ހަބަރު

އިމާރާތް ކުރުމުގެ އަމަލީ މަަސައްކަތުގެ ސަލާމަތީ މިންގަނޑު ނެރެފި

Feb 4, 2019

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ނެރެފައިވާ ސޭފްޓީ މިންގަނޑުތައް އަސްލަކަށް ބަލައިގެން ރާއްޖޭގެ އިމާރާތް ކުރުމާބެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު ނެރެފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ގެޒެޓްކޮށްފައިވާ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު" ގައިވާ ގޮތުން މި ގަވައިދުގެ މަގުސަދަކީ މަސައްކަތްކުރާ މީހުންނާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެ ކުޑަ މިންވަރެއްގައި އަަޅަން ޖެހޭ ފިޔަވަޅުތައް ކަނޑައެޅުމެވެ.

މި ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންޓްރެކްޓަރަށް ހަވާލުވެފައިވާ އިމާރާތް ކުރުމުގެ މަސައްކަތަކީ 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަސައްކަތެއްނަމަ، މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާއްމުންގެ ސަލާމަތީ ކަންކަމާއި ސިއްހަތު ސަލާމަތް ކުރާނެ "ސޭފްޓީ ހެލްތް" މައުލޫމާތު ކަރުދާހެއް ތައްޔާރުކޮށް މުވައްޒަފުންނަށް އެ ކަރުދާހުގައިވާ ކަންކަން ތަންފީޒް ކުރަން ޖެހެ އެވެ. އަދި މި ގަވާއިދުގައި ބުނެފައިވާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާމެދު 90 ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ފަށާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ މި ގަވާއިދުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭންވެސް ފުރިހަމައަށް ބުނެދީފައިވެ އެވެ. އަދި މަސައްކަތުގެ ވެށީގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާނެ ސަރުދާރެއް ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސަރުކާރުން އިމާރާތް ކުރުމާ ގުޅޭ ގަވާއިދެއް ނެރުނުއިރު، 2010 ވަނަ އަހަރު އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ މަސީ އަދި މިހާރުގެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީ) އިންވެސް ސޭފްޓީ ގަވާއިދެއް ވަނީ ނެރެފަ އެވެ. މި ގަވާއިދުގައި ވެސް ހުރީ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ނެރެފައިވާ ގަވާއިދުތަކާ ގާތްގަނޑަކަށްއެއް ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.

އިމާރާތް ކުރުމުގެ ގަވާއިދުތަކަށް ސަރުކާރާއި އިމާރާތް ކުރުމުގެ ސިނާއަތު ގުޅިގެން ދަނީ ބަދަލުތައް ގެންނަމުންނެވެ. މި ބަދަލު ގެންނަން މަޖުބޫރުވީ އިމާރާތް ކުރުމުގެ ދާއިރާގައި ނުރައްކާތެރި ހާދިސާތައް ހިންގުން ގިނަވެފައިވާތީ އެވެ. މިގޮތުން މި ފަދަ އެއް ހާދިސާގައި މިދިޔަ މަހު ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ ކުއްޖަކު ވެސް މަރުވެފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާގެ 13 ގަވާއިދެއް ހަދަން ކޯޓުން ވަނީ އަރުމުކޮށްފަ އެވެ. އަދި މި އަމުރާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން އިމާރާތް ކުރުމުގެ ދާއިރާގެ ގަވާއިދުތައް ހެދުމަށް ސަރުކާރުން ވަނީ ބައްދަލުވުން ތަކެއް ފަށާފަ އެވެ. އަދި މި ބައްދަލުވުންތަކުގައި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި ގިނަ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.