ލައިފްސްޓައިލް

ހަމަ ހުރެފައި ދުއްވައިގަންނާނީއެއް ނޫން!

ފަތިހު ފަތިހާ ހޭލައިގެން ނުނީ އޮއްސޭ އިރާއެކު ދުވާ ބޫޓަށް އަރައި އައިޕޮޑްވެސް ހިފައިގެން ދުވަން ނައްޓާލަނީ އެވެ. ރަނގަޅު ސްޕީޑެއްގައި މާލެ ވަށައި ބުރެއް ޖަހާލަން ނިކުމެ، ނޫނީ ދުވާ ޓްރެކްގެ ތެރެއަށް ވަދެ ވަށައި ދުވެލުމުން މީހާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ދެއެވެ. ހަށިގަނޑުން އޮހޮރޭ ދަލާއެކު މީހާގެ މޫޑު ރަނގަޅުވެ ތާޒާވެ ދިރުން ގެނެސްދެ އެވެ. ރަނގަޅަށް ދުވެލެވިއްޖެއްޔާ ދުވަސް ފުރިހަމަ ވީއެވެ. އެކަމަކު މީހުން ދުވާތީ ހަމަ ހުރެފައި ދުއްވައިގަތުމުގެ ބަދަލުގައި ޕްލޭނެއް ކޮށްގެން ދުވަން ނުކުންނަ ނަމަ ފައިދާ ބޮޑުވާނެ އެވެ. ރިޒަލްޓް ރަނގަޅުވާނެ އެވެ. އެއް ދުވަހު ދުވަހު ނޫނީ ހަފުތާއަކު ދުވެފައި ހުއްޓާލަނީ ޕްލޭނެއް ނެތީމަ އެވެ.

ކޮންމެ ކަމެއް ކުރުމުގައިވެސް ހާސިލް ކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކެއް ނޫނީ ލަނޑުދަނޑިއެއް އޮންނާނެ އެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި ކޮންމެވެސް ކަހަލަ ޕްލޭނެއް ވެސް އޮންނަންވާނެ އެވެ. މޮޅު ދުވާ ބޫޓަށް އަރައިގެން މާލެ ވަށައި ދުވުން ކަމަށް ވިޔަސް އެކަން ކުރަންވާނީ ގޯލަކާއި ޕްލޭނެއް ހިފައިގެނެވެ. ޕްލޭނެއް ނެތި ކުރާ ކަންކަމުގައި ފެއިލްވުން ނުވަތަ އެމީހަކު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ވާސިލްވުމަށް އުނދަގޫވެ އެވެ. އަދި އެކަމެއްގައި ފެއިލްވުން އޮންނަނީ ކައިރީގަ އެވެ.

އެ މީހާ ވެސް ދުވާތީ އެތަން ދެކެފައި ދުއްވައިގަތުމުގެ ބަދަލުގައި ކޮންމެ މީހަކަށްވެސް "ނައިކީގެ ރަން ކްލަބް" އެޕްލިކޭޝަންގެ އެހީގައި ދުވަން ފަށައި ދުވެލި ޓްރެކް ކުރެވިދާނެ އެވެ. ދުވަން ހޭދަވާ ވަގުތާއި ހަށިގަނޑުން ކެލޮރީ އަނދާވަރާއި ދުވެލީގެ ސްޕީޑާއި މިހެންގޮސް ދުވުމާއިގުޅޭ ގިނަ މައުލޫމާތު ލިބޭތީ މިއީ ދުވަން ފަށައިގަންނަ މީހަކަށް ވަރަށް ސަޅި ބޭނުންތައް ފުދޭނެ އެޕެކެވެ. އެކި އެކި ޕްލޭން ތަކާއި ވަކި ވަގުތަކަށް ދުވަން ބޭނުންނަމަ މި ގޮތް ހިޔާރު ކުރުމާއި ކޮންމެ ކަމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ގޮތަށް ދުވުން ވެސް ރައްޓެހިންނާއި ހިއްސާކޮށްލެވޭ އެޕެކެވެ.

ދުއްވައިގަތުމުގެ ކުރިން ޑައިނަމިކް ސްޓްރެޗިން

ކަސްރަތަށް ދުވިޔަސް ނުވަތަ ރޭހަކަސް ތައްޔާރުވާން ދުވިޔަސް، އެންމެ ފުރަތަމަ ދުއްވައިގަތުމުގެ ބަދަލުގައި ދުވަން ފެށުމުގެ ކުރިން ސްޓްރެޗް ކުރަން ވަގުތުކޮޅެއް ހުސްކޮށްލަން ޖެހެއެވެ. ދުވަން ފެށުމުގެ ކުރިން ޑައިނަމިކް ސްޓްރެޗިންގެ ހަދަން ޖެހެއެވެ.

އެއް ތަނެއްގައި ހުރެގެން އާއްމުކޮށް މިހަދާ "ސްޓެޓިކް ސްޓްރެޗިން" ގެ ބަދަލުގައި "ޑައިނަމިކް ސްޓްރެޗިން" އަކީ އެކްޓިވް ހަރަކާތްތަކެއް ބޭނުން ކޮށްގެން ނުވަތަ އެކި އެކި މޫވްމަންޓް ބޭނުން ކޮށްގެން ދުވުމަށް ނުވަތަ އެހެންވެސް ކުޅިވަރެއް ކުޅުމަށް ހަށިގަނޑު ތައްޔާރު ކުރުމަށް ކުރާ ކަމެކެވެ. ވީޑިއޯއިން އެ ފެންނަނީ ޑައިނަމިކް ސްޓްރެޗިން ހަދާނެ ގޮތެކެވެ.

ޑައިނަމިކް ސްޓްރެޗިންގް ހަދާނެގޮތް

އިންޓަވަލް ޓްރެއިނިން

އާއްމުކޮށް ދުވާ ދުވުމުގެ ބަދަލުގައި މީހާގެ ސްޕީޑާއި ދިގު ދުވުމަށް މީހާގެ އެންޑިއުރަންސް ވަރުގަދަ ކޮށްލުމުގެ ގޮތުން ހަފުތާއަކު އެއް ދުވަހު އިންޓަވަލް ޓްރެއިނިން ހަދަންވީ އެވެ. އިންޓަވަލް ޓްރެއިނިން އަކީ އޭގައި ލޯ އަދި ހައި އިންޓެންސިޓީގ ވޯކްއައުޓްގެ އިތުރުން ކޮންމެވެސް ވަރަކަށް ރެސްޓް ކުރުމަށް ވަގުތުކޮޅެއް އޮންނަ ގޮތެކެވެ.

ދުވާ މީހުން އާއްމުގޮތެއްގައި އިންޓަވަލް ހެދުމަށް މި ބޭނުން ކުރަނީ "ވޯކް ބެކް ސްޕްރިންޓިން"އެވެ. މިގޮތަށް ދުވުމުގައި އާއްމުކޮށް ދުވާ މީހުން ގެންގުޅޭ އުކުޅަކީ 100 ނޫނީ 800 މީޓަރަށް ސްޕްރިންޓް ކުރަނީ އެވެ. ދެން އަލުން އަނބުރާ ފެށިތަނަށް ހިނގާލާފާއި ދަނީ އެވެ. މިގޮތަށް އެމީހަކު ކަނޑައަޅާ ވަރަކަށް ދުވަނީ އެވެ. މިގޮތަށް ދުވާ އިރު ޗެލެންޖަކަށް މި ވަނީ އިންޓަވަލް އަށް ވަކި ވަގުތު ކަނޑައެޅުމެވެ. މިސާލަކަށް ތިން މިނެޓު ތެރޭގައި 200 މީޓަރަށް ސްޕްރިންޓް ކޮށްފައި އަލުން އަނބުރާ ހިނގާފާ ގޮސް ސްޕްރިންޓް ކުރުމެވެ.

ޓެމްޕޯ ރަނިން

ޓެމްޕޯ ރަނިން ދުވުމުގެ ތެރެއަށް ގެނައުމުން ގިނަ ފައިދާތަކެއް ކުރެއެވެ. ޓެމްޕޯ ރަނިންގެ ތައާރަފެއް ދޭނަމަ ބުނެވޭނީ މިއީ ކޮމްފޮޓަބަލް ވަރަކަށް އެހެން ނަމަވެސް ހާޑްކޮށް ދުވުމެވެ. މިސާލަކަށް ފަސް ކިލޯ މީޓަރު އާއްމުކޮށް 35 މިނެޓުން ޖަހާ މީހަކު ޓެމްޕޯ ރަނިންގައި ފަސް ކިލޯމީޓަރު ގާތްގަނޑަކަށް 42 މިނެޓުން ޖަހާފާނެ އެވެ. ޓެމްޕޯ ރަން އެއްގައި އެމީހެއްގެ ހާޓް ރޭޓްގެ މެކްސިމަމް 85 އާއި 90 ޕަސެންޓްގައ ހިފަހައްޓާނެ އެވެ.

އާއްުމުކޮށް ދުވާވަރަށްވުރެ ދިގުކޮށް ދުވެލުން

ރަނގަޅު ޕްލޭނެއްގެ ދަށުން ދުވާނަމަ، މަދުވެގެން ހަފުތާއަކު އެއްފަހަރު އާއްމުކޮށް ދުވާވަރަށްވުރެ ދިގުކޮށް ދުވަން ޖެހެއެވެ. ލޯންގްރަން އިން ދިގު ދުވުމަށް މީހާ ތައްޔާރު ކޮށްދެއެވެ. މީހާގެ އެންޑިއުރެންސް ބިލްޑް ކޮށްދެ އެވެ. އަދި ހަފުތާއަކު އެއް ދުވަހު ދިގު ދުވުމެއް ދުވާނަމަ މި ދުވުމަށް އިންތިޒާރު ވެސް ކުރެވެ އެވެ. ހަފުތާއަކު މާ ގިނަ ފަހަރު ދިގު ދުވުމެއް ދުވުމުގެ ބަދަލުގައި ހަފުތާއަކު އެއްފަހަރު ދިގުކޮށް ދުވުމުން ލިބޭ ހާނިއްކަތައް މަދުކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ވޯކްއައުޓް ހެދުން

ދުވުމުގައި ފައިގައި ބާރު ޖެއްސުމާއި އުނަގަނޑުގެ ސްޓެބިލިޓީ އިތުރު ކުރުމުގެ ގޮތުން ކޮންމެވެސް ވަރަކަށް ކޮންޑިޝަނިން ވޯކްއައުޓްތަކެއްވެސް ހަދަން ޖެހެއެވެ. މިގޮތުން ސްކްއެޓްސް އާއި ލަންޖަސް މިކަމަށް އެހީތެރިވެދޭނެ އެވެ. މި ވޯކްއައުޓް ވެސް ހަފްތާއަކު ކޮންމެވެސް އެއް ދުވަހަކު ހަދަން ކަނޑައަޅާށެވެ.

ސްކުއެޓް އަދި ލަންޖް ހަދާނެގޮތް

ކޮންމެ ކަމެއްގައިވެސް ކޮންމެވެސް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ބެސްޓް ދޭންވީ އެވެ. ދުވުމުގެ ތެރެއަށް ވެސް އިންޓަރަވަލް ޓްރެއިނިން އާއި ޓެމްޕޯ ރަނިން ދިގު ދުވުމާއި ވޯކްއައުޓްވެސް ވައްޓާލައި ޕްލޭންކޮށްގެން ދުވަންވީ އެވެ. ހަމަ ހުރެފައި ދުއްވައިގަންނާނީއެއް ނޫނެވެ.