ވިޔަފާރި

އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލްކުރާ ޖަމިއްޔާތަކުގެ ގަވާއިދު ނެރެފި

Mar 17, 2019

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަށް ރަޖިސްޓްރީ ކުރުމާ ބެހޭ މިންގަނޑުތައް ހިމެނޭ ގަވާއިދެއް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއިން ނެރެފި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ނެރެފައިވާ އިމާރާތް ކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމިއްޔާތަކުގެ ގަވާއިދުގައި ޖަމިއްޔާ ރަޖިސްޓްރީ ކުރެވޭ މުއްދަތާއި މިނިސްޓްރީގެ ދަފުތަކުން ނަން އުނިކޮށް ބާތިލް ކުރެވޭނެ ހާލަތްތަކާއި ޖަމިއްޔާގެ މަސްހޫލިއްޔަތުތައް ކަނޑައަޅާފައިވެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކުގެ ގަވާއިދުގައިވާ ގޮތުން މި ދާއިރާގައި ރަޖިސްޓްރީ ކުރެވޭނީ އާކިޓެކްޓަރުންގެ ޖަމިއްޔާތަކާއި ކޮންޓްރެކްޓަރުންގެ ޖަމިއްޔާތައް އަދި އިންޖިނިއަރުންގެ ޖަމިއްޔާތުގެ އިތުރުން ފަންނީ ފަރާތްތަކުގެ ޖަމިއްޔާތަކާއި މިފަދަ އެހެނިހެން ޖަމިއްޔާ ތަކެވެ.

މި ގަވާއިދުގައި ބުނެފައިވާ ގޮތުން މި ދާއިރާގެ ޖަމިއްޔާތަކުގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ވަކި ފަންނަކަށް ހާއްސަވެފައިވާ ޖަމިއްޔާއެއްނަމަ އެ ޖަމިއްޔާގެ ޖުމްލަ މެންބަރުންގެ 60 ޕަސެންޓް މެންބަރުންނަކީ ހާއްސަވެފައިވާ ދާއިރާއިން އިލްމު ލިބިފައިވާ ފަރާތްތަކަށް ވާން ޖެހެ އެވެ. އަދި ޖަމިއްޔާގެ 30 ޕަސެންޓް މެންބަރުން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާން ޖެހެ އެވެ. އަދި ގަވާއިދު ތަންފީޒް ކުރާތާ ދެ މަސް ދުވަހުގެ ތެރޭގައި އިމާރާތް ކުރުމާގުޅޭ ފަރާތްތައް ނިސްބަތްވާ ޖަމިއްޔާތަކުގެ ދަފުތަރެއް އެކުލަވާލައި އާއްމު ކުރަން ޖެހެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ހިންގާ ނުރައްކާތެރި ހާދިސާތައް މަދު ކުރުމުގެ ގޮތުން 13 ގަވާއިދެއް ހަދަން ޖެހެ އެވެ. މި ގަވާއިދުތައް ހެދުމުގެ ގޮތުން ސަރުކާރާއި އިމާރާތް ކުރުމުގެ ދާއިރާ ގުޅިގެން ވަނީ ބައްދަލުވުން ތަކެއް ވެސް ބާއްވާފަ އެވެ.