވެ.

ހަގީގަތަކީ ނިދި އައިސްގެން މީހާ ހަލާކުވާއިރު ވެސް އެކަން ތިމާއަށް ނޭނގުމެވެ. ސޯޝަލް މީީޑިއާގެ އަވައިގައި ޖެހި ނިދުމުގެ ކުރިން ފޯނަށް ނުވަތަ ލެޕްޓޮޕަށް ބަލަހައްޓައިގެން އިނުމަކީ ގިނަ ދިވެހިން މިހާރު އާދަވެ އެއްގޯސް ވެފައިވާ ކަމެކެވެ.

އަނެއްބައި މީހުން ސީރީސް ބެލުމުގައި މުޅި ރޭ ދުއްވާލަ އެވެ. ނުވަތަ އެނޫން ވެސް ކަމެއްގަ އެވެ. އެގޮތަށް ކޮންމެ ރެޔަކު އަށެއް ނުވަތަ މަދުވެގެން ހަތް ގަޑިއިރުގެ ހަމަ ނިދި ނުލިބި ދާނަމަ ވަރަށް ގިނަ ނޭދެވޭ އަސަރުތަކެއް މީހާގެ ސިއްހަތަށް ކުރާނެ އެވެ. އަދި އޭގެ ސަބަބުން ދިރިއުޅުމަށް ވެސް ނުބައި ބަދަލެއް އަންނާނެ އެވެ.

ސިޔާސީ އޮލަ ވާހަކާގައި އިނދެފައި ދެވުނު އިރަކުން ގޮސް ގެއަށް ވަދެވުމުން ވެސް ނިދަން އޮށޯތުމުގެ ބަދަލުގައި ނޫނީ އޮށޯވެ އޮވެގެން ވެސް ނަގަނީ ފޯނެވެ. ނިދުމުގެ ކުރިން ފޭސްބުކް ހާވާލައި ޓްވިޓާގައި ހުރި ސިޔާސީ ރައްދުތައް ބަލައިލާށެވެ. ރައްދެއްވެސް ދޭށެވެ. ލައިކެއް ވެސް ދޭށެވެ!
ލިޔުންތެރިޔާގެ މުހިންމު އިބާރާތްކޮޅެއް

ރޭގަނޑު އިންސާނާއަށް ލިބެންވާ ހަމަ ނިދި ނުލިބުމަކީ ސިނކުޑީގެ މަސައްކަތްތަކަށް ވަރަށް ގިނަ ހުރަސްތަކެއް އަޅާނެ ކަމެކެވެ. ލިބެންވާ މިންވަރަށް ނިދި ނުލިބިއްޖެނަމަ ހެދުނު ހޭލާއިރު ވަރުބަލިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭނެ އެވެ. އަދި ކަންކަން ކުރާ ހިތެއް ވެސް ނުވާނެ އެވެ. މީގެ އިތުރުން ކަންކަމަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭކަންވެސް ފާހަގަ ކުރެވޭނެ އެވެ. ހާއްސަކޮށް އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނާއި ކިޔަވާ ކުދިންނަށް ދުވަހުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އެޅޭ ހުރަހަކަށް މި ކަން ވެއެވެ.

އިންސާނާ ނިދާފައި އޮންނަ ވަގުތަކީ އެދުވަހަކުު ދިމާވި ހުރިހާ ކަމަކާއި ދަސްކުރި ހުރިހާ މައުލޫމާތެއް ހަނދާނުގައި ރައްކާކޮށް ބާއްވައިދޭން އެހީތެރިވެދޭ ވަގުތެވެ. ވުމާއެކު، ލިބެންވާ ވަރަށް ފުރިހަމައަށް ހަމަ ނިދި ނުލިބޭނަމަ ކަންކަން ހަނދާން ނެތުމުގެ ފުރުސަތު ވަރަށް ބޮޑު ވެގެން ދެއެވެ.

ނިދި މަދުވުމުގެ ސަބަބުން ހަމަށް ވެސް ބަދަލު ތަކެއް އާދެ އެވެ. ލޯ ކައިރިން ކަޅުވުމަކީ އެންމެ އާންމުކޮށް ދިމާވާ މައްސަލަ އެވެ. އަދި ނިދި މަދުވުމަކީ ހަމުގެ ތާޒާކަން ގެއްލި ހަންގަނޑު މުސްކުޅި ވުމަށް މެދުވެރި ކުރުވާ ކަމެއް ކަމަށް ވެސް ގިނަ ހޯދުންތަކުން ދައްކަ އެވެ.

ނިދި މަދު ވުމާ ގުޅިފައިވާ އެންމެ ބޮޑު އެއް ސިއްހީ މައްސަލައަކީ ފަލަ ވުމެވެ. ނިދި މަދުވާނަމަ ގިނައިން ކާ ހިތް ވެ އެވެ. ނޫނީ ގިނައިން ކާ ހިތްވާ ގޮތް މެދުވެރި ކުރުވަ އެވެ. އެހެން އެވަނީ ކާ ހިތްވުމަށް މެދުވެރި ކުރުވާ ހޯމޯން ކަމަށްވާ ރެލިން ގިނަވެ، އަދި ކާ ހިތްވުން ކޮންޓްރޯލް ކުރާ ހޯމޯން ކަމަށްވާ ލެޕްޓިން ހަށިގަނޑުގައި މަދުވުމުގެ ސަބަބުންނެވެ. އެހެން ކަމުން ދަންވަރު ނުނިދައި ހޭލާ ހުންނަ ނަމަ، މާ ބޮޑަށް ކާހިތްވެ އެވެ. އަދި ނޭނގި ނަމަވެސް ބަރުދަން އިތުރު ވުމުގެ ފުރުސަތު ބޮޑުވެ އެވެ. މި ނޫނަސް އަރާމު ނިދި ނުލިބުމާއި ނިދި މަދުވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ބައިވަރު ހުރެ އެވެ.

ނިދި މަދުވުމުން ދިމާވެދާނެ ސިއްހީ މައްސަލަތައް

  • ޕްރެޝަރު މައްޗަށް ދިއުމަށް މެދުވެރިވުން
  • ހިތުގެ ބަލިތަައް ޖެހުމުގެ ފުރުސަތު ބޮޑުވުން
  • ޓައިޕް 2 ޑައެބިޓީސް / ހަކުރުބަލި ޖެހުމުގެ ފުރުސަތު އިތުރުވުން
  • ދިފާއީ ނިޒާމް ބަލިކަށި ވުމަށް މެދުވެރިވުން
  • ބަރުދަން އިތުރުވުން
  • މާޔޫސްވުން، ހާސްވުން
  • ނަފްސާނީ އެހެން މައްސަލަތައް

ރޭގަނޑު ހޭލާ ހުރުމާއި ލަހުން ނިދުމަކީ އޭގެ ސަބުން ގިނަ ސިއްހީ މައްސަލަތައް މެދުވެރި ކުރުވާ ކަމެކެވެ. ވީމާ އަރާމު ނިދި ހޯދަން ކުރެވިދާނެ ކަންތައްތައް ބަލައި ހޯދަން ވެސް ޖެހެ އެވެ.

އެންމެ މުހިންމު ކަމަކަށްވާނީ އެންމެ މަދުވެގެން ކޮންމެ ދުވަހަކު ވެސް ހަތް ގަޑިއިރު ނިދުމެވެ. އަދި ކޮންމެ ދުވަހަކު ވެސް އެއް ވަގުތެއްގައި ހޭލުމާއި އެއް ވަގުތެއްގައި ނިދަން އާދަ ކުރުން ވެސް ވަރަށް މުހިންމެވެ.

އަބަދުވެސް ފަތިސް ނަމާދަށް ހޭލަން އާދަ ކުރެވިދާނެ އެވެ. އަހަރެމެން ދިވެހިންނަކީ މުސްލިމުންނަށްވާއިރު މިއީ ކޮންމެހެން އަށަގަންނުވަންޖެހޭ އާދައެއް ވެސް މެއެވެ. މުހިންމުވާނީ ހޭލަން ބެނުންވާ ވަގުތުގެ އަށް ގަޑިއިރު ނުވަތަ އެންމެ މަދުވެގެން ހަތް ގަޑިއިރު ކުރިން އެހެން ހުރިހާ ކަމެއް ދޫކޮށްލުމަށް ފަހު އަރާމުކޮށް ނިދުމެވެ.

ނިދަން އޮށޯއުތުމުގެ 30 މިނިޓު ކުރިން ފޯނާއި ޓެބްލެޓް ފަދަ ތަކެއްޗާ ދުރުވެ ދޫކޮށްލުމަކީ ވެސް އަރާމު ނިދި ހޯދަން އެހީތެރި ވެދޭނެ ކަމެކެވެ. ނިދާ ވަގުތާ ކައިރިކޮށްފައި ކޮފީ އާއި ސައި ފަދަ ކެފެއިން ހިމެނޭ ބުއިންތައް ބުއިން ދޫކޮށްލުން ވެސް މުހިންމެވެ.

ބައެއް މީހުންގެ ނިންޖަށް ހުރަސް އަޅާ އަނެއް ކަމަކީ ރޭގަނޑު ފާހަނައަށް ދާންޖެހިގެން ހޭލެވިފައި ދެން އެއް ގޮތަކަށް ވެސް ނުނިދުމެވެ. މިކަމަށް ގެންނަ ހައްލެއްގެ ގޮތުން ނިދާ ވަގުތާ ކައިރި ކޮށްފައި ފެނާއި އެހެނިހެން ދިޔާ އެއްޗިހި ބުއިމާ ދުރުވެވި ދާނެ އެވެ. ބައެއް ފަހަރު މި ގޮތަށް އަބަދު ރޭގަނޑު ފާހަނައަށް ދާން ތެދުވަން ޖެހެނީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަކަށްވެސް ވެދާނެ އެވެ.

ދަންވަންދެން ހޭލާ ހުރުމަށް އާދަވެއްޖެ ނަމަ އޭގެ ސަބަބުން ކުރިއަށް އޮތް ދުވަހުގެ މަސައްކަތްތަކަށް ބުރޫ އެރުމުގެ އިތުރުން ތަފާތު ސިއްހީ މައްސަލަތަކާވެސް ލައިގަންނާނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތާއި ކެއުމަށް ސަމާލުވާ ފަދައިން ރޭނގަޑުގެ އަރާމު ނިދި ހޯދަން މަސައްކަތް ކުރުން ވެސް އެހާ ވަރަށް މުހިންމެވެ. ލޯ މަރައިގެން ނިދަން ކިތައްމެ މަސައްކަތެއް ކުރި ނަމަވެސް ނިދަން އުނދަގޫ ވާނަމަ ނުވަތަ ނިދިފައި އަބަދު އަބަދު ހޭލެވޭނަމަ އެއީ ސަމާލުވެ ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭ ސިއްހީ މައްސަލައަކަށް ވެސް ވެދާނެ އެވެ. އެ ހާލަތުގައި އަމިއްލައަށް ގޮތް ނުނިންމާ ޑޮކްޓަރުންގެ އެހީ ހޯދައިގެން ކުރިޔަށް ދާށެވެ.