ދުނިޔެ

ނަފުރަތުގެ އަމަލަކަށް ނުގުޑި ލޯތްބާއި އެއްބައިވަންތަކަން

Mar 17, 2019
1

ނިއު ޒީލެންޑަކީ ތަފާތު ދީންތަކުގެ އެކި ނަސްލުގެ ރައްޔިތުންތަކެއް އެކުގައި ދިރިއުޅޭ ސުލްހަވެރި ގައުމެކެވެ. ހަނގުރާމަތަކާއި، ހަމަނުޖެހުން ބޮޑު ގައުމުތަކުން އެތަކެއް މުސްލިމުންނެއް ނިއު ޒީލެންޑަށް ހިޖުރަކުރަނީ ސަލާމަތުގެ އައްސޭރިއެއް ގޮތުގައި ދެކިގެންނެވެ. އެ ގައުމުން އެފަދަ ހާލުގައި ޖެހިފައިވާ މީހުންނަށް ހިނިތުންވުމާއެކު މަރުހަބާ ކިޔާތީ އެވެ.

ނަމަވެސް، ޕެސިފިކްގައި އޮންނަ ގައުމު މި ވަނީ ސިއްސުވާލައިފަ އެވެ. ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ދިން ރަހުމްކުޑަ ހަމަލާގައި އެތަކެއް މުސްލިމުންނެއް މަރާލާފައިވާއިރު، ގިނަ ބަޔަކަށް އެ ހާދިސާ ގަބޫލުކުރަން އަދިވެސް ދައްޗެވެ. ކަނާތު ފިޔައިގެ ވިސްނުމުގެ "ޓެރަރިސްޓެއްގެ" ޝިކާރައަކަށްވީ ހުކުރު ނަމާދަށް މިސްކިތުގައި ތިއްބަ އެވެ. އޭނާގެ ނަން ގަންނަންވެސް ގިނަ ބަޔަކު ބޭނުމެއްނުވެ އެވެ.

ހަނދާނަށް ގެންނަން އެއް އަޑަކުން ގޮވަމުން ދަނީ، މަރުވި 49 މީހުންނެވެ. މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންވެސްމެ އެވެ. ހިތަށް ގެންނަން ބާރުއަޅަނީ އެ މައުސޫމު ނަންތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރުވެސް ދަނީ މަރާ ހަނގުރާމަ ކުރަމުންދާ އެތަކެއް ބަޔެއްގެ ސަލާމަތަށް އެދި ދުއާ ކުރަމުންނެވެ. އަދިވެސް ސީރިއަސް ހާލަތުގައި އޮތް ދެ އަހަރުގެ ތުއްތު ފިރިހެން ކުއްޖަކާއި އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖާގެ އާއިލާ އާއެކު އެވެ.

އެ ހަމަލާގެ ފަހަތުގައި އޮތީ ނަފުރަތެވެ. އަސާސަކީ މުސްލިމުންނާއި ދެކޮޅަށް ފެތުރެމުންދާ ރުޅިވެރިކަމެވެ. ދުވަހަކު ވެސް މައާފު ނުކުރެވޭނެ އެ އަމަލު ހިންގި މީހާ ދުނިޔެއަށް އަންގަން ބޭނުންވީ ވެސް އެކަމެވެ.

އެހެނަސް، އެ ހިތާމައިން ފުރިގެންވާ އެ ހާދިސާއިން އެކި ދީންތަކުގެ މީހުންގެ ކިބައިން ފެނިގެންދަނީ ނުގުޑާ އެއްބައިވަންތަކަމެވެ. ނިއު ޒީލެންޑުގައި ދިރިއުޅޭ މުސްލިމު އާއިލާތަކަށް އެހީވެ ދިނުމަށް އެންމެން އެކުގައި ތެދުވި މަންޒަރެވެ. ދީނެއް، ނަސްލެއް ނުބެލި އެވެ. އެއް ބަޔަކު ކާބޯތަކެތި ފޯރުކޮށްދެނީ އެވެ. މަގުމައްޗަށް ނުކުންނަން ބިރުންތިބި މުސްލިމުންގެ އަތުގައި ހިފަން ދާން އަނެއް ބަޔަކު ތިބީ ތައްޔާރަށެވެ. މިލިއަނުން ފައިސާގެ އެހީތައް ވެސް ޖަމާވަނީ އެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ޖަނާޒާއަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ ހިތާމައިގާ މުޅި ދުނިޔެ ބައިވެރިވެ އެވެ. އެ ހަމަލާއިން ދައްކުވައިދެނީ ނަފުރަތާއި، ރުޅިވެރިކަމާއި ބައިބައިވުމެވެ. އެހެނަސް، އެ ރަހުމްކުޑަ ހަމަލާގެ ޝިކާރައަކަށްވި އާއިލާތަކާއެކު ނިއު ޒީލެންޑާއެކު މުޅި ދުނިޔެ ވަނީ ތެދުވެފަ އެވެ. ލޯތްބާއި، ހަމްދަރުދީއާ، އެއްބައިވަންތަކަމެވެ.