ވިޔަފާރި

އިމާރާތްތައް ދާއިމީކޮށް އިންސްޕެކްޓްކުރަން އެދިއްޖެ

Mar 4, 2019

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ވަކި އުސޫލެއްގެ ދަށުން ދާއިމީ ގޮތެއްގައި އިންސްޕެކްޓް ކޮށްދޭން، ގައުމީ ކޮންޓްރެކްޓަރުގެ ޖަމިއްޔާ، އެމްއެންއޭސީއައި އިން ސަރުކާރުގައި އެދިއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އިމާރާތްކުރާ ސައިޓުތަކާއި އިމާރާތްތައް ބޭނުން ކުރުމުގައި އަމަލު ކުރަންމުންދާ ގޮތުގެ ސަބަބުން ތަކެތި ވެއްޓި މަސައްކަތް ކުރާ މީހުންނަށާއި މަގުމަތީ ހުންނަ ތަކެއްޗަށް ވެސް ގެއްލުން ވަމުންދާ ކަމަށެވެ. އަދި މިފަދަ ހާދިސާތަކުގައި މީހުންގެ ފުރާނައަށް ގެއްލުންވެ، އެ ފަދަ މައްސަލަތައް ތަކުރާރުވަމުންދާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތައް ބައިވެރިވާ މި ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި މާލޭގެ މަގެއްގެ ޕޭމަންޓް މަތިން ހިނގާފައި ދިޔަ ކުއްޖެއްގެ ފުރާނަ ގެއްލުނު ހާދިސާއާ ގުޅިގެން ހެދި އިންޝްޕެކްޝަންގެ ފަހުން، ހިނގި ތަފާތު ދެ ހާދިސާއެއްގައި ހުޅުމާލޭގެ ދެ ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީއަކު މަރުވެފައިވާ ކަމަށެވެ. އެފަދަ ހާދިސާތަކަކީ އެ ޖަމިއްޔާއަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެނޫން ވެސް ހާދިސާތައް ހިންގަމުންދާކަމުގެ މައުލޫމާތު ނޫސްތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބެމުންދާ މައުލޫމާތުތަކުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ބުނެފައި ވަނީ މި ބާވަތުގެ ހާދިސާތައް މަދު ކުރުމުގެ ގޮތުން ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ގިނައިން ޗެކްކޮށް ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.

އެމްއެންއޭސީއައި އިން ބުނީ އެ ޖަމިއްޔާ އިން އަބަދު ވެސް ބާރު އަޅަނީ 2010 ވަނަ އަހަރު ނެެރެފައިވާ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުތަކުގެ" ގައިޑްލައިނާއި މިހާރު ގެޒެޓްކޮށްފައިވާ ގަވާއިދާ އެއްގޮތަށް ހުރިހާ ސައިޓުތަކެއްގައި ވެސް މަސައްކަތް ފުރިހަމަ ކޮށްގެން މަސައްކަތް ކުރުމަށް ކަމަށެވެ.

އިމާރާތް ކުރުމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް ދެވަނައަށް އެންމެ ބޮޑު ހިއްސާއެއްވާ ދާއިރާ އެވެ. މިދާއިރާ ނިމިދިޔަ ފަސް އަހަރު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. ނަމަވެސް އިމާރާތް ކުރުމުގެ ދާއިރާގައި ހިނގާ ތަފާތު ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފަ އެވެ.