ހަބަރު

ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ

Mar 17, 2019
2

ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީ އިން މިއަދު އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހަައުސިން އެންޑް އާބަން ޑިވަލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން ނައިފަރުގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް "ޑިޒައިން އެންޑް ބިލްޑް" އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތު ހަމަވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލައި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000 ޔޫއެސް ޑޮލަރު ނުވަތަ އެ އަދަދު ދިވެހި ރުފިޔާ އިން ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ މާދަމާ އިން ފެށިގެން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ފިނޭންސްގެ ވެބްސައިޓުން އަންނަ ބުދަ ދުވަހުން ފެށިގެން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.