ކުޅިވަރު

ވޯލްވްސްއިން ޔުނައިޓެޑް ކަޓުވާލައިފި، ސިޓީ ސަލާމަތް ވެއްޖެ

ވޯލްވާ ހެމްޓަން ވޮންޑާސްއިން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލިރު، ފަހު ވަގުތު ސްވަންސީ ސިޓީ ކައިރިން މެންޗެސްޓާ ސިޓީ ސަލާމަތް ވެއްޖެ އެވެ.

ވޯލްވްސްއިން ޔުނައިޓަޑްގެ މައްޗަށް ކާމިޔާބު ހޯދީ، 2-1 ންނެވެ. ވޯލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފެނިގެން ދިޔަ ހުރިހާ ލަނޑެއްވެސް ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ ފަހު 20 މިނެޓްގަ އެވެ. ފުރަތަމަ ލަނޑު 70 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރައުލް ހިމެނޭޒް އެވެ. އޭގެ އަށް މިނެޓް ފަހުން ޑިއޭގޯ ޖޯޓާ ވަނީ ވޯލްވްސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓަޑަށް ސުން ކަނޑުވާލަ ދިނީ މާކޯސް ރަޝްފާޑް އެވެ.

ސްވަންސީ ސިޓީން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި ސިޓީ މެޗު ކާމިޔާބު ކުރީ 3-2 ންނެވެ. ސްވަންސީން ވަނީ މެޗުގެ ފުރަތަމަ 30 މިނެޓް ތެރޭގައި ސިޓީ ކޮޅަށް ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކުރި މެޓް ގްރީމްސް އެވެ. ދެ ވަނަ ލަނޑު ބާސެން ސެލީނާ އެވެ. ދެ ވަނަ ހާފަށް ސިޓީ ނިކުނތީ ތަފާތު ރޫހެއްގަ އެވެ.

ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބެނާޑޯ ސިލްވާ އެވެ. ސިޓީގެ ދެ ވަނަ ލަނޑަކީ، އެޓީމަށް ލިބުނު ޕެނަލްޓީ ސާޖިއޯ ކުން އަގުއޭރޯ ފޮނުވާލުމުން، ސްވަންސީގެ ކީޕަރު ކްރިސްޓްފާ ނޯޑްފެލްޓް އަތުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ސިޓީ މެޗުން މޮޅުކޮށް ދިން ލަނޑު ކާމިޔާބު ކުރީ، އަގުއޭރޯ އެވެ. ވަޓްފޯޑް އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު ވަޓްފޯޑް ކާމިޔާބު ކުރީ 2-1 ންނެވެ.