ރެއާލް މެޑްރިޑްގެ ކޯޗު ކަމަށް ޒައިނުއްދީން ޒިދާން އެނބުރި އައި މެޗުގައި، އިސްކޯ އަލާކޮން އާއި މާސެލޯ ވިއޭރާ އަދި ގެރެތު ބޭލްގެ މޮޅު ކުޅުމާއެކު ސެލް ޑެ ވިގޯގެ މައްޗަށް 2-0 ން ރެއާލް މޮޅު ވެއްޖެ އެވެ.
ޒިދާން އާއެކު ގޯލްކީޕަރު ކޭލޯ ނާވަސް ވެސް ފުރަތަމަ 11 އަށް އަތުވެއް ޖެ އެވެ. ޗެލްސީއަށް 40 މިލިއަން ޕައުންޑް (823 މިލިއަން ދިވެހި ރުފިޔާ) ދިނުމަށް ފަހު ގެނައި ގޯލް ކީޕަރު ތައިބަޓް ކޯޓްއާއަށް ޖާގަ ލިބުނީ ބެންޗުންނެވެ. މިދިޔަ ސީޒަންގައި ކެޕާ އަރައިޒަބަލަގާ ރެއާލް މެޑްރިޑަށް ގެންނަން އުޅުމުން ޒިދާން ވަނީ އޭނާގެ ސަޕޯޓް ނާވަސް އޮތްކަން ހާމަ ކޮށްފަ އެވެ.
ރެއާލް މެޑްރިޑްގެ ކޯޗް ކަމުން ހުލެން ލޮޕެޓެގީ ވަކި ކުރި ފަހުން، އިސްކޯއަށް، ރެއާލްގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބެ އެވެ. މިއީ އޭގެ ފަހުން އޭނާއަށް ފުރުސަތު ލިބުނު ފުރަތަމަ މެޗެވެ. މާސެލޯއަށްވެސް ލީގް މެޗެއްގައި ފުރަތަމަ 11 އިން ފުރުސަތު ލިބުނު ތިން ވަނަ މެޗަކީ މި އެވެ.
ޒިދާން އާ އެކު މީގެ ކުރިން މަސައްކަތް ނުކުރާ ކުޅުންތެރިންގެ ތެރެއިން ފުރަތަމަ 11 އިން ފުރުސަތު ލިބުނީ، ކަނާތު ބެކް އަލްވާރޯ އޮޑްރިއަޒޯލާ އަށެވެ. އެއީ ޑެނީ ކާވަހާލް އަނިޔާގައި ހުރުމުންނެވެ.
ރެއާލް އަށް ފުރަތަމަ ލީޑް ނަގައިދިނީވެސް އިސްކޯ އެވެ. މާކޯ އެސެންސިއޯ އާއި ކަރީމް ބެންޒެމާގެ ކޮމްބިނޭޝަން ބޭނުންކޮށްގެން، ބެންޒެމާ ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ، ސެލްޓަގެ ކީޕަރު ރުބެން ބެލަންކޯއަށް ލިބުމުގެ ކުރިން އިސްކޯ ވަނީ ގޯލް ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.
އޭގެ ކުރިން، ލުކަ މޮޑްރިޗްވެސް ވަނީ ކޯނަރަކުން ތަނަވަސްވި ބޯޅައިން އޭރިއާގެ ބޭރުގައި ހުރެފައި، ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ގޯލް ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރި ނަމަވެސް ވީއޭއާރުން ނިންމީ، އެ ބޯޅަ މޮޑްރިޗް ފޮނުވާލިރު، ރެއާލްގެ ރަފޭލް ވަރާން އޮފްސައިޑްގައި ހުރި ކަމަށެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޒިދާން ފުރަތަމަ އިހްތިޔާރު ކުރި ކުޅުންތެރިޔަކީ، މިދިޔަ އަހަރު އޭނާ ކޯޗްކަން ދޫކޮށްލުމުން، ޕަބްލިކުގައި އޭނާއަށް ފާޑު ކިޔާފައިވާ ޑެނީ ސަބެޔޯސް އެވެ. ރެއާލް ގެ ދެ ވަނަ ލަނޑު ބޭލް ކާމިޔާބު ކުރީ މާސެލޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.