ހަބަރު

ސިމެންތި ބަސްތާ ދަށުވި ކުއްޖާ މަރުވެއްޖެ

Dec 17, 2018
13

ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން ދިޔަ ކުޑަ އަންހެން ކުއްޖާ ދާދި ދެންމެއަކު މަރުވެއްޖެ އެވެ. އައިޖީއެމްއެޗްއިން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

އުމުރުން ހަތް އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ، އެ އަންހެން ކުއްޖާ އިއްޔެ ކުރި އޮޕަރޭޝަނަށް ފަހު، އައިސީޔޫގައި ދިޔައީ ފަރުވާ ދެމުން އެވެ. އައިޖީއެމްއެޗްއިން ބުނީ އެ ކުއްޖާ މަރުވީ މީގެ އިރުކޮޅެއް ކުރިން ކަމަށެވެ.

ސިމެންތި ކޮތަޅު ވެއްޓި ޖެހުނު ވަގުތު ކުއްޖާގެ ބޮލާއި ކޮނޑާއި ދެފައި ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އެތެރަހައްޓަށް ވަނީ ލޭފައިބައި ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ޒަހަމްތަކުން ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުން ކުއްޖާއަށް ގިނަ އަދަދެއްގެ ލޭ ބޭނުންވެ ލޭ ހަދިޔާ ކުރުމަށްވެސް ހޮސްޕިޓަލުން އިއްޔެ ގޮވާލި އެވެ.

އެންމެ ހަތް އަހަރުގެ އެ ކުޑަ އަންހެން ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނީ، އިއްޔެ ހެނދުނު ބެލެނިވެރިއަކާއެކު ޕޭމަންޓް މަތިން ހިނގާފައި ދަނިކޮށެވެ. އެކުއްޖާ އަކީ ރާއްޖޭގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އޭނާގެ، މަންމަގެ ގާތަށް ކުޑަ ދުވަސްކޮޅަކަށް ޗުއްޓީއަށް އައިސް އުޅުނު ކުއްޖެކެވެ.

އިއްޔެ އެ ހާދިސާ ހިނގި ހިސާބުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުންނެވެ. ސިޓީ ކައުންސިލުން ވަނީ، ސިމެންތި ބަސްތާ ވެއްޓުނު އިމާރާތުގައި މަސައްކަތްކުރަމުން އަންނަ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނީގެ ހުރިހާ ހުއްދައެއް ހިފަހައްޓައި އެކުންފުނީގެ ލައިސަންސް ވެސް ވަގުތީގޮތުން ހިފަހައްޓާފަ އެވެ.