ދުނިޔެ

ނިއު ޒީލެންޑް މިސްކިތް ހަމަލާދިނީ އެންމެ މީހަކު

Mar 17, 2019

ކްރައިސްޓްޗާޗު (17) - ނިއު ޒީލަންޑުގެ ކްރައިސްޓްޗާޗު ގައި ހުންނަ ދެ މިސްކިތަކަށް ހުކުރު ދުވަހު ހަމަލާދީފައިވަނީ އެންމެ މީހަކުކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް އަލް ނޫރު މިސްކިތަށް ނަމާދަށް ގޮސްތިބި އެތައް ބަޔަކު މަރާލި މަންޒަރުތައް އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ސްޓްރީމްކޮށްފައި އެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި އިތުރު ތިން މީހަކު، އެ ހަމަލާގައި ބައިވެރިވެފައިނުވާކަމަށް ފުލުހުން މިހާރު ވަނީ ބުނެފައި އެވެ.

އެ ރަހުމްކުޑަ ހަމަލާގައި، އިތުރު 34 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް އަދިވެސް އޮތީ ސީރިއަސް ހާލުގަ އެވެ.

އެ މައްސަލައާ ގުޅިގެން ނިއު ޒީލެންޑުގެ ޕޮލިސް ކޮމިޝަނަރު މައިކް ބުޝް ނޫސްވެރިންނަށް ވިދާޅުވީ އަލް ނޫރު މިސްކިތަށާއި ލިންވުޑް މިސްކިތަށް ދިން ހަމަލާގެ ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ހަމަލާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި، ސައުދީ އަރަބިއްޔާ، ތުރުކީ، ޖޯޑަން، ބަންގްލަދޭޝް، އިންޑޮނީޝިއާ އަދި މެލޭޝިއާއަށް ނިސްބަތްވާ މުސްލިމުން ހިމެނެ އެވެ.

އެ ހަމަލާ ދިނުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، ބްރެންޓަން ވަނީ 74 ސޮފްހާގެ "މެނިފެސްޓޯ" އެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ޔޫރަޕު މީހުންނާއި ދެކޮޅަށް މުސްލިމުން ދީފައިވާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ނުރައްކާތެރި ރޫހެވެ.