ވާހަކަ

އީޝަލް

(14 މާރިޗު 2019 އާ ގުޅޭ)

"އީޝަލް ކަހަލަ ކުއްޖަކު ބޭނުމީ" ލުގަލްބަންދާގެ ބޮލުން އީޝަލް ކޮއްޕާލަމުން ބުންޏެވެ. އެއާއެކު އީޝަލް ތަންކޮޅެއް ބާރަށް ހީނގަތެވެ. ދުރުގައި އެ މީހުންނަށް ބަލަން އިން މިޒަރެންނަށް އެ ދެމެދުގައި ދެކެވޭ އެއްވެސް ވާހަކައެއް އަޑެއްނީވެއެވެ. އެހެންނަމަވެސް އެ ދެ މީހުން ކުރާ ސަމާސާތައް މިޒަރެން ދުށްޓެވެ. އޭނާ ވެސް އިނީ ހިނިތުންވެލައިގެންނެވެ.

"އަހަރެން ކަހަލަ ދެވަނަ ޖިންނިއަކު ހުރެދާނޭ ހީނުވޭ، އެކަމަކު ހުރެއްޖެނަމަ ބައްދަލުވާނެނަމައޭ ހިތަށް އަރާ... އެހެންވިޔަސް ކޮން ޔަގީންކަމެއް އޮތީ އޭނާ ލުގަލްގެ ބައިވެރިއަކަށް ވެދާނޭކަމުގެ" ހުނުންގަނޑު މައިތިރިކޮށްލައި އީޝަލް ބުންޏެވެ. ލުގަލްބަންދާ ބުނި އެއްޗެއްގެ މުރާދު ހާސިލުނުވާކަން އެނގުނީ އީޝަލް ދިން ޖަވާބުންނެވެ. އިތުރަށް އެ މައުޟޫޢުއަށް ވާހަކަދެއްކުމުގެ ބަދަލުގައި ލުގަލްބަންދާ މަޑުމަޑުން ބޯޖަހާލީއެވެ. އޭނާގެ ބޮޑު ދެލޮލުން އީޝަލްއަށް ބަލަން އިން ގޮތުން ހީވަނީ އޭނާއަށް އެހާ ގާތުން އީޝަލް ފެންނާނޭ މީ ފަހު ފަހަރު ހެންނެވެ. ރައުލް އަނބުރާ އަތުވެއްޖެނަމަ އީޝަލްގެ އުފަލަށް ޓަކައި މީކާޢިލް އޭނާގެ ދަރިފުޅު ރައުލްއަށް ހިބަކޮށް ދޭނޭކަން ލުގަލްބަންދާ ހަނދާނެއްނުނެތެއެވެ. އޭނާ ވިސްނަނީ އޭރުން އޭނާއާއި އީޝަލްގެ ދެމެދުގައި އޮތް ގުޅުމަށް ވާނޭ ގޮތަކާމެދުއެވެ. ރައުލްގެ އަނބިމީހާގެ ގޮތުގައި އީޝަލް ދުށުމަކީ ލުގަލްބަންދާއަށް ކުރަން އެންމެ އުނދަގޫވާނޭ ކަންތަކެވެ.

"ލުގަލް!..." އަޑެއް ލައްވާނުލައި މާގިނައިރު ލުގަލްބަންދާ ބަލަން އިނުމުން އީޝަލް ގޮވާލިއެވެ. އޭނާގެ އެ ގޮވާލުމުން ލުގަލްބަންދާގެ ނަޒަރު ވަކިކޮށްލައި އަނދަމުންދިޔަ އަލިފާންގަނޑަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ލުގަލްބަންދާގެ ސިކުނޑީގައި ހިނގާ ޝުއޫރުތައް ދެނެގަންނާކަށް އީޝަލްއަކަށް ނޭނގުނެވެ. ހިނިތުންވެލަމުން ލުގަލްބަންދާގެ ގައިގާ މަޑުމަޑުން ޖަހާލައި އީޝަލް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ހުޅުގަނޑުގެ ދެއްކުންތެރިކަމަށް ބަލަން އިން އީޝަލްއަށް މިޒަރެން ގޮވާލިއެވެ. މީކާޢިލް އެނބުރި އައުމުގެ ކުރީން ފޭލިގެއަށް ވަނުމަށް އޭނާ އެދުނެވެ. ދަތުރަށް ފެށުމުގެ ކުރީން ފުރިހަމަ އަރާމެއް ހަށިގަނޑަށް ބޭނުންވާނޭކަން މިޒަރެން ހަނދާންކޮށްދިނެވެ. އީޝަލް އިން ތަނުން ތެދުވުމާއެކު ލުގަލްބަންދާއާއި މިޒަރެން ވެސް ތެދުވިއެވެ. ފޭލިގެ ކައިރިއަށް އައިސް އަތްފައި ދޮވެ އެތެރެއަށް ވަނެވެ. އެއާއެކު ފޭލީގޭގެ ދޮރުމަތީ ފޮތިގަނޑު މިޒަރެން ވައްޓާލައި ނިވާކުރިއެވެ. އަދި އެ ފޭލިގޭގެ ދެފާރާތުގައި ތިބި ދެ ފާރަވެރީންހެން މިޒަރެންނާއި ލުގަލްބަންދާ ތިއްބެވެ.

* * * * *

މުޅިން އައު ދުވަހެއްގެ ފަތިހަށް ދުނިޔެ ހޭލަމުން ދިޔައެވެ. ތުނޑިއާ ދިމާ އެއްގަމުގައި ހުރި ރުކެއްގެ ދޮށުގައި ރައުލް ޖައްސާލީ ރޭގެ ވަގުތެއްގައެވެ. އެންމެން މޫދަށް ފޭބިއިރު ވެސް އޭނާ އިންގޮތަށް އިނީއެވެ. ބިތްޖެހިފައި އިންދާ ނިދި ސަވާރުވީއިރެއް ވެސް އޭނާއަށް ނޭނގެއެވެ. އިރުގެ ފުރަތަމަ ދޯދިތައް ފެތުރިގެން ދިޔައިރު އެ އަލިކަމުން ރައުލްއަށް ސަލާމަތެއްނުވެވުނެވެ. އޭނާގެ ލޯ ހުޅުވާލީ ދެނެވެ. އޮވެވުނީ ކޮންތާކުކަމާމެދު ވިސްނާލެވުނީ ދެނެވެ. މޫނުގައި ދެއަތްތިލަ ހާކާލަމުން އޭނާގެ ވަށައިގެން ނަޒަރު ހިންގާލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެގެން އައީ މޫދާ ދިމާއަށެވެ.

އިރު މެދަށް ޖެހެމުންދިޔަ ވަގުތު ތުނޑިއަށް ފޭބި ޖިންނިއަކު ރައުލްއަށް ގޮވާލި އަޑަށް އޭނާ ލޮނުގަނޑުން މައްޗަށް އެރިއެވެ. ފެނުނީ ޒިޔަޒެލް އެތަނުގައި މަޑުކޮށްލައިގެން ހުރިތަނެވެ. ލޮނުގަނޑު މަތީގައި ހުރެފައި ޒިޔަޒެލްގެ ގާތުން ރައުލް ފާޅުވިއެވެ. އެއާއެކު ދެން ތިބި ބައިވެރިން ރައުލްއާ ބައިވެރިވިއެވެ. ޒިޔަޒެލް އެދުނީ އޭނާއާއެކު ގެއަށް އައުމަށެވެ. ރައުލް ހިނގައިގަތުމުން އޭނާއާއެކު އެހެން މީހުން ވެސް އައެވެ.

އީޝަލްގެ ޢާއިލާ މީހުންނާ ބައްދަލުކުރަންވީ ވަގުތު ޖެހުނީ ކަމުގައި ރައުލްއަށް ހީކުރެވުނެވެ. ސުވާލު ކުރަން ހިތަށް އަރާފައި ވެސް ރައުލް ޚިޔާރުކުރީ ހިމޭންކަމެވެ. ޒިޔަޒެލްއާއެކު އޭނާގެ ގެއަށް ވަނުމުން ހުރިހާކަމެއް އޮޅުންފިލާނޭކަން އެނގެއެވެ.

"އީޝަލް..." ބެރެބެދި ގަސް ކައިރިއަށް އާދެވުނު ހިނދު ބޭއިޚްތިޔާރުގައި ރައުލްއަށް ބުނެލެވުނެވެ. އޭނާގެ ނޭފަތުގައި އީޝަލްގެ ވަސް ޖެހުނީއެވެ. ވަގުތުން ގަހުގެ މަތީ އޮފިތަކަށް އޭނާގެ ނަޒަރު ދަތުރުކުރިއެވެ. އޭނާއަށް ބުނެވުނީ ކިތަންމެ މަޑުން ނަމަވެސް އެ އަޑު ޒިޔަޒެލްއަށް އިވުނެވެ. އޭނާ ހިނިތުންވެ ހުރެ ރައުލްގެ ކޮނޑުގައި ޖަހާލަފައި އެތެރެއަށް އައުމަށް ބުނެލިއެވެ.

ފެންޑާގައި މިޒަރެންނާއި މީކާޢިލް ތިބިތަން ފެނުނު ހިނދު ރައުލްއަށް ހުއްޓެވިއްޖެއެވެ. އީޝަލް އެނބުރި އަތުވެއްޖެކަން އޭނާއަށް ޔަގީންވީ ދެނެވެ. އޭނާގެ ބުއްދި ކުރާ ސަމާސާއެއްނޫންކަން އެނގުނު ހިނދު ހިތުގައި އޮބިއަޅަމުންދިޔަ ކެތްތެރިކަން ކޮޅުންލިއެވެ. އީޝަލް ދުށުމަށް އޭނާ ނުހަނު ބޮޑަށް ބޭނުންވީއެވެ. ނަމަވެސް މީކާޢިލްގެ ކުރިމަތީ އެފަދަ ޢަމަލެއް ހިނގުމުގެ ކުރީން އަމިއްލަ ނަފްސު ހިފެހެއްޓިއެވެ.

"އީށީނދޭ" ޒިޔަޒެލް ބުންޏެވެ. ރައުލް އޭނާއާއެކު އައިސްތިބި މެންބަރުންނަށް އަވަސް ނަޒަރެއް ދިނުމަށްފަހު އިށީނެވެ. މީކާޢިލްގެ ނަޒަރު ހުރީ ރައުލްއަށް ހުއްޓިފައެވެ. ދެން ވެސް ވާހަކަދެއްކީ ޒިޔަޒެލް އެވެ. ބޭރީތާއި ބައްދަލުކުރުމަށް އީޝަލް ގެންދިއުމުގެ ކުރީން ރައުލް ކަންތައް ކުރަން ޖެހޭނޭ ގޮތް ޒިޔަޒެލް ކިޔައިދިނެވެ. ރައުލް ވާހަކަދެއްކީ ދެނެވެ. ޢާއިލާގެ އެހެން މެންބަރުން އީޝަލްއާއި އޭނާ ގުޅުމަށް ނުރުހޭނަމަ މީކާޢިލްމެން ކަންތައްކުރާނީ ކިހިނެއްތޯ އޭނާ ސުވާލުކުރިއެވެ. އެހިނދު ޒިޔަޒެލްއާއި މީކާޢިލް އެކަކު އަނެކަކަށް ބަލާލިއެވެ.

"ކަލޭ ބުނާ ބަސް ފިޔަވައި އަހަރެމެންނަށް އެއްވެސް ޔަގީންކަމެއްނެތް އީޝަލް ގެންދަން ތިއުޅެނީ ހަޤީޤަތުގައި ވެސް ބޭރީތު އެދިގެންކަން، އީޝަލްގެ ރައްކާތެރިކަމާމެދު އަހަރެމެން ކަންބޮޑުވޭ، އަހަރެމެންނަކީ ކަނޑުގައި ދިރިއުޅޭ ބައެއްނޫން، ކަލޭމެންގެ ހަޤީޤަތް އެނގޭ ޖިންނިއަކު ހަމަހޭގައި ހުރެ ރުހިދާނޭހެން ހީވޭތަ؟ އަހަރެން އިތުބާރުކުރީ އަހަރެންގެ ދަރިފުޅަށް... އޭނާ ކަލެއަށް އިތުބާރުކުރަން ބޭނުންވޭ، އަހަރެން ކަންބޮޑުވޭ ކަލޭ އޭނާގެ މަޢުޞޫމްކަމުން ފައިދާ ނަގާފާނެތީ، އެންމެ ބަލިކަށިވެފައިވާ ވަގުތު ބަލައި އޭނާގެ މައްޗަށް ގަދަވެގެންފާނެތީ... މި ހުރިހާ ކަމަކީ ބޭރީތުގެ ރޭވުމަކަށް ވެސް ވެދާނެ، އެންމެންގެ ރުހުން ލިބޭނީ އަހަރެމެންގެ އިތުބާރު ހޯދިގެން" މީކާޢިލްގެ ވާހަކައިން އޭނާ އަދިވެސް ރައުލް ބަލައިނުގަންނަކަން އެނގުނެވެ.

"ބައްޕަގެ ހިތުގައި އޮތީ ކީކޭކަން ބުނާކަށް އަހަރެންނަކަށް ނޭނގޭ، އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ގެއްލުމެއް ލިބިދާނޭތީ ޚުދު އަހަރެން ވެސް އެކަމާ ވިސްނަން، އަހަރެމެންގެ ތެރެއަށް އީޝަލް ގެންދިއުމަކީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގެނީއެއްނޫން، ބައްޕަގެ އެ އެދުން ފުރިހަމަކޮށްދޭން އަހަރެން ބޭނުންވަނީ" ރައުލް ބުންޏެވެ. މީކާޢިލް ބަލަން އިން ގޮތުން އިތުރަށް ރައުލް މާޔޫސްވިއެވެ. އެވަގުތު އެ ތަނުގައި އިން ހަތޯރު ވާހަކަދެއްކުމުގެ ހުއްދައަކަށް އެދުނެވެ. ޒިޔަޒެލް ބޯޖަހާލިއެވެ.

"އަހަރެންނަކީ ހަތޯރު، ބޭރީތާއި ކަސްދިޔާގެ ހަގު ދަރިފުޅު، ބައްޕަގެ މައްޗަށް މިހާރު އެންމެ ބޮޑު ނުފޫޒެއް އޮންނާނީ އަހަރެންގެ މަންމަގެ ފަރާތުން، އަހަރެން... ރައުލްއަށް ޓަކައި އީޝަލްގެ ރައްކާތެރިކަން ޔަގީންކޮށްދޭނޭ ރަހުނެއްކަމުގައި ވެދާނަން، އީޝަލް އެނބުރި އަންނަންދެން އަހަރެން ކަލޭމެންގެ ގާތުގައި މަޑުކުރާނަން، އަހަރެންގެ ރައްކާތެރިކަން ކަށަވަރުވާނީ އީޝަލްއަށް އަހަރެމެންގެ ތެރެއިން ފުރިހަމަ ރައްކާތެރިކަން ލިބިގެންކަން އެމީހުންނަށް ސާފުވާނެ، ހަޤީޤަތުގައި އަހަރެމެން އެކަކު ވެސް ނޭދެން އީޝަލްއަށް ނުރައްކަލެއް ކުރިމަތިވާން، އެކަމަކު އަހަރެމެންނަށް ޔަގީންކަމެއް ވެސް ނުދެވޭނެ... ގަނޑުވަރުގައި ރައުލްއާ ދެކޮޅަށް ރާވާ ޖިންނީން އެބަތިބި، އެމީހުންގެ ތެރޭ އެންމެ އިސްކޮށް ހުރި އެކަކު އަހަރެންގެ މަންމައަކީ..."

"ހަތޯރު" ރައުލް ގޮވާލީ ގޮތުން ހީވީ ދެން ހުއްޓާލާށޭ ބުނަން ބޭނުންވީ ހެންނެވެ. ޒިޔަޒެލްއާއި މީކާޢިލް އިނީ ނިކަން ފަރުވާތެރިކަމާއެކު ހަތޯރުގެ ވާހަކަ އަޑު އަހާށެވެ. އަދި އެ ވާހަކަތަކުން ރައުލްއަށް އުނދަގޫވެއްޖެކަން ވެސް އެ މީހުން ދެނެގަތެވެ.

"ރައުލް... އެ މީހުންނަށް އެނގެން ޖެހޭނެ، އީޝަލްއަށް ވެސް އެނގެންވާނެ، ރައުލް އަޅާކިޔޭނޭ އެކަކު ވެސް އަހަރެމެންގެ ތެރޭގައި ނުވޭ، އޭނާއަކީ ބޭރީތެއްނޫން.... އޭނާއާ ބޭރީތާ އެއްވަރުނުކުރޭ، ރައުލްއަކީ އަންހެނުންނާއި ކުޑަކުދިންނާއި ނިކަމެތިންނަށް އަނިޔާކުރާ ޖިންނިއެއްނޫން، ލިބިފައިވާ ބާރު ނަހަމަގޮތުގައި އޭނާ ބޭނުމެއްނުކުރޭ، އޭނާގެ ދިރިއުޅުން އަހަރެމެން އެންމެނާ ތަފާތު، އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއަށްވުރެ އަހަރެންގެ ކުރިމަތީ ރައުލްގެ ގަދަރު މާ ބޮޑު، އަހަރެންގެ ޢާއިލަށް ވުރެ ވެސް އަހަރެންނަށް ރައުލް މުހިންމު، އޭނާގެ ކޮންމެ ނިންމުމަކަށް އަހަރެމެން މި ތިބީ ތަބާވެގެން... އޭނާ އީޝަލް ރައްކާތެރިކުރާނޭކަން އަހަރެންނަށް އެނގޭ، އޭނާގެ އަމިއްލަ ފުރާނަ ދުއްވާލައިގެން ވިޔަސް އޭނާ އީޝަލްއަށް ގެއްލުމެއް ލިބުނަކަ ނުދޭނެ" ހަތޯރުގެ ވާހަކަ ނިންމާލިއެވެ. އޭނާ އެތަނުގައި ތިބި ފަހަރަކު މީހަކަށް ބަލާލިއެވެ. ސޭމެސް މަޑުމަޑުން ބޯޖަހާލިއެވެ. ރައުލް އިނީ ހަތޯރާމެދު ކަންބޮޑުވެފައެވެ. ކަސްދިޔާއާއި ޒަގަންގެ ގޮތް އެނގޭއިރު ހަތޯރުގެ ޚަބަރު ލިބުމުން އެ މީހުން މަޑަކުން ނުތިބޭނޭ ރައުލްއަށް ހީވަނީއެވެ. އޭނާއަށް ޓަކައި އެފަދަ ނިންމުމެއް ހަތޯރު ނިންމާކަށް ރައުލް ނޭދެއެވެ.

އެންމެންގެ ސަމާލުކަން ހުއްޓުނީ ފެންޑާއަށް ނުކުތް އީޝަލްގެ ސަލާމުގެ އަޑުންނެވެ. ތަބަކެއް ހިފައިގެން އައިސް އެންމެންނަށް ތަބަކުގައި ހުރި ބުއިން އެރުވިއެވެ. ބޯނިވާކޮށްގެން ހުރި އީޝަލްގެ ފުރިހަމަ ސޫރަށް ރައުލް ބަލާލިއެވެ. މަތިން ތިރިއަށް އަދި ތިރިން ފެށިގެން މައްޗަށް ރައުލްގެ ނަޒަރު ހިންގާލިއެވެ. ތަބަކުގައިވި ތަށި ނަގައި ރައުލްއަށް ދިއްކޮށްލަމުން އީޝަލް ހިނިތުންވެލިއެވެ. ރައުލް ތަށީގައި ހިފުމުން އީޝަލް އެނބުރިލީ މީކާޢިލްއާ ދިމާއަށެވެ. އޭނާގެ ބައްޕައަށް ގޮވާލި ގޮތުން ހީވަނީ ރައުލް އިތުރަށް އިމްތިހާނުނުކޮށް ގޮތެއް ނިންމަން އީޝަލް އެދުނު ހެންނެވެ. އެހިނދު ޒިޔަޒެލް ވެސް މީކާޢިލްއަށް ގޮވާލައި ބޯޖަހާލަމުން ލަސް ގޮތަކަށް ލޯ މަރާލައި ހުޅުވާލިއެވެ. އެ ދެމެދުގައި ވާހަކަ ބަދަލުކުރެވުނު ކަހަލައެވެ.

"ހަތޯރު އަހަރެމެން ގާތުގައި މަޑުކުރާނީ، މިކަމުގައި ކަލޭމެންގެ ތެރެއިން އެކެއްގެ ފަރާތުން ނުރައްކަލެއްނެތް ނަމަވެސް ކަނޑުގެ އަޑިން ކުރިމަތިވާނޭ ނުރައްކަލެއް ނޭނގެ، އެހެންވީމަ ހަތޯރުގެ އެ ނިންމުން އަހަރެމެން ޤަބޫލުކުރަން، ރައުލް އެއްބަސްވި އެއްބަސްވުމުގެ ތަފްސީލު ޒިޔަޒެލް ވަނީ އަހަރެންނަށް އޮޅުންފިލުވައިދީފައި، އަހަރެން އެއްބަސްވި ފަދައިން އީޝަލް ކަލެއަށް ހިބަކޮށް ދީފިން، އެކަމަކު އެއީ އީޝަލް އަހަރެމެންގެ ގާތަށް އެނބުރި އައުމަށްފަހު، އަދި އަހަރެމެންގެ ކަންކަމަށް ކަލޭ ތަބާވުމަށްފަހު، އަހަރެމެންގެ ތެރެއިން ޝައިޚެއްގެ ހާޟިރުގައި ހުރިހާ ކަމެއް ނިންމޭނީ" މީކާޢިލް ބުންޏެވެ. އެއްފަރާތުގައި ތަބަށް ހިފައިގެން މަޑުކޮށްލައިގެން ހުރި އީޝަލް ތަންކޮޅެއް ބޮޑަށް ހިނިތުންވެލިއެވެ. އޭނާ އެތަނަށް ނުކުތީ މީކާޢިލްގެ ވާހަކަ ދިގުލައިފިކަން އެނގިގެންނެވެ. އަނެއްކޮޅުން ރައުލް ދުށުމަށް ކެތްމަދުވެފައި ހުރީމައެވެ.

ޒިޔަޒެލްއާއި މިކާޢިލް ތެދުވުމުން ދެންތިބި އެންމެން ތެދުވިއެވެ. އިރުއޮއްސެންވާއިރަށް ރައުލްއާ ބައްދަލުކޮށް ދެން ކަންތައްކުރަންވީ ގޮތެއް އަންގާނަން ކަމުގައި ޒިޔަޒެލް ބުންޏެވެ. އަދި ދަތުރު ހަމަޖެހިފައި އޮތްގޮތް އެނގެން ބޭނުންވާކަން ޒިޔަޒެލް ހާމަކުރިއެވެ. އޭނާގެ ޚާއްޞަ ރަޚުމަތްތެރިއަކު އެހާއިރަށް އަންނާނޭ ކަމާއި އެންމެން ތިބެ ދަތުރުގެ ކަންކަން މަޝްވަރާކުރަން ބޭނުންވާކަމަށް ވެސް ޒިޔަޒެލް ބުންޏެވެ.

އެ ގޭތެރެއިން ރައުލްމެން ނުކުތްއިރު އެއްފަރާތުގައި ލުގަލްބަންދާ އޮތްތަން ފެނުނެވެ. ދާރިއުސް ވަގުތުން އޭނާއަށް ގޮވާލިއެވެ. ހާލުއަހުވާލު އޮޅުންފިލުވިއެވެ. ނަމަވެސް ރައުލްއާ ދެމެދު ބަދަލުކުރެވުނީ ރަޙުމަތްތެރިކަމުގެ ބެލުމެއްނޫނެވެ. ވަކި ހިސާބަކުން އެ މީހުންގެ ފަހަތުން ލުގަލްބަންދާ އަންނާތީ ރައުލް ހުއްޓުނެވެ. އޭނާ އައިސް ރައުލްއާ އެއްވަރުކުރިއެވެ.

"ކަލޭމެންގެ ތެރެއަށް ގެންދިއުމަށްފަހު އީޝަލްއަށް ކަމެއްވެއްޖެނަމަ އަހަރެން އެކަމުގެ ބަދަލު ހިފާނަންކަން ހަނދާންނައްތާނުލާތި، ކޮންމެތަނަކަށް ވަދެ ފިލާ އޮތަސް އަހަރެން ކަލޭ ހޯދާނަން، އޭނާއާ އެއްވެސް ޖިންނިއަކު ދިމާކޮށްފިނަމަ ކަލެއަށް އޭނާ ރައްކާތެރިކުރަންވާވަރަށް ނުކެރުވުނީކަން ހަނދާންކުރާތި، އެހެންވެއްޖެނަމަ އީޝަލްއާ ގުޅޭކަށް ކަލޭ އެކަށީގެންނެއްނުވޭ" ލުގަލްބަންދާ ދެއްކި ވާހަކަ ރައުލްއަށް ސާފުކޮށް އިވުނެވެ.

"ކަލޭ ހީކުރީ އަހަރެންމީ ފިނޑިއެއްކަމައްތަ؟ ތިހެން އިންޒާރުތިދެނީ އަހަރެން ބިރުގަންނާނޭ ހީކޮށް... ނުވާނެތިކަމެއް، އަހަރެން އީޝަލްއަށް ޓަކައި ނުކުރާނޭކަމެއްނޯންނާނެ، އެހެންވީމަ ތި އިންޒާރުތައް އަހަރެންނަށް ނުދީ އެނބުރިދާން އުޅޭ" ރައުލް ބުންޏެވެ. ލުގަލްބަންދާ ހުރި ފިޔަވަޅުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ރައުލް ބަލަން ނުހުރެ ހިނގައްޖެއެވެ.

އެންމެންނާއެކު އެކަހެރިވެވުމުން ހަތޯރުގެ ނިންމުމާމެދު ރައުލް ފާޑުކިޔެވެ. ނަމަވެސް ދެންތިބި ހުރިހާ މެންބަރުން މިފަހަރު ބުރަވީ ހަތޯރުގެ ކޮޅަށެވެ. އެ ނިންމުމަކީ މިވަގުތަށް މުހިންމު ނިންމުމެއްކަމުގައި އެމީހުން ދުށްޓެވެ. ފިކުރު ބޮޑުވެފައި ހުރެ އެންމެނާ ދުރަށް ރައުލް ހިނގައިގަތެވެ. ނަމަވެސް ހުއްޓުނީ ކަނޑުން އެ ދިމާއަށް ޖިންނިއަކު އަންނަކަން އެނގިގެންނެވެ. ސޭމެސްއާއި ހަތޯރާއި ދާރިއުސް އައިސް ރައުލްގެ ގާތުގައި މަޑުކޮށްލިއެވެ.

"އެ އަންނަނީ ރާވިން" ސޭމެސް ބުންޏެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އާދަޔާ ޚިލާފަށް ބޮޑު ރާޅެއް ނަގައި ގޮނޑުދޮށަށް ބީއްސާލައިފިއެވެ. އެއާއެކު ދެން ފެނުނީ އެ މީހުންގެ ކުރިމަތީ ހުއްޓިހުރި ރާވިންއެވެ. އެންމެންގެ މޫނުގައި ހައިރާންކަން ވީއިރު ރައުލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

(ނުނިމޭ)