ދުނިޔެ

ހަމަލާދިން މީހާގެ "މެނިފެސްޓޯ" ނިއު ޒީލެންޑުގެ ބޮޑު ވަޒީރަށް ފޮނުވި

Mar 17, 2019
1

ކްރައިސްޓްޗާޗު (މާޗް 17) - ނިއު ޒީލަންޑުގެ ކްރައިސްޓްޗާޗު ގައި ހުންނަ ދެ މިސްކިތަކަށް ހުކުރު ދުވަހު ދިން ހަމަލާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ "މެނިފެސްޓޯ" އެ ހަމަލާދިނުމުގެ ކުރިން އެގައުމުގެ ބޮޑު ވަޒީރަށް ފޮނުވިކަން ހާމަވެއްޖެ އެވެ.

އެ ހަމަލާ ދިނުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، 28 އަހަރުގެ ބްރެންޓަން ޓަރަންޓް ސޯޝަލް މީޑިއާގައި އާންމުކުރި 74 ސޮފްހާގެ "މެނިފެސްޓޯ"، އޭނާ ވަނީ ބޮޑު ވަޒީރު ޔަސިންޑާ އާޑެންގެ އޮފީހަށް އީމެއިލް ކޮށްފަ އެވެ.

އާޑެން ވިދާޅުވި ގޮތުގައި، އީމެއިލް މެދުވެރިކޮށް އެ މެނިފެސްޓޯ އެކަމަނާގެ އޮފީހަށް ފޮނުވާފައިވަނީ އެ ހަމަލާ ދިނުމުގެ ނުވަ މިނެއްޓު ކުރިން ކަމަށެވެ. އަދި އެ ހަމަލާ ހުއްޓުވާނެ އެއްވެސް ވަގުތެއް ނުލިބުނުކަމަށް ވެސް އާޑެން ވިދާޅުވި އެވެ.

"އޭގަ ނެތް ހަމަލާދޭން ރާވާފައިވާ ތަނެއް، އަދި މާ ބޮޑު ތަފްސީލެއްވެސް، އަހަރެމެންނަށް އެ ހަމަލާ ހުއްޓުވެން އޮތް ނަމަ، ޔަގީނުންވެސް ހުއްޓުވީސް،" ބޮޑު ވަޒީރު ވިދާޅުވި އެވެ.

އާޑެން އިތުރަށް ވިދާޅުވި ގޮތުގައި، ހަމަލާ ދިނުމުގެ ނުވަ މިނެއްޓު ކުރިން، ބްރެންޓަން ވަނީ އޭނާގެ މެނިފެސްޓޯ ތަފާތު 30 ފަރާތަކާއި ހިއްސާކޮށްފައި ކަމަށެވެ.

"އެ އީމެއިލް ލިބުނުތާ ދެ މިނެއްޓު ތެރޭގައި، އެކަން ވަނީ ޕާލިމަންޓް ސެކިޔުރިޓީގެ ސަމާލުކަމަށް ގެނެވިފައި، ނަމަވެސް، އޭގެ ކުޑައިރު ކޮޅެއް ފަހުން 911 އެމާޖެންސީ ކޯލްތައް އަންނަން ފަށައިފި، އޭގެ 36 މިނެއްޓު ފަހުން އެ މީހާ ހައްޔަރުކުރެވުނު،" އާޑެން އިތުރަށް ވިދާޅުވި އެވެ.

ބްރެންޓަންގެ "މެނިފެސްޓޯގައި" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުރީފުކޮށްފައިވެ އެވެ.

އޭނާގެ ދިގު "މެނިފެސްޓޯގައި" ޓްރަމްޕް ސިފަކޮށްފައިވަނީ ދޮން މީހުންގެ އާރާސްތުވެފައިވާ އައިޑެންޓިޓީގެ ރަމްޒެއްގެ ގޮތުގަ އެވެ.

ނަފުރަތާއި ބަދަލުހިފުމުގެ ރޫހުގައި ތައްޔާރުކޮށްފައިވާ ކަރުދާހުގައި، ބްރެންޓަންގެ ތައުރީފު އޭނާގެ ކަނާތުފިޔައިގެ ފިކުރުގެ އެހެން މީހަކަށް ވެސް ރައްދުކުރި އެވެ. ނޯވޭގައި، 2011 ވަނަ އަހަރު 77 މީހުން މަރާލި އެންޑާސް ބްރެއިވިކް އާ ބައްދަލުވެ، އޭނާގެ ކިބައިން "ހިތްވަރު" ލިބުނުކަމަށް ބްރެންޓަން ވަނީ ހާމަކޮށްފަ އެވެ.

ބްރެންޓަންގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ، އިމިގްރޭޝަން އާ އެކި ނަސްލުގެ މީހުން "މަސްހުނި" ވެ ޔޫރަޕާއި ހުޅަނގުގައި ދިރިއުޅޭ "ހަގީގީ" ދޮން މީހުންނަށް ކުރިމަތިވާ "ނުރައްކާތަކާއި" ގުޅޭ ގޮތުންނެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި އިތުރު ތިން މީހަކު، އެ ހަމަލާގައި ބައިވެރިވެފައިނުވާކަމަށް ފުލުހުން މިހާރު ވަނީ ބުނެފައި އެވެ.

އެ ރަހުމްކުޑަ ހަމަލާގައި، އިތުރު 34 މީހަކަށް އަދިވެސް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް އަދިވެސް އޮތީ ސީރިއަސް ހާލުގަ އެވެ.