ހަބަރު

އެސްއެމްއީ ބޭންކްގެ ހިދުމަތް މާދަމާ އިފްތިތާހު ކުރަނީ

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ހިދުމަތް މާދަމާ އިފްތިތާހް ކުރަން ނިންމައިފި އެވެ.

އެސްއެމްއީ ބޭންކްގެ ހިދުމަތް އިފްތިތާހް ކުރުން އޮންނާނީ މާދަމާ ނޭޝަނަލް އާޓު ގެެލެރީގައި އެވެ. އެބޭންކްގެ ހިދުމަތް އިފްތިތާހް ކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެސްއެމްއީ ބޭންކްުގެ ހިދުމަތަކީ ރައީސް ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގައި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވިޔަފާރީގެ ބައިގައި ހިމެނޭ ބައެކެވެ.

އެ ކުންފުންޏަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މާލެ އާއި އައްޑު އާއި ފުވައްމުލައް ހިމެނޭ ގޮތަށް އެއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސެންޓް ގެ ހިއްސާ މި ކުންފުނީގައި ހިމެނެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނީ މި ކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިސޯދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.