ވިކްޓަރީ

30 އަހަރަށްފަހު ވިކްޓަރީން ޓީޓީއަށް

ދުންތަރި އިބްރާހިމް މަނިކާއި، ސީވީޑް އަހްމަދު ލަތީފް ސައްޔިދު ހަސަން މެން އެކުގައި ޓީޓީ ކުޅުވައި، 1981 ވަނަ އަހަރުގެ ގައުމީ ޓީޓީ މުބާރާތް ވިކްޓަރީ ސްޕޯޓްސް ކުލަބަށް ހޯއްދަވައި ދެއްވި އެވެ.

ޖެހިގެން އައި އަހަރު ލަތީފު ވަޑައިގެންނެވީ އިންޑިއާއަށް ކިޔަވާ ވިދާޅުވާށެވެ. ދުންތަރި އިބްރާހިމް މަނިކު ބޯޓް ދަތުރު ކުރަންވަން ވަޑައިގެންނެވި ތަނުން އަނިޔާވެރިއެއްގެ އަތް ދަށުވެ ވަޅީގެ ހަމަލާއަކުން ކުއްލިއަކަށް އަވާހަރަ ވެއްޖެ އެވެ. ސައްޔިދު ހަސަންވެސް ވަޑައިގެންނެވީ ބޯޓް ދަތުރު ކުރާށެވެ.

މި ތިން ތަރިން ޓިޓީން ވަކިވެ ދިއުމުން ވިކްޓަރީވެސް ޓީޓީން ފަނޑުވެ އެ ޓީމުން ދެމެހެއްޓި ޑޮމިނެންސް ނިމުމަކަށް އައެވެ. ފަހުން ދަމުން ގޮސް، ވިކްޓަރީން ބައިވެރިވާ ކުޅިވަރު އިވެންޓްތައް މަދުވެ ހަމައެކަނި ފުޓްބޯޅަ ކުލަބަކަށް ބަދަލު ވެއްޖެ އެވެ. އެ ގޮތުގައި މިދިޔަ އަހަރާ ހަމައަށް އޮތެވެ.

ވިކްޓަރީގެ މިހާރުގެ މެނޭޖުމެންޓް މިދިޔަ އަހަރު ޑިސެމްބަރު މަހު އިންތިހާބު ވުމާއެކު މެނޭޖްމެންޓްގެ ވިސްނުން ބަދަލުވި އެވެ. ފުޓްބޯޅައިގެ އިތުރުން ޓީމު އިވެންޓްގެ އެހެން ކުޅިވަރުތަކުގައިވެސް ވާދަ ކުރުމަށް ނިންމި އެވެ. .